ރޭ ނިމިގެން ދިޔަ ގައުމީ 34 ވަނަ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދު ހޯދި އިރު، ފިރިހެން ޗެމްޕިއަންކަން އިބްރާހީމް ހުޖާން އަލީ ހޯދައިފިއެވެ.

މިއަހަރުގެ ގައުމީ ކެރަމް މުބާރާތުގައި ފިރިހެން އަދި އަންހެން ސިންގަލްސްގެ އިތުރުން އަންހެން އަދި ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓާއި ޓީމް އިވެންޓް ކުރިއަށް ގެނގޮސްފައިވެއެވެ. މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މުބާރާތް ނިމުނީ ރޭގައެވެ.

މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ވިދާދު ހޯދީ ފައިނަލުގައި އައިމިނަތު ނަހުފާއާ ވާދަކޮށްގެންނެވެ. ވިދާދު 2-1 ސެޓުން މެޗު ކާމިޔާބު ކޮށްފައިވާ އިރު، ނަހުފާ ފުރަތަމަ ސެޓު ގެންދިޔައީ 24-17 އިންނެވެ. އެ ސެޓު ނަހުފާ ގެންގޮސްފައި ވަނިކޮށް ވިދާދު ވަނީ 21-11 އަދި 25-8 އިން ސެޓުތައް ގެންގޮސް ހަތްވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދައިފައެވެ.

އެއީ މިހާތަނަށް ޖެހިޖެހިގެން ހަތް ފަހަރު ގައުމީ ކެރަމް ޗެމްޕިއަންކަން ކުޅުންތެރިޔަކު ހޯދި ފުރަތަމަ ފަހަރެވެ.

ހުޖާން ފުރަތަމަ ފަހަރަށް ގައުމީ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސީދާ ދެ ސެޓުން އިސްމާއީލް އަޒްމީން ބަލިކޮށްގެންނެވެ. ހުޖާން ސެޓުތައް ގެންދިޔައީ 25-10 އަދި 25-15 އިންނެވެ.

ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ޓީމް އިވެންޓްގެ ފިރިހެން ޗެމްޕިއަންކަން ކުޑަ ހެންވޭރު ޔުނައިޓެޑް ހޯދި އިރު، ޓީމް އިވެންޓްގެ ދެވަނައަކީ ތުޅާދޫ ޔަންގް އީގަލްސްއެވެ. ތިންވަނަ އަކީ އައިލެންޑާސް ހޯޕެވެ.

އަންހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަންވެސް ކުޑަ ހެންވޭރު ހޯދި އިރު، ދެވަނައަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ތިންވަނަ އަކީ ސްޕޯޓްސް ކްލަބު ފަހުލަވާލުންނެވެ.

ގައުމީ 34 ވަނަ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ނައުފަލް ޝަރީފް ހޯދި އިރު، އަންހެން ސިންގަލްސް ޗެމްޕިއަނަކީ ޒިއުނާ ބިންތު ނަޝީދެވެ.

މިފަހަރު މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ޔަމާން އަބްދުލް ޖަލީލާއި އައިޝަތު ފައިނާޒްގެ ޕެއާ ހޯދި އިރު، އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ވިޝާމާއާއި ފައިނާޒުގެ ޕެއާއެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ އަޒްމީނާއި ހުޖާންއވެެ.