ހަރަކާތެއް ވެސް ގެންނަން ނޭނގިފައި މައިހާއަށް ހުރެވުނެވެ. އަތުގައި އޮތް ދޮލަނގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު ވެސް ކަންފަތުގައި ގުގުމަމުން ދިޔައީ ހުސްނާ ދެއްކި ވާހަކަތަކެވެ. ވިސްނެމުން ދިޔަ ވަރަކަށް އެހަޤީޤަތާއި ކުރިމަތިލުމަށް މައިހާގެ ޒަމީރު އޭނައަށް މަޖުބޫރުކުރިއެވެ. ހަލަބޮލިކަން ސިކުނޑިއަށް ވެރިވުމާއެކުގައި މައިހާއަށް ލިބުނީ އިތުރު ހާސްކަމެކެވެ. ނޭވާލާން އުނދަގޫވާން ފެށިއެވެ. ޖެހެމުންދާ ފިނި ރޯޅިތަކުގެ އަސަރު ނުކުރާ ކަހަލައެވެ.

މައިހާއަށް ވިސްނުނީ އަސަލްއާއި މެދުގައެވެ. ދެރަވީ ވެސް އެހެންވެގެންނެވެ. ޤައިލާއާއި އަސަލް ކައިވެނި ކުރީ ހާދަ ލޯބިންނެވެ. ޤައިލާއަށް އަސަލް ބަލައިލާ ފަދަ ނަޒަރަކުން ހަމަ އެންމެ ފަހަރަކު އޭނައާއި ދިމާއަށް ބަލައިލަން އެދެވުނު ވަރެއް ބުނަން މައިހާއަކަށް ނޭނގެއެވެ. އެފަދަ ޚިޔާލުތައް އުތުރިއަރައިގަންނަ ހިނދުގައި އަމިއްލަ ނަފުސަށް އަޑު ލެވުނެވެ. ތަޤުދީރުގެ ނިޔާއާއި މެދު ރުހި ޤަބޫލުވާން ބޭނުންވިއެވެ. ބަލަން ފަސޭހަ މަންޒަރަކަށް ނުވިޔަސް އަސަލްގެ ހައްޤުގައި މައިހާ ހުރީ ހިނިތުންވެލައިގެންނެވެ. ހިތް ޒަހަމްވެގެން ދިޔަ ކަމުގައި ވިޔަސް އަސަލްއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް ދުޢާކުރެވުނެވެ. ކަރުނައާއި އާހްތައް ސިއްކުރީ އެހެންވެގެންނެވެ. ދުނިޔޭގެ ހުރިހާ ހިތާމައަކަށް އަސަލްއަށްޓަކައި ކެތްކުރަން މައިހާ ހުރީ އަޒުމުކަނޑައަޅައިގެންނެވެ. ނާކާމިޔާބުވި ލޯބީގެ ހިތިކަމަށް ކެތްތެރިވީ އެހެންވެއެވެ. އަމިއްލަ އެދުން އިސްކުރާ މީހަކަށް ވާން މައިހާ ބޭނުމެއް ނުވިއެވެ. އެކުވެރިންގެ އުފަލުގައި ރުހުމާއެކު ބައިވެރިވީ އެހެންވެގެންނެވެ.

އެހެނަސް އެދުވަސްތައް ބަދަލުވެއްޖެއެވެ. އަސަލްއަށް ލިބޭނެ ހިތްދަތިކަން ތަސައްވަރުކުރެވުމާއެކު މައިހާގެ މޭގައި ތޫނު ރިހުމެއް އުފެދުނެވެ. ހިތުގައި ޖަހަން ފެށި ކޮންމެ ވިންދަކާއެކުގައި ރިހުން ގަދަވުން ނޫންކަމެއް ނުވިއެވެ. ވޭންތަކުން އޭނައަށް ހަނދުމަކޮށްދިނީ ބަދަލުނުވި އިހުސާސްތަކެވެ. ހިނދުރީގައި ނޭވާ ހިނގާހާ ހިނދަކު އެއިހުސާސްތައް ބަދަލެއް ނުވާނެއެވެ. އިންތިޒާރުކުރެވޭނީ އަސަލްގެ އިޝާރާތަކަށެވެ. ކުލަނުވާނެ ހުވަފެނެއްކަށް ވިޔަސް ހެވެވެ. އެއީ އޭނަގެ ބަދުނަސީބެވެ.

ކަރުނައިގެ ދިލަކަން ލޮލުން ފާޅުވުމާއެކު މައިހާއަށް ތެޅިގަނެވުނެވެ. ކަށިން ނެރުނު ހިތްވަރާއެކުގައި ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ބިމުގައި ފައިތިލަ ސާބިތުކުރެވިދާނެ ކަމާމެދުގައި ވެސް ޝައްކު އުފެދުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މައިހާ ގޮސް ވަނީ ވަކިން ހުރި ބަދިގެއަށެވެ. އެތެރޭގައި ހުރި މޭޒުގައި ދޮލަނގަ ބަހައްޓަމުން މޭޒުގެ ފައިލާކޮޅުގައި އުނަގަނޑު ޖައްސާލެވުނެވެ.

ލޮލަށް ކަރުނަ ޖަމާވީ ދެނެވެ. އޭނަގެ އިހްތިޔާރެއް އެކަމުގައި ނުވާ ކަހަލައެވެ. މައިހާއަށް އިސްޖަހާލެވުނެވެ. އެސްފިޔަތަކަށް ބަރުވި ކަރުނަތައް ކޯތާފަތުގައި ރޮނގުދަމާލައިފިއެވެ.

''ކިހިނެއްމިވީ؟، އެލީ... ކީއްވެ؟... ކީއްވެ އެހެން އަޒްއާއި މެދު ކަންތައްކުރީ؟... އަހަންނާއި މެދު ކޮންމެ ގޮތަކަށް އެލީ ކަންތައް ކުރިޔަސް އަހަރެން ކެތްތެރިވާނަން، އުފްއޭ ވެސް ނުބުނާނަން، އެކަމަކު އަޒް... އަޒް ލޯބިވާވަރު ނުފެނުނީ ކީއްވެގެންތަ؟... އަޒްގެ ލޯތްބަކީ ކިހާ ބޮޑު ނިއުމަތެއްކަން އެލީއަށް ނުވިސްނުނީ ކީއްވެ؟... އަޒް ހާދަ ދެރައެއް ވާނެޔޭ...'' ދެތުންފަތް ޖައްސާ ފިއްތާލަމުން މައިހާއަށް ހިމޭންކަމުގެ ދުލުން ޝަކުވާތައް ބަންޑުންކޮށްލެވުނެވެ. ލިބުނު ޚަބަރެއްގެ ސަބަބުން މުޅި މީހާގެ ހަމަޖެހުން ގެއްލިގެން ގޮސްފިއެވެ. އޭނަގެ ޚިޔާލުތައް ގުޅިފައިވަނީ އަސަލްއާއެވެ. ޤައިލާގެ ބޭވަފާތެރިކަން އެނގުމުން ލިބޭނެ ޝޮކެވެ. ވާނެ ދެރައެވެ. ވަރިއާ ހަމައަށް ދާއިރުގައި އެކަނިވެރިވާނެ މިންވަރެވެ.

މޫނުގައި އަތް އަޅަމުން މައިހާއަށް ރޮވުނެވެ. އެކަރުނަތާއި މެދު ހަމްދަރުދީވާނެ މީހަކު ނެތްކަމުގައި ވިޔަސް މެއެވެ. ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކުގައި މައިހާ ދޮރަށް ފުރަގަސް ދިނެވެ. އަވަސްއަވަހަށް ކަރުނަ ފޮހެލިއެވެ. ހަށިފުރާ ދިގު ނޭވާއެއް ދޫކޮށްލަމުންނެވެ. އެދަނޑިވަޅުގައި ގިސްނުލެވުނީ ހަމަ ކިރިޔާއެވެ.

''މޭއި...'' އިވުނީ ނަވްރާގެ އަޑެވެ. މައިހާއަށް ހުރެވުނީ ހަރަކާތެއްކޮށްލަން ވެސް ނޭނގިފައެވެ.

މައިހާއާއި ނަޒަރު ވަކިކޮށްލުމެއް ނެތި ނަވްރާ ބަދިގެއަށް ވަނެވެ. މައިހާގެ ފުރަގަހުން ހުއްޓެމުން، މައިހާގެ ކޮނޑުގައި ނަވްރާ ހިފާލިއެވެ. ހިމޭންކަމުގެ ސުކޭތެއް ފާއިތުވެގެން ދިޔަ ފަހުން ނަވްރާގެ އަތުގައި މައިހާ ބާރަށް ހިފިއެވެ. ނަވްރާއަށް އޭނަގެ ހާލަތު ވިސްނުމުން މައިހާ ހައިރާނެއް ނުވިއެވެ. އެހީމެންކަމަށް ޝުކުރުވެރިވެވުނެވެ.

''ދޮންތިއަށް ބަލާބަލަ...'' ނަވްރާ އެދުނެވެ. އެވަގުތު ނޫނެކޭ ބުނުމުގެ ގޮތުން މައިހާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނަގެ އުދާސްތައް ނަވްރާއަށް ފެންނަން މައިހާ ބޭނުމެއް ނުވިއެވެ. ކަންބޮޑުވާނެތީއެވެ. ސިއްރުނުކުރެވޭނެކަން އެނގޭ ހާލުގައި ވެސް މެއެވެ.

''މޭއި...'' އޯގާތެރިކަމާއެކު ނަވްރާ ގޮވާލިއެވެ. މައިހާ އަނެއްކާ ވެސް ބޯހޫރާލިއެވެ.

މައިހާއަށް މަޖުބޫރުކުރަން ނަވްރާ ފަސްޖެހުނެވެ. މައިހާ ރޮނީކަން އޭނައަށް ދެނެގަނެވުނެވެ. ދެރަވެސް ވިއެވެ. މައިހާއަށް ލިބުނު ޝޮކު ފެނި އޭނަ އައީ މައިހާގެ ހާލުބަލައިލާށެވެ. ވާހަކަދައްކާށެވެ.

''އެކަނިވެލަން ބޭނުމީ...'' މައިހާ އެދުނެވެ. ނަވްރާއަށް މައިހާގެ ބުރަކަށީގައި ފިރުމާލެވުނެވެ. މައިހާއާއި މެދު ކަންބޮޑުވެފައި ހުއްޓަސް މައިހާގެ އެދުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ.

''ކޮޓަރިއަށް ގޮސްލަންވީނު؟، ދޮންތި ބުނާނަން މޭއި ފާޚާނާއަށް ދިޔައީއޭ، އެކަމަކު ދޮންތި ދޭނީ ތިރީސް މިނެޓް، އެއަށްވުރެ ގަނައިން ވަގުތު ނުދެވޭނެ... ދޮންތި ބޭނުން މޭއިއާ ވާހަކަދައްކާލަން...'' ނަވްރާ ބުންޏެވެ.

މައިހާ ހިނގައިގަތީ ބަދިގެއިން ނިކުންނާށެވެ. އުނދޯލީގައި ތިބި މަންމަމެންނަށް ދިން އަވަސް ނަޒަރާއެކުގައި ފިޔަވަޅު ބާރުކޮށްލިއެވެ. ނަސީބަކުން މަންމަމެން ތިބީ ހުސްނާގެ ވާހަކައިގެ ތެރެއަށް ގެއްލިފައެވެ. ލޮލުގައި އަޅައިގަތުމުގެ ކުރިން މައިހާއަށް މައިގެއަށް ވަދެވުނެވެ. މަޑުޖެހިލުމެއް ނެތި ބާރުބާރަށް ހިނގާފައި މައިހާ ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުން ދޮރަށް ލެނގިލެވުނެވެ. މޭގައި ރިއްސާތީ ފިރުމާލެވުނެވެ. އެގޮތުގައި ފާއިތުވީ ކިހާއިރެއްކަމެއް ބުނަން ވެސް ދައްޗެވެ.

*****

މައިހާ ނިކުމެގެން ދަންދެން ބަލަން ހުރެފައި ނަވްރާ މިސްރާބު ޖެހީ ޖޯއްޔާއި ދިމާއަށެވެ. މައިހާގެ ފަޅުކަން ފޫބައްދާލުމަށެވެ. އޭރު ވާހަކައިގެ މިސްރާބު އަސަލްއިން ނެއްޓިއްޖެއެވެ. މިހާރު ދެކެވެމުން ދިޔައީ ރަށު ކައުންސިލުން އަޟުޙާ ޢީދަށް ވަމުން އަންނަ ތައްޔާރީތަކެވެ.

*****

ކޮޓަރީގެ ހަތަރު ފާރު އައިސް އޭނަ ފިއްތާލަން އުޅޭހެން މައިހާއަށް ހީވިއެވެ. ބޮލުގައި ރިއްސާ ގޮތްވުމުން ބުރުގާ ނަގައި ރީތިވާ މޭޒު މަތީ ބޭއްވިއެވެ. އެއަށްފަހު ކޮޓަރީގައި ކުރުކާލި ކަނޑަން ފެށިއެވެ. އޭރު މުށުތެރޭގައި އޮތެވެ. އޭނަގެ ސިކުނޑި ހަލުވިމިނުގައި މަސައްކަތްކުރެއެވެ. އަސަލްއަށް ގުޅަން މައިހާ ބޭނުން ވިއެވެ. އަސަލްގެ ހާލު އެނގިގެން މެނުވީ ދެން އޭނައަށް ހަމަޖެހުމެއް ނުލިބޭނެތީއެވެ. ނަމަވެސް އޭނައަށް ހުރަސް އެޅީ ފުރަން އެއާޕޯޓަށް ދިޔަ ދުވަހު އެދެމެދަށް ވެރިވި ދުރުކަމުގެ ސަބަބުންނެވެ. އެއާއެކު މައިހާގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

''އަޒްއަށް މިވަގުތު އެކުވެރިޔަކު ބޭނުންވާނެ، ހިތާމަތައް ހިއްސާކުރެވޭނީ އޭރުން... އަހަރެން ބޭނުން އަޒްގެ ގާތުގައިވާން... އެކަމަކު އަހަރެން އަޒް ދުރުކޮށްލީ، ރަނގަޅު އެކުވެރިޔަކަށް ވެސް ނުވެވުނު... އައިމް ސޮރީ...... އެލީގެ ރުޅިވެރިކަމާއި ކުރިމަތިލާން އަހަންނަށް ނޭނގުނީ، އައި ވޯންޓެޑް ޓު ޖަސްޓިފައި ހާ ބިހޭވިއާ... މިއަދު އެނގިއްޖެ އެލީގެ މިޒާޖު ދަސްނުވާނެކަން......'' މައިހާއަށް އެނދުގައި އިށީނދެވުނެވެ. އޭނަގެ ދެލޯ ފުރުނީ ތާޒާ ކަރުނުންނެވެ.

އިށީނދެގެން އިންނަން މައިހާއަށް ފަސޭހަކަމަކަށް ނުވިއެވެ. ހައިޖާންގަނޑެއްގެ ތެރެއަށް ގެނބެމުންދާ ކަހަލައެވެ. އެނދު މައްޗަށް ފޯނު ދޫކޮށްލާފައި އޭނަ ކޮޅަށް ތެދުވިއެވެ. އަސަލްއަށް ގުޅަން ފަސެޖެހުމުން އަސަލްގެ ހާލު އޮޅުންފިލުވާނެ ދޮރު މައިހާއަށް ބަންދުވިއެވެ. އެއާއެކު އޭނަގެ ނަފުސު ތެޅިފޮޅިގަތެވެ. ހަތަރު އުދަރެސް ފެނު ޖެހުނެވެ. މެޔަށް ބާރުވެ ނޭވާލާން ދަތިވާ ހިސާބަށް ގޮސްފިއެވެ.

ގޮތް ހުސްވެގެން މައިހާ އެނބުރުނެވެ. ތަޤުދީރާމެދު ޝަކުވާކުރެވުނު އަދަދެއް ނޭނގުނެވެ. ވިސްނުނު ވަރަކަށް ޤައިލާއަށް އޭނަ ކުރި އިތުބާރު ވެސް އޮޔާލާ ހިނގައްޖެއެވެ. ޤައިލާއާއެކު ބޭރަށް ދިޔަ ރޭގައި އެކުވެރިކަމުގައިލީ ރެނދުތައް ވެސް ފުޅާ ވެއްޖެއެވެ. މިފަހަރު ރުޅިއާދެވުނީ މައިހާ އަށެވެ. އަސަލްއަށް ޤައިލާ ބޭވަފާތެރިވުމުންނެވެ. ޤައިލާ ދެކެ އަސަލް ވީ ލޯތްބަށް ޤަދަރުނުކުރީތީއެވެ. އޭނަވި ޤުރުބާނީތަކުގައި އެއްވެސް އަގެއް ނެތް ފަދައެވެ. ޤައިލާއަށް އޭނަ ހާދަ އިތުބާރެއް ކުރި ނޫން ހެއްޔެވެ؟ ގާތް އެކުވެރިޔެއްކަމުގައި ދެކުނެވެ. ދުނި އުމުރަށް އަސަލް އުފަލުގައި ބަހައްޓަދޭނެކަމަށް ވެސް އުއްމީދުކުރިއެވެ. އަހަރުތަކެއް ކުރިން ޤައިލާ އޭނަ ގާތު ދެއްކި ވާހަކަތައް ވެސް ކަންފަތުގައި ގުގުމާލިއެވެ. ޤައިލާއަށް އަސަލް ކަމުދާ ވާހަކައެވެ. ދެމީހުންގެ ޖޯޑު ވަރަށް ގުޅޭކަމެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަސަލް ލޯބި ހުށަހެޅި ވާހަކަ ވެސް ހިއްސާކުރިއެވެ. އެދުވަސް އޭނަގެ ހަނދާނުގައި ބިންވަޅު ނެގުނީ ގަދަފަދަ ޒަލްޒަލާއެއްގެ އުސޫލުންނެވެ. ޅިޔައެޅުނު ހިތުގެ ފާރުތަކަށް ޝިފާއެއް ނުލިބުނެވެ. އެއީ ފަސޭހަ ނުވާނެ ފާރުގަނޑެކެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގަމުން ގޮސް ދެފައި ވާޅުވާން ކައިރިވުމާއެކުގައި އެނދުގެ ފޭޑި ކައިރިން ޓައިލްސްތަކުގެ މަތީގައި މައިހާއަށް އިށީނެވެ. ދެފައިގެނެސް މޭގައި ޖައްސާލީ މީހާ ކުޑަވާން ބޭނުންވެގެންނެވެ. ގަދަޔަށް ބޮލުގައި ރިއްސަން ފެށުމުން، ބޭސްގުޅައަކުން ރިހުމަށް ލުޔެއް ލިބޭތޯ މައިހާ އުޅުނެވެ. ކޮޅަށް ތެދުވާން އުޅެނިކޮށް އޭނަ ހުއްޓުން އެރީ ކޮޓަރީގައި ހުންނަ ފޮތް ކަބަޑުމަތީ ހުރި ކަރުދާސްފޮށި ފެނުމުންނެވެ. ވަގުތުން ބޭސްކެއުމުގެ ޚިޔާލު ދޫކޮށްލެވުނެވެ.

ފޮތް ކަނބަޑު ކައިރިއަށް ހުއްޓެމުން މައިހާ ފޮށިގަނޑު ނެގިއެވެ. ފޮށިގަނޑު ތިރީގައި ބަހައްޓަމުން ދެފައި ވަށްކޮށްލަމުން ޓައިލްސްތަކުގެ މަތީ އިށީނެވެ. ފޮށީގައި ހިރަފުހުގެ އަސަރު ހުރުމުން ފުމެލިއެވެ. ނޯށަށް ވަން ހިރަފުހުގެ އެތިކޮޅުތަކާއެކު ކިނބިހިއަޅައިގަތުމާއެކު ނޭފަތުގައި އިނގިލިއެވެ. ހަމައަށް އެޅުމުން މައިހާ ފޮށި ހުޅުވާލިއެވެ. އެއީ އޭނަ ސްކޫލްގައި އުޅުނުއިރު ކުރަހަން ބޭނުންކުރި ސާމާނުތަކެވެ. ގިނައީ އަސަލްގެ ފަރާތުން ލިބުނު ހަދިޔާތަކެވެ. ފެންކުލައާއި ފިހިތަކެވެ. ބޭނުންކޮށް ކުލަ ހުސްވެ ފިހިތައް ހަލާކުވެފައި ހުއްޓަސް އެތަކެތި އުކާލާކަށް އޭނަ ހިތެއް ނޭދުނެވެ.

ފޮށި ތެރެ ހާވަން އުޅުނު މައިހާގެ ލޮލަށް ކަރުނަ ޖަމާވީ އެންމެ ދަށުގައި އޮތް ކުޑަ ސްކެޗްބުކް ފެނުމުންނެވެ. އެއީ ބަނޑޭރިބޭގަނޑުގައި ފެހިކުލައިގެ މަހުމާއިން ފަރުމާކޮށްފައިވާ ފޮތެކެވެ. ބޭރުގަނޑުގެ ވަށައިގެން ރަބަރުގަނޑެއް ވެސް ހަރުކޮށްފައި ހުއްޓެވެ. ބޭރުގަނޑުގެ އަރިމަތިން ދިވެއްސާއި އިނގިރޭސި ބަހުން ''މައިހާ''ގެ ނަން ޖަހާފައި އޮތެވެ.

ބަނޑޭރިގަނޑުގައި މައިހާއަށް ފިރުމާލެވުނެވެ. ތުރުތުރުލުން އެފެދުނު ތުންފަތް ފޫއަޅުވާލައި އާހެއްގެ އަޑު ނިކުތެވެ. ސްކެޗްބުކްގައި އަތްނުލާތާ ވީ އަހަރެއް ވެސް ނޭނގެއެވެ. އޭގައި ފޮރިވިފައިވާ ހަނދާންތަކުން އިތުރު ހިތާމަތަކެއް މެނުވީ ނުލިބޭނެތީއެވެ. މިއަދު މައިހާ ބޭނުންވީ އެތަދާއި ކުރިމަތިލާށެވެ. އަލަތު ލޯބީގެ ހިތިކަން އާލާކުރާށެވެ. އެއިހުސާސްތަކަށް ފިލަން އުޅުނަސް ކާމިޔާބު ނުވާނެތީއެވެ.

މޭގައި ފިރުމާލާފައި ސްކެސްބުކްގެ ރަބަރުގަނޑު ނައްޓާލިއެވެ. ފުރަތަމަ ގަނޑުތަކުގައި ހުރީ އިރުއޮއްސޭ މަންޒަރުތަކެވެ. ސައިމަލާއި ފިނިފެންމަލުގެ ކުރެހުންތަކެވެ. މައިހާގެ ކުޅަދާނަކަން ކޮންމެ ކުރެހުމަކުން ހާމަކޮށްދެއެވެ. ފޮތުގެ މެދާއި ހަމައަށް ދެވުމުން ސަފުހާތަކުގައި ހުރި ތަސްވީރުތައް ބަދަލުވާން ފެށިއެވެ. ފަންސުރުން މުޅިން ވެސް ކުރަހާފައި ހުރީ އަސަލްގެ މޫނެވެ. ހަތަރެސްކަން މޫނުގެ ބައްޓަމެވެ. ކަތުރުކަށިގަނޑުގެ ފުރިހަމަކަމެވެ. ކަޅުކަންގަދަ ބުމައެވެ. ފުންކަނޑެއްފަދަ ތޫނުފިލި ދެލޮލެވެ. އަސަލްގެ ހިނިތުންވުންތަކެވެ. އިސްތަށިގަނޑުގައި އަތްތިލަ ހިންގާލާ ތަނެވެ. އެކުރަހުންތަކުން އެކަނިވެސް އަސަލްއަށް މައިހާ ދޭ ސަމާލުކަން ހާމަކޮށްދެއެވެ. އެއީ މުޅިންވެސް ސިއްރުސިއްރުން މައިހާ ކުރަހާފައިވާ ތަސްވީރުތަކެވެ. އަސަލްއަށް ހިތުން ދެވުނު މަޤާމު ބަޔާންކުރަން މައިހާއަށް ފަސޭހަވީ ކުރެހުންތަކުގެ ޒަރިއްޔާއިންނެވެ. އަސަލްއަށް އެތަސްވީރުތައް ވެދުންކޮށް ލޯބިވާކަން ހާމަކުރުމުގެ ނިޔަތެވެ. އަސަލްގެ ފަރާތުން ލިބުމަށް އެދުވުނު ލޯތްބާއި، ވަފާ އޭނައަށް ދޭނުތޯ އަހާށެވެ. އެހެނަސް... އެހެނަސް މައިހާއަށް އެފުރުސަތެއް ނުލިބުނެވެ. އޭނައަށް މަޖުބޫރުވީ އަސަލްގެ ހަޔާތުން އެހެން އަންހެންކުއްޖަކަށް ޖާގަ ލިބުނު މަންޒަރު ބަލާށެވެ. ހިތް ފުނޑުފުނޑުވެފައިވާ ހާލުގައެވެ.

ލޮލުގައި ބަބުޅަން ފެށި ކަރުނަ ތިއްކެއް ވެއްޓުނީ އަސަލް ހިނިތުންވެލައިގެން ހުއްޓާ މައިހާ ކުރަހާފައިވާ ތަސްވީރެއްގެ މައްޗަށެވެ. ކަރުނަ ތިކި ސަފުހާގެ ތެރެއަށް ފޭދުނެވެ. ފަންސުރުގެ ކުލަތަކާ އެކުވެގެންނެވެ.

މައިހާއަށް ބަލަން އިނދެވުނީއެވެ. ދަތްދޮޅިން ލާފައި ފަހަރަކު ކަރުނައެއް ފައިބަމުން ދިޔައެވެ. އަސަރާއެކުގައި މައިހާއަށް ލޯމަރާލެވުނެވެ. ދާދި ގާތުން އަސަލްގެ ފިރިހެންވަންތަ ހުނުމުގެ އަޑު އިވުނުހެން މައިހާއަށް ހީވިއެވެ. އޭރު އޭނައަށް ހުރެވުނީ ކޮޓަރީގައެއް ނޫނެވެ. ވަށައިގެންވި މާހައުލު ބަދަލުވެއްޖެއެވެ. އޭނައަށް ހުރެވުނީ ރަށުގެ ތުނޑީގައެވެ. ހާސްތަރިތަކުން ބަބުޅަމުންދާ އުޑުދަށުގައެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑު އިވިއިވި ހުއްޓެވެ. ފިޔަވަޅުތައް މަޑުޖައްސާލަމުން މައިހާ ފަސްއެނބުރުނެވެ. އަސަލް އައިސް އޭނައާއި އަރާހަމަކޮށްލީ އެވަގުތެވެ. މާހައުލަށް ވެރިވެފައި އޮތް ހަނދުވަރުގެ ފަނޑު އަލިކަމުގެ ތެރޭން އަސަލްގެ ތޫނު ނަޒަރު ހުއްޓުމުން މައިހާގެ މެޔަށް ފިނިވެލިއެވެ.

''ޑޭމް، ޔޫ އާރ ފާސްޓް... މޭއި ވާނެ ސްކޫލްގެ އެތްލެޓިކް ޓީމަށް ޖޮއިންކުރަން...'' ސަމާސާ ރާގަކަށް އަސަލް ބުންޏެވެ.

''ތިކަމާ އެބަ ވިސްނަން، އެކަމަކު އޭރުން އަޒް އަންނާނީ ދެވަނައަށް...'' މައިހާ ލުއި ހުނުމަކާއެކު ބުންޏެވެ. އަސަލްއަށް ވެސް ހެވުނީއެވެ. އުފާވެރި ހުނުމުގެ އަޑު މާހައުލުގައި ގުގުމާލިއެވެ.

''ތިވަރަށް ހެނިކޮށް ޖިންނިއަކަށް އަޑުއިވިދާނެ...'' ކުރިއަށް ފިޔަވަޅެއް އަޅަމުން އަސަލް ބުންޏެވެ. ލާނެއްކަން ދެލޮލުގައި ވެއެވެ.

''ހޫމްމްމް... އޭރަށް އަހަރެން ގޮވައިގެން ޖިންނި ގެންދާނެ ދޯ ޖައްވުގައި އުދުހިލަން؟...'' މައިހާ ފަހަތަށް ޖެހިލިއެވެ. އަސަލްގެ ނަޒަރު އޭނައާއި ވަކިނުވާތީ މައިހާގެ ހިތް ބާރުބާރަށް ތެޅެއެވެ.

''ހައު ރޮމޭންޓިކް...'' އަސަލް ދިމާކޮށްލުމާއެކު މައިހާ ލޯއަޅާލިއެވެ. ހެވިދާނެތީ އަސަލްއަށް ތުން ފިއްތާލެވުނެވެ.

''ދެން ހިނގާބަލަ ރެދަން ބަލަން...'' މައިހާ ހިނގައިގަތީ ރާޅުފަށާއި ދިމާއަށެވެ. ފަޔާއި ވަކިކޮށްލި ފައިވާނު އެއްއަތުން ހިފަހައްޓާލަމުން، ލައިގެން ހުރި ހަރުވަޅި ވެސް ފައިގެ ތަނބިކައްޓާ ހަމައަށް ހިއްލާލައިފިއެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކާއެކުގައި އެދިމާ އޮތީ ރެދަނުގެ ޖާދުލުން ދިއްލާލާފައެވެ. ދޮންވެލިގަނޑުގައި ފިޔަވަޅުގެ ނިޝާން ޖެހުމާއެކު ނޫކުލައިން ފިޔަވަޅުތައް ދިއްލުނެވެ. މައިހާގެ ހުނުމުގެ އަޑު މާހައުލުގައި ގުގުމާލިއެވެ.

''މާމަމެން ބުނެއެއްނު ރެދަންލަނީ ކަނޑު ފުރޭތައިން އަރާތީއޭ...'' އަސަލްގެ ބުންޏެވެ. ފަސްއެނބުރި މައިހާ ބަލައިލިއެވެ. އަސަލް ހުރީ ކުރިން ވެސް ހުރި ފިޔަވަޅުމަތީގައެވެ. މައިހާއަށް ނަގައިގަނެވުނެވެ. އޭނަގެ ތުންފަތާއި ކުޅެލީ ލާނެއް ހިނިތުންވުމެކެވެ.

''އަސަލް ހައިދަރު، އާ ޔޫ ސްކެއާޑް؟...'' މައިހާ އެހިއެވެ.

''ނޫން!...'' އަސަލް ދެކޮޅު ހެދިއެވެ.

''އެހެންވިއްޔާ އާދެބަލަ އަހަރެން ގާތަށް، ހާސްނުވޭ، ކަނޑު ފުރޭތައެއް ފެނިއްޖެޔާ އަހަރެން އަޒް ސަލާމަތްކޮށްދޭނަން، މީ އަހަރެންވާނެ ވަޢުދެއް، އަހަރެން މީ އަޒްގެ ހަށިފާރަވެރިޔާ...'' ސާމާސާކޮށްލަމުން މައިހާ ބުންޏަސް އެހިތުގެ ހާލު ކޮންމެވެސް ސިފައެއްގައި ބުނެވުނު ފަދައެވެ.

''އެހެންތަ؟، ތިހެންވެއްޖެއްޔާ ނިމުނީ...'' ޖިންސުގެ ފައިކުރި އޮޅަމުން އަސަލް ހިނިތުންވެލިއެވެ. ފައިވާން ދޫކޮށްލާފައި އަސަލް ކުރިއަށް ހިނގައިގަތެވެ. މައިހާ ހުރީ އަސަލްގެ ފިރިހެންވަންތަކަމަށް ގެއްލިފައެވެ. އުމުރުން އަށާރަ އަހަރުގެ އަސަލްއަކީ މައިހާގެ ހުވަފެންތަކުގެ ރާޖާއެވެ. އިސްކޮޅުން ދިގުވެފައި ކަސްރަތީ ހަށިގަނޑެއް ލިބިފައިވެ އެވެ. ފުޓުބޯޅަ ކުޅުމުގެ އިތުރުން އަސަލްއަކީ ސްކޫލްގެ އެތްލެޓިކްސް ޓީމުގެ މެމްބަރެކެވެ. ކުޅިވަރާއި އެއްވަރަށް ކިޔެވުމަށް ވެސް އެހާމެ މޮޅެވެ. ޒުވާން އަންހެންކުދިންގެ ހިތްތައް ކަތިލާނެ ފަދަ ބާރެއް އަސަލްއަށް ލިބިފައިވެއެވެ. ހިނިތުންވެލާއިރުގައި އަސަލްއަށް އެކަން ނޭނގެނީ ބާވައެވެ. މައިހާގެ ހިތް ވެސް އިހުތިޔާރުން ދޫވެއްޖެކަން ރޭކާލިތާ މިހާރު މަސްތަކެއް ވެއްޖެއެވެ. ގާތް އެކުވެރިޔާއަށް ޖަޒުބާތުތައް އުތުރިއަރަންފެށީ ނޭނގި ހުއްޓާއެވެ. ފުރަތަމަ މައިހާ އުޅުނީ އެއީ ކުށްހީއެއްކަމުގައި ހަދާށެވެ. ނަމަވެސް ދުވަސްފާއިތުވި ވަރަކަށް އޭނަގެ ހިއްސުތައް އޭނައަށް ކަމެއް ބުނެދޭން އުޅުނެވެ. އަސަލް ފެނުމާއެކު ކުރުވާ ނޭވާތަކެވެ. މަޔަށް ވެރިވެގެންދާ ފިނިކަމެވެ. ކޮކާތައްވެސް އުދުހިލައެވެ.

(ނުނިމޭ)