ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެޗްއާރުސީއެމްގެ ދެ މެންބަރުންގެ މުއްދަތު ހަމަވާތީ އެ ދެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލުމުން އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ، އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ރައީސް އޮފީހުންނެވެ.
އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން ހެނދުނު 12:00 އަށް ރައީސް އޮފީހުންނެވެ.
ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
އެޗްއާރުސީއެމްގެ ދައުރު މުއްދަތު ހަމަވާ ދެ މެންބަރުންނަކީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ހުންނެވި މުއުމިނާ ވަހީދާއި ޝިފާއަތު އަބްދުއްރައްޒާގެވެ. އެ ދެ ބޭފުޅުން އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ނައިބު ރައީސްގެ މަގާމަށް މުއުމިނާ އައްޔަންކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެ މަގާމަށް މުއުމިނާ އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ، އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
މުއުމިނާ އާއި ޝިފާއަތުގެ އިތުރުން ދެން އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި ސަމާއު އަހުމަދު ނަޖީބު އަދި އިސްމާއިލް ހަބީބެވެ. އޭގެ ތެރެއިން މުނާގެ ދައުރުގެ މުއްދަތު ވެސް މިއަހަރުގެ ނޮވެމްބަރު މަހު ހަމަވާނެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް