ރާއްޖޭގައި ވެރިކަންކުރެއްވި ހުރިހާ ރައީސުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަން ނިންމައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު މިރޭ "ވަން"އަށް ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމާފައިވަނީ އެއީ ގައުމީ ކަމެއް ކަމަށްވުމުން ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއެވެ. އޭގެ ފަހުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ އެ ޓާމިނަލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމައި ހުޅުވުމެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 1.5 ބިލިއަން ރުފިޔާ އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) 1.2 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. އެ ޕްރޮޖެކްޓަށް ޖުމުލަ، ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ހޭދަވިއެވެ.
މިއަދު ގެނެސްދިން ރައީސްގެ ޕޮޑްކާސްޓު "ރައްޔިތުންނާއެކު"ގެ 8 ވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވީއައިއޭގެ އާ ޓާމިނަލްގެ ނިމިފައި އޮތީ 54 ޕަސެންޓު މަސައްކަތް ކަމަށާއި ގިނަ މަސައްކަތް ހަވާލުކުރީ މި ސަރުކާރުން ކަމަށެވެ. އަދި އާ ޓާމިނަލުގެ ކްރެޑިޓް މި ސަރުކާރާއި ކުރީގައި ވެރިކަން ކުރެއްވި ޔާމީނާއި ސޯލިހަށް ވެސް ލިބިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ގައެވެ.
ފާތިމަތު ލިއުޝާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް