ކ. ކާށިދޫން 400 އަށްވުރެ ގިނަ ގޯތި ދޫކުރަން އިއުލާނު ކޮށްފި އެވެ.
މި މަހު 9ގައި ކާށިދޫ ކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެރަށު ރަށްވެހީންގެ އިތުރުން އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ގޯތި ދޫކުރާނެ އެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ދެ ކެޓަގަރީއަކުން ޖުމުލަ 410 ގޯތި އެރަށުން ދޫކުރަން ވަނީ ނިންމައިފަ އެވެ. އެ ކެޓަގަރީތަކަކީ:
- ކެޓަގަރީ އޭ: މި ކެޓަގަރީގައި ގޯތި ދޫކުރަނީ ކާށިދޫގެ ރަށްވެހީންނާއި، ކާށިދޫ ރަށްވެހީންނާ ކައިވެނިކޮށްގެން ކާށިދޫގައި ދިރިއުޅޭ މީހުންނާއި، ކައިވެނީގެ ގޮތުން ފިޔަވައި ކާށިދޫއަށް ހިޖުރަކޮށް، ރަށްވެހިކަން ބަދަލުކޮށް ކާށިދޫގައި ދިރިއުޅޭ ފަރާތްތަކަށާއި ކާށިދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް
- ކެޓަގަރީ ބީ: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް
ކެޓަގަރީ އޭގެ ދަށުން 400 ގޯތި އަދި ކެޓަގަރީ ބީގެ ދަށުން 10 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. ގޯއްޗެއްގެ ބޮޑު މިނަކީ 2000 އަކަފޫޓެވެ.
އެ ގޯތިތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު އަންނަ މަހު 14ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1 ގެ ކުރިން ކާށިދޫ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހު 15 އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށެވެ.
އިތުރު މައުލޫމާތު އެ އިދާރާގެ ނަންބަރު 6645377 އާއި ގުޅުމުން ލިބޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އާއިޝަތު މާހާ
ކ. ކާށިދޫ
ކ. ކާށިދޫ
ކ. ކާށިދޫ
ކ. ކާށިދޫ