ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލާއެކު ފަސިންޖަރުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ރާއްޖެއިން ލިބޭނެ ކަމަށް އެއާލައިންތަކުން ބުނެފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ވީއައިއޭއަށް ރާއްޖެ އަންނަ ފަސިންޖަރުންނަށް ރާއްޖޭގެ އެއާޕޯޓަކުން ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ލިބުމަކީ އެންމެ ދެކެން ބޭނުންވި ދުވަސް ކަމަށާއި ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލާއެކު އެފަދަ ހިދުމަތެއް ފަސިންޖަރުންނަށް ލިބޭނެ ކަމަށް އެއާލައިންތަކުން ފާހަގަކޮށްފައިވާ ކަަމަށެވެ.

މިމަހުގެ 26ގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އިއްޔެ ކުރިއަށްގެންދިޔަ ޓްރަޔަލްގައި އެއާލައިންތަކުން ބައިވެރިކޮށް، މުޅި ޕްރޮސެސް ކުރިއަށްދާ ގޮތް ވަނީ ދައްކާލައިފައެވެ.

އެމްއޭސީއެލުން ބުނީ އެ ޓްރަޔަލްގައި ފަސިންޖަރުގެ ޗެކިން މަރުހަލާ އާއި ފަސިންޖަރުން ދަތުރުކުރާ މަގުތަކާއި ބެގޭޖް ހޭންޑްލިން ސިސްޓަމާއި، ފަސިންޖަރުންގެ ބޯޑިން ޕްރޮސެސް ކުރިއަށްދާ ގޮތުގެ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

15 ޖުލައި 2025: ވީއައިއޭގެ އާ ޓާމިނަލް މިމަހުގެ 26ގައި ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން --- ފޮޓޯ/ އެމްއޭސީއެލް

އޭގެ އިތުރުން އެރައިވަލް ފަސިންޖަރުން ޓާމިނަލަށް ވަދެގެން ދާގީނާ ނެގުމާ ހަމައަށް ދާނެ މަގުތަކުގެ ޓްރަޔަލްއެއްވެސް ކުރިއަށްގެންދިޔަ ކަމަށާއި އެ ޓްރަޔަލް ވިލަރެސްކުރުމަށްޓަކައި ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކުންނާއި ޓްރެވެލް އޭޖެންޓުން ބައިވެރިވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ޓްރަޔަލްއަށްފަހު ވާހަކަދައްކަވަމުން އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން އަދި އިއްތިހާދު އެއާލައިންގެ އެއާޕޯޓް މެނޭޖަރު މުނާޒު އަލީ ވިދާޅުވީ އެއާލައިންތަކުން އެންމެ ބޭނުންވާ ކަމަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ރާއްޖޭގައި ލިބުން ކަމަށެވެ.

"އާ ޓާމިނަލާއެކު ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ރާއްޖޭގައި ލިބިގެންދާނެ. އެކަމަށްޓަކައި އެއާލައިންތަކުން ތިބީ ވަރަށް އުފަލުން،" މުނާޒު ވިދާޅުވިއެވެ.

އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ވައިސް ޗެއާމަން އަދި ގަތަރު އެއާވޭސްގެ އެއާޕޯޓް ސާވިސް މެނޭޖަރު އަހުމަދު ނަހުޝަން ނިޒާރު ވިދާޅުވީ، އާ ޓާމިނަލާއެކު ރާއްޖެ، ރާއްޖޭގެ ގޮތުގައި ރާއްޖެ އަންނަ ފަސިންޖަރުންނަށް ފެނިގެންދާނެ ކަމަށާއި އެއީ ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ ކަމަށެވެ.

15 ޖުލައި 2025: ވީއައިއޭގެ އާ ޓާމިނަލް މިމަހުގެ 26ގައި ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން --- ފޮޓޯ/ އެމްއޭސީއެލް

މެލޭޝިއަން އެއާލައިންގެ ސްޓޭޝަން މެނޭޖަރު އަހުމަދު ހަނަމް ފާއިޒު ވިދާޅުވީ އާ ޓާމިނަލްގެ ފުރިހަމަ ބޭނުން ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އެމްއޭސީއެލުން މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އާ ޓާމިނަލަކީ ފުރިހަމަ، ރީތި އަދި ފަސިންޖަރުންނާ ރަހުމަތްތެރި، ޒަމާނީ ޓާމިނަލަކަށް ވެގެންދާނެ ކަމަށެވެ.

ވީއައިއޭގެ އާ ޕަސިންޖާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލުން އަންނަނީ ވަމުންނެވެ. އާ ޓާމިނަލާއެކު ޕަސިންޖަރުންނަށް ޒަމާނީ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެމްއޭސީއެލުން ދެއެވެ.