ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންގެ މަގާމަށް އައްޔަންކުރެވޭ ފަރާތްތަކުގައި މާސްޓާސް ޑިގްރީއެއް އޮތުން މަޖުބޫރު ޝަރުތެއްގެ ގޮތުގައި ހިމެނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމައިފިއެވެ.

ޕީސީބީން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި، އެ ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް އެންމެ ގާބިލު އަދި އެކަށޭނަ ފަރާތްތައް އައްޔަންކުރުމެވެ.

ޗެއާމަނުންގެ މަގާމަށް އައްޔަނުކުރެވޭ މީހުންގެ ޝަރުތުތައް:

  • މާސްޓާސް ޑިގްރީއެއް އޮތުން
  • ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ވިޔަފާރި ހިންގުމުގެ ދާއިރާއިން މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވުން

މީގެ ކުރިން ޗެއާމަނުން އައްޔަނުކުރުމުގައި ޕީސީބީގެ އިންޓަވިއުއިން މަދުވެގެން 60 ޕަސެންޓް ލިބުން ޝަރުތުކޮށްފައިވެއެވެ. ނަމަވެސް، އާ އިސްލާހުގައި މި ކަންތައްތައް ވަނީ އިހުތިޔާރީ ޝަރުތުތަކެއްގެ ގޮތުގައި ހިމަނައިފައެވެ.