ގިރާވަރުފަޅާއި ހުޅުމާލެ ފޭސް ތިނެއް ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން ޑުރެޖަރެއް ގެނެސް، ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާ ނަމަ، އެ ކުންފުންޏާއެކު ކުރިއަށްދާން ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން ހަވާލުކުރި ގިރާވަރުފަޅު ހިއްކުމާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ އިތުރުން މި ސަރުކާރުގެ ރަސްމާލެ ހިއްކުމުގެ މަޝްރޫއާ ވެސް ހަވާލުވީ ސީއެމްސީސީންނެވެ. އޭގެ ތެރެއިން ސަރުކާރުން ވަނީ ރަސްމާލެ ހިއްކަން އެ ކުންފުންޏާއެކު ވެފައިވާ އެގްރިމެންޓް ބާތިލުކޮށްފައެވެ.

އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި މީހަކު ރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ، ސީއެމްސީސީން މަސައްކަތް ކުރިއަށްނުގެންދާތީ އެގްރިމެންޓް ބާތިލުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވައިގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެ މައްސަލައަށް މުޅީން ހައްލެއް ހޯދިފައިނުވާ ކަމަށެވެ. މަސައްކަތްކުރާނީ ސަރުކާރަށް ގެއްލުން ނުވާނެ ގޮތަށް އެގްރިމެންޓް ބާތިލުކުރަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ފެށުނީއްސުރެ މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ގިރާވަރާއި ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިންމައި އެ ތަންތަނުން ގޯތި ލިބުނު ފަރާތްތަކާ ގޯތިތައް ހަވާލުކުރުމަށް ކަމަށެވެ.

"ސަރުކާރުން އޮތީ ކޮންޓްރެކްޓަރު ޑުރެޖަރެއް ގެނެސް މަސައްކަތް އަލުން ފަށާނަމަ ކޮންޓްރެކްޓަރާއެކު ކުރިއަށްދާން ތައްޔާރަށެވެ. ނަމަވެސް އެތައް ބައެއްގެ ގޯތި ހަވާލު ކުރެވެން އޮތީ ބިން ހިއްކުން ނިމިގެން ކަމުގައިވުމާއެކު ކޮންޓްރެކްޓް ނިމުމަކަށް ގެނެސްގެން ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް ނިންމުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމެކެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.

އަހާ ފޯރަމްގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ގިރާވަރުފަޅު ހިއްކެންދެން ސަރުކާރުން މަޑު ނުކުރާނެ ކަމަށާއި ލޭންޑްޔޫސް ޕްލޭނަށް ގެންނާން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ވެސް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހިއްކާފައި އޮތް 60 ހެކްޓަރުގެ ބިމުން ގޯތި ލިބިފައިވާ ފަރާތްތަކުން އެއްބަސްވާ ނަމަ، އެ ފަރާތްތަކަށް އެތަންތަން ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.