ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް މީހުން ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަަމަށް އިސްލާމީ ފަތުވާދޭ އެންމެ މަޖިލީހުން ބުނެފި އެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން އެ މަޖިލީހަށް މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

އެ މައްސަލައަށް ގޮތެއް ނިންމުމަށް ފަތުވާ މަޖިލީހުން ވަނީ، ހައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގެ އަލީގައ،ި އެ މައްސަލަ ދިރާސާކޮށްފަ އެވެ.

އެ ދިރާސާތަކަށް ފަހު ފަތުވާ މަޖިލީހުން ނިންމާފައިވަނީ އާއްމު ރައްޔިތުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެކުންފުނިން ކަމަށެވެ.

ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހައްޖު ކޯޕަރޭޝަނުން ބޮލަކަށް ނަގަނީ 69،965 ރުފިޔާ އެވެ. އެއްފަހަރާ ދެއްކުމުގެ ބަދަލުގައި އެކި މިންވަރުން ދައްކަމުންގޮސް ހަމަކުރެވޭ އުސޫލެއްވެސް ގާއިމުކޮށްފައި އޮވެއެވެ.

ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ބޮޑު ކިޔުއެއް މިހާރުވެސް ހައްޖު ކޯޕަރޭޝަންގައި އެބައޮތެވެ.