ފެމިލީ ކޯޓުން ސާބިތު ހަރަދަށް، ދަރީންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު ފޮޓޯއާއެކު އާންމުކުރަން ފަށައިފިއެވެ.
އެ ކޯޓުން މިއަދުވަނީ ސޯޝަލް މީޑިއާގައި ސާބިތު ހަރަދު ނުދޭ މީހެއްގެ މައުލޫމާތު ފޮޓޯއާއެކު އާންމުކޮށްފައެވެ.
"ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަނަވި ފަރާތަކީ ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެއްކަން، އާންމުކޮށް އަންގަމެވެ" ފެމިލީ ކޯޓުން އެ ޕޯސްޓުގައި ބުންޏެވެ.
ފެމިލީ ކޯޓުން ފޮޓޯއާއެކު ވަނަވަރު އާންމުކުރި މީހަކީ މާލޭ ދަފުތަރު ނަންބަރު އާރްއެސް 2758، އަހުމަދު އަލީއެވެ.
އާއިލާއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ދަރީންގެ ހަރަދު ނުދޭ މީހުންގެ ވަނަވަރު ކޯޓުތަކުން ހާމަކުރަން ޖެހެއެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދަރީންގެ ހަރަދު ދިނުމުގައި އިހުމާލުވާ މައްސަލަތަކަކީ އެ ކޯޓަށް އެންމެ ގިނައިން ހުށަހަޅާ އެއް ބާވަތުގެ މައްސަލައެވެ.
ދަރީންނަށް ހަރަދު ނަގައިދިނުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ދަރިންގެ ހަރަދުގެ ގޮތުގައި މިހާރު ނަގައިދެނީ އެންމެ ކުއްޖަކު ހުރި ނަމަ މަހަކު 2،000 ރުފިޔާއެވެ. އެއް ކުއްޖަކަށް ވުރެ ގިނަ ކުދީން ތިބޭނަމަ އެއިން ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ ރޭޓުން ކޮންމެ މަހަކު ފައިސާ ދައްކަން ޖެހޭނެ އެވެ.
އެ ހަރަދުތައް ދިނުމުގެ މާލީ ތަނަވަސްކަން ކުއްޖާގެ ބައްޕަގެ ނެތްނަމަ، ބައްޕަގެ ބަދަލުގައި އެހެން މީހަކަށް ޒިންމާ ވެވިދާނެއެވެ.
ނަމަވެސް ކުއްޖާގެ ބައްޕަގެ ތަނަވަސްކަން ހުރި ނަމަ ނުވަތަ ކުއްޖާއަށް އިތުރު ހަރަދުތަކެއް ކުރަން ޖެހޭ ނަމަ، އެއަށް ވުރެ އިތުރަށް ހަރަދު ނަގައިދިނުމަށް އާއިލާއާބެހޭ ގަވާއިދު ހުރަހެއް ނާޅައެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބައެއް މެޖިސްޓްރޭޓް ކޯޓުތަކުންވެސް ވަނީ ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކޮށްފައެވެ.
މުހައްމަދު އިޝާން
އާއިލާއާއި ބެހޭ ކޯޓު