ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ހޯކްސްއަށް ސްމަގްލިން ދައުވާކުރެވޭ ގޮތް ވެފައިނުވަނީ ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ނެތުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައިވަނީ، ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ހޯކްސްއަށް ސްމަގްލިން ދައުވާކުރަން ފޮނުވިތާ ދެ މަސްވެފައިވާ ކަމަށާއި މަނީ ލޯންޑަރިންގެ މައްސަލަވެސް އޮތީ ހުއްޓިފައި ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު "ވަން" އަށް މިރޭ ވިދާޅުވީ އެ މައްސަލައިގައި އެކަށީގެންވާ އަވަސްމިނެއްގައި ފިޔަވަޅު އެޅިފައިވާކަން އެނގޭނެ ކަމަށެވެ.

ޝަފީއު ވިދާޅުވީ މަޖިލިސް މެންބަރުންގެ ކަންބޮޑުވުމަކީ ބޭރު މީހުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުން، އެ މައްސަލައިގެ މިހާރު ކުރިއަށްދާ ތަހިގީގަށް ހުރަސްއެޅިދާނެތީ ކަމަށާއި ނަމަވެސް އެ ފުރުސަތު ނައްތާލުމަށް ނަސޭހަތުގެ އެއްބަސްވުމުގައި ބައިތައް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ތަހުގީގަށާއި، ޝަރީއަތަށް އެއްބާރުލުން ދިނުން ޝަރުތެއް ގޮތުގައި ހިމަނާފައިވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

"އަދި ހޯކްސް ފިއުލްގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ނެތަސް، އެބައިގައި އިތުރު ހެކި ލިބިއްޖެނަމަ އެ ކުންފުނީގެ މައްޗަށް ދައުވާކުރެވޭނެ..،" ޝަފީއު ވިދާޅުވިއެވެ.

މަޖިލީހުގެ 241 ކޮމިޓީގައި އެ ދުވަހު ނާޒިމް އިތުރަށް ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، މައްސަލަތައް ލަސްވަނީ، ކޮމްޕްރޮމައިޒްވެފައި ތިބި މީހުން މުއައްސަސާތަކުގައި ތިބުމުން ކަމަށެވެ.

"ހަގީގަތަށް ދަންނަވާ ކަމަށްވަންޏާ ހަމަ އެއްގަލަކުން ފެހިކައިގެން ތިބި މީހުން މިތާ ތިބީ. ވަކި މީހަކު ނެތް. ތިރިން މައްޗަށް އައިސްފައި ތިބި ވެރީންނަކީ އެތާ ތިބި އެހެން މުވައްޒަފުންނާއެކު އެކަންކަމުގައި ބައިވެރިވެގެން ކޮމްޕްރޮމައިޒްވެފަ ތިބި މީހުން. އެހެންވެ މިކަން އެހެން ވަނީ. އެހެން ނޫންކަމުގައި ނުވާނެ،" ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމް ވިދާޅުވެފައިވަނީ، އެ މައްސަލަ ލަސްވަނީ ކޮމިޓީ މެންބަރުންގެ މައްސަލައަކުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކޮމިޓީ މެންބަރުންނަކީ "ރިޝްވަތަށް ވިކޭނެ" ބައެއް ނޫން ކަމަށެވެ.