ނޯތް ހާބަރުގެ ބާކީ ސަރަހައްދު ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށަށް ބަދަލުކޮށްފިއެވެ.
އެމްޕީއެލްގެ ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެ ސަރަހައްދުން ބަލަހައްޓަމުން ގޮސްފައިވަނީ އެމްޕީއެލްއިންނެވެ. މަސްމާރުކޭޓް ސަރަހައްދާއި ލޯކަލް މާރުކޭޓުގެ ހުރަސް ތޮށްޓާ ހިސާބު ބަލަހައްޓަމުން އައީ މާލޭ ސިޓީ ކައުންސިލުންނެވެ.
އެމްޕީއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ސިޓީ ކައުންސިލުން ބަލަހައްޓަމުން ދިޔަ ސަރަހައްދުތައް ވެސް ބަލަހައްޓަން ފަށައިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބަލަހައްޓަމުން ދިޔަ ސަރަހައްދުގެ ތެރޭގައި މަސް ދޯނިތައް އަޅާ ބަނދަރުވެސް ހިމެނެއެވެ. ނަމަވެސް އެ ބަނދަރުވެސް ދެން ބަލަހައްޓާނީ އެމްޕީއެލްއިންނެވެ.
އެހެންވެ، އެމްޕީއެލްއިން ވަނީ އެ ތަނުގައި ބަނދަރު ކުރާ ދޯނިތައް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވުމަށް ހުޅުވާލައިފައެވެ. އެމްޕީއެލްއިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިދުމަތް ދޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކަށް ކަމަށެވެ.
އޭގެ އިތުރުން ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން އަލަށް މާލޭ ނޯތު ހާބާގެ ދަށަށް ކަނޑައެޅުނު ސަރަހައްދުން ހިދުމަތް ފޯރުކޮށްދޭނީ މާލޭ ނޯތު ހާބަރު ހިންގުމުގެ އުސޫލުގެ ދަށުން ކަމަށެވެ. އަދި މާލޭ ނޯތު ހާބަރު ހިންގުމުގެ އުސޫލާއި ޓެރިފް މީގެ ކުރިން ގެޒެޓް ކޮށްފައިވާ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
މުހައްމަދު އިޝާން
ނޯތު ހާބަރު
ނޯތު ހާބަރު