ގައުމީ ހަގީގަތްތައް ދައްކުވައިދޭ، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް އޮފީހުގެ ވެބްސައިޓު މެދުވެރިކޮށް މިއަދު ފޮނުއްވި މެސެޖުގައި ރައީސް ވަނީ، ރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާ އިރު، މުސްތަގުބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައި، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭހެން، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދިނުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

އަދި ދަރިމައިވުމާއި ގުޅުންހުރި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކައުންސެލިންގްއާއި، ވަށާޖެހޭ ފުރިހަމަ ސިއްހީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުމުގެ މުހިންމުކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ގައުމީ ހަގީގަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ގައުމު ތައްޔާރުކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސްގެ މެސެޖުގައި ވަނީ ގޮވާލައްވައިފައެވެ.

އޭގެ އިތުރުން، ދުރުރާސްތާއަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ގައުމީ ހަގީގަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ގައުމު ތައްޔާރުކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސް ވަނީ ގޮވާލައްވައިފައެވެ.

އާބާދީ ދުވަހާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވެސް ރައީސް ވަނީ މެސެޖެއް ދެއްވައިފައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވީ އެންމެނަށް ހަމަހަމަ ފުރުސަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މުހިންމުކަމާ މެދު ވިސްނާން ޖެހޭ ކަމަށާއި 2062 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.

އެކަމުގެ އަލީގައި މި ސަރުކާރަކީ އުމުރުން ދުވަސްވީ މީހުންނާއެކު ގޮންޖެހުންތައް ވެސް ބަލައިގަނެ، މުސްތަގުބަލު ބައްޓަންކުރުމަށް ތައްޔާރުވެފައިވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތުގައި ދެމިއޮންނާނެ ސަރުކާރެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.