މި އަހަރުގެ ތެރޭގައި ހަތަރު ރަށެއްގައި އައިސް ޕްލާންޓުގެ ހިދުމަތް ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާއެވެ.

މިފްކޯއިން މި އަހަރު ނިންމާ އައިސްޕްލާންޓްތައް:

  • ދ. މީދޫ އައިސްޕްލާންޓް
  • ށ. ފުނަދޫ އައިސްޕްލާންޓް
  • ދ. ބަނޑިދޫ އައިސްޕްލާންޓް
  • މ. ވޭވަށު އައިސްޕްލާންޓް

ފިޝަރީޒް މިނިސްޓްރީން ބުނީ، އެންމެ އަވަހަށް ހުޅުވޭނީ ދ. މީދޫ އައިސްޕްލާންޓް ކަމަށެވެ. އެގޮތުން އެ އައިސްޕްލާންޓްގެ ސިވިލް ވޯކްގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އައިސްޕްލާންޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް ބުންޏެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ އައިސްޕްލާންޓް ބޭނުންކުރަން ފެށޭނެކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ، ށ. ފުނަދޫގައި ހަދާ އައިސްޕްލާންޓް ސިވިލް ވޯކްގެ މަސައްކަތް ނިމިފައިވާއިރު މިހާރު ތައްޔާރުވަމުން އަންނަނީ އައިސްޕްލާންޓް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. އެ އައިސްޕްލާންޓު ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ދ. ބަނޑިދޫގައި ހަދާ އައިސްޕްލާންޓްގެ ސިވިލް ވޯކްގެ މަސައްކަތް ކުރިއަށްދާއިރު އެ ޕްލާންޓް އޮކްޓޯބަރު މަހުގެ ތެރޭގައި ނިމި ބޭނުންކުރަން ފެށޭނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ވޭވަށުގައި ހަދާ އައިސްޕްލާންޓުގެ މަސައްކަތް އަންނަ ޑިސެމްބަރަށް ނިންމާލެވޭނެ ކަމަށެވެ. އެ މަޝްރޫއުވެސް ވަރަށް އަވަހަށް މިފްކޯއާ ހަވާލުކުރާނެ ކަމަށް ބުންޏެވެ.

އެ ހަތަރު ރަށުގައި ހަދާ އައިސްޕްލާންޓްތަކަކީ 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނަ އައިސްޕްލާންޓްތަކެކެވެ.

ސަރުކާރުން އަންނަނީ މި އަހަރު އިތުރު ދެ ރަށެއްގައިވެސް އައިސްޕްލާންޓް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެއީ ޅ. ނައިފަރާއި މ. މުލަކެވެ.

ސަރުކާރުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހަދައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.