ދަރިވަރުންގެ މެދުގައި މަގުބޫލު ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން 10 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަަމަށާއި ޑިސްކައުންޓް ލިބޭ ތަންތަނުގެ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ބީއެމްއެލް އިން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ފައިސާ ހަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމަށެވެ. އެގޮތުން ވަކި އަދަދެއް މަހެއްގެ މައްޗަށް ބަޖެޓްކޮށްގެން ކުދިންގެ ކުދިކުދި ހަރަދުތައް އެ ކާޑު މެދުވެރިކޮށް ކުރުމުން އެ ކުދިންނަށް ބަޖެޓިން ފަދަ މުހިންމު ކޮންސެޕްޓްތައް ދަސްވާނެ ކަމަށާއި އަދި ވަކި ޒިންމާދާރުކަމާއެކު ހަރަދު ކުޑަކުރަން ވެސް ދަސްވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.
ދަރިވަރުން އެ ކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމުލަ ހަރަދުގެ 0.5 ޕަސަންޓު ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެއެވެ.
ބީއެމްއެލުން ބުނީ ބެލެނިވެރިންނަށް އެ ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ހަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ކަމަށާއި އެހެންކަމުން ބެލެނިވެރިންގެ ފުރިހަމަ އިރުޝާދާއެކު ކުދިންނަށް ފަހިވެގެން މިދަނީ މީގެ ކުރިން އެ ކުދިންނަށް ނުލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ހިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ އެ ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި އެ ކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެއެވެ. އެގޮތުން މަހަކު 100 ޑޮލަރު ވަނީ ކަނޑައެޅިފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް، ރަޖިސްޓްރީކޮށް ލިޔެކިޔުންތައް ހުށަހެޅުމުން މަހަކު 1,200 ޑޮލަރުގެ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ލިމިޓް ކަނޑައެޅިފައިވެއެވެ.
ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް އެ ކާޑަށް އެދި ހުށަހަޅޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް