އަންނަ އަހަރުގެ ދިރާސީ އަހަރަށް މާލެ ސަރަހައްދުގެ ޕްރީ ސްކޫލާއި ގްރޭޑް އެކަކަށް ކުދިން ވައްދަން ފުރުސަތު ހުޅުވާލައިފިއެވެ.

އެޑިއުކޭޝން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އަންނަ އަހަރު މާލެ ސަރަހައްދުގެ ޕްރީ ސްކޫލާއި ގްރޭޑް އެކަކަށް ކުދިން ވައްދަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ގްރޭޑް އެކަކަށް ކުރިން ޖާގަދެނީ އެ އަހަރެއްގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ކުދިންނަށެވެ. ނަމަވެސް މިފަހަރުގެ ދިރާސީ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމުން މިދިޔަ ދެ އަހަރު، ގްރޭޑް އެކަކަށް ވެއްދީ ޑިސެމްބަރުގެ ނިޔަލަށް އުމުރުން ހަތް އަހަރު ފުރިފައިވާ ކުދިންނެވެ.

ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހު މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ، ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ ޑިސެމްބަރުގެ ނިޔަލަށް ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ކުދިންނަށް ކަމަށެވެ.

މިމަހު 24 ގައި ފުރަތަމަ ޓާމްގެ ޗުއްޓީއަށް ދެ ހަފުތާ ލިބޭ އިރު، ދެވަނަ ޓާމްގެ ކިޔެވުން ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. މިހާރު ފަށާފައިވާ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައެވެ. އަދި ދިރާސީ އާ އަހަރު ފެށުމުގެ ކުރިން މިއަހަރުގެ ބޮޑު ޗުއްޓީއަށް އެއް މަސް ލިބޭނެއެވެ.