މަންމައާއި ވަދާއުގެ ސަލާން ބަދަލުކޮށްލުމަށްފަހުގައި އަސަލް ފޯނު ބޭއްވިއެވެ. ހަށިފުރާ ދޫކޮށްލި ފުން ނޭވާއާއެކުގައި ސޯފާގެ ކުރިއަށް ޖެހިލައި ކަކުލުގައި އަތް އަޅުވާލިއެވެ. މުށުތެރޭ އޮތް ފޯނަށް ބަލަން އަސަލްއަށް އިނެވެ. އޭނަ ވިސްނަމުން ދިޔައީ މައިހާއާއި މެދުގައެވެ. ކައިވެނީގެ ގުޅުން ނިމުމަކަށް އައި ވާހަކަ މައިހާގެ ގާތުގައި ބުނަން އަސަލްގެ ހިތް ގޮވާލައިފިއެވެ. ޤައިލާގެ ހަޤީޤަތް މައިހާއަށް އޮޅުންފިލުވައިދޭން ވެސް މެއެވެ. އެޚިޔާލުގައި މައިހާއަށް ގުޅަންވެގެން އަސަލް އުޅުނެވެ. ނަމަވެސް ފަހު ވަގުތު ޚިޔާލު ބަދަލުވިއެވެ. މައިހާއަށް ހުރިހާކަމެއް ބުނެދޭން އަސަލް ބޭނުންވީ ރަށަށް ގޮހެވެ. މައިހާގެ ގާތުގައި ހުރެގެންނެވެ. އެމޫނު އޭނައަށް ފެންނަ ހިސާބުގައެވެ. މައިހާގެ ހިތަށް ކުރާނެ އަސަރުތައް އިހުސާސް ކުރެވޭތީއެވެ. މަންމައަށް އޭނަގެ ހާލަތު ވިސްނުނަސް، މައިހާ އިންތިހާއަށް ދެރަވާނެއެވެ. މައިހާގެ ނަޒަރުގައި ޤައިލާއަކީ ހެޔޮއެދޭ ގާތް ރަހުމަތްތެރިއެކެވެ. ޤައިލާގެ ހަސީލަތުގައި ހުރި ދެކޮޅުވެރިކަމުގެ ހިލަމެއް މައިހާއަކަށް ނުވެއެވެ. ޤައިލާ އޮޅުވާލީ ހަމައެކަނި އޭނައަކަށް ނޫނެވެ. މަކަރާއި ހީލަތުގެ ދަޅަތައް މައިހާއަށް ވެސް ވަނީ ދައްކާފައެވެ. މައިހާ ކުރާ އިތުބާރުގެ ނާޖާއިޒު ފައިދާ ނަގަންވެސް ޤައިލާ ހުރީ ތައްޔާރަށެވެ.

މައިހާދެކެ ޤައިލާ އެދަރަޖައަށް ހަސަދަވެރިވުމުން އަސަލް ހުންނަނީ އަދިވެސް އެކަން ޤަބޫލުކުރަން އުނދަގޫވެފައެވެ. އެކަމާއި މިއަދު ވިސްނާކަށް އަސަލް ބޭނުމެއް ނުވެއެވެ. އޭނައާއި މައިހާއަށް ވެސް ރަނގަޅުވާނީ ޤައިލާ މަތިން ހަނދާން ނައްތާލިއްޔާއެވެ. މުސްތަޤުބަލަށް ޤައިލާގެ އަނދިރި ހިޔަނި އެޅިޔަ ނުދިނުމަށެވެ. ދާމިން ދިން ނަސޭހަތުގެ މަތިން ރަށަށް ގޮސް މައިހާއާއެކު ވަގުތު ހޭދަކުރުން އެއީ އޭނަގެ މުރާދެވެ. އޭގެ ކުރިން ޤައިލާގެ ބާބަށް ތާއަބަދަށް ނިމުން ގެންނާނެއެވެ. މުޅިން އައު ފެށުމަކުން ފަށައިގަތުމުގެ ނިޔަތުގައެވެ.

''މޭއި، އައިމް ސޮރީ... މޭއި އެދުނު ފަދައިން އަހަންނަށް ކަންތައްކޮށްނުދެވުނު... އެނގޭ އަހަންނާއި ޤައިލާގެ ކައިވެނި ކާމިޔާބުވާން މޭއި ބޭނުންވިކަން، އެކަމަކު ޤައިލާއަކީ ދޮގުވެރިޔެއް، ހިޔެއްނުވޭ އަހަންނާއި މޭއިއަށް މިވީހާ ތަނަށް ޤައިލާގެ އަސްލު ސިފަ ފެނިފައިވާހެނެއް... އަހަރެން ބޭނުން އަހަންނަށް ހެދުނު ގޯސްތައް ހައްލުކުރަން، މިހުތުގެ ހާލު މޭއިއަށް ބުނެދޭން، މޭއި އަހަރެންގެ ލޯބި ޤަބޫލުކުރާނަންތަ؟، އަހަންނަށް ތި ހަޔާތުން ފުރުސަތެއް ދޭނަންތަ؟، އަހަރެން ވަރަށް ލޯބިވޭ...'' އަސަލްއަށް ބުނެވުނެވެ. އޭނައަށް ތަސްވީރުކޮށްލެވުނީ މައިހާގެ މޫނެވެ. އެލޮބުވެތި ހިނިތުންވުމެވެ. ފުޅާ ހިނިތުންވުމަކާއެކުގައި ތުންފަތް ދެމިލާއިރުގައި އެޅިލާ ކުޑަކުޑަ އަޑިކޮޅެވެ. އުފާވެރިކަމުގެ މަހިނޫރުން ބަބުޅާ މުށި ދެލޮލެވެ. އަސަލްއަށް ހީވީ އޭނަގެ ހަނދާންތަކުގެ ތެރޭން މައިހާ ނިކުމެގެން އައިސް އޭނަގެ ގާތަށް ހުއްޓުނު ހެންނެވެ. ލަދުރަކިކަމާއެކުގައި އޭނައަށް ބަލަމުން ދިޔަ ހެންނެވެ. މައިހާގެ އަތުގައި ހިފަން އަސަލް އުޅުނެވެ. އޭގެ ކުރިން ދުންތަކެއް ދޭގިގެންދާ އުސޫލުން ލޯކުރިމަތިން މައިހާ ގެއްލިއްޖެއެވެ.

އަސަލްއަށް ސިހިފައި ލޯހުޅުވާލެވުނެވެ. އިނދެވުނީ ބޮޑުކޮޓަރީގެ ސޯފާގައިކަން ރޭކާލީ ދެނެވެ. އެކަނިމާއެކަނި އިނދެވުމުން އަސަލްގެ މޭގައި ރިހުމެއް އުފެދުނެވެ. އެހެނިހެން ފަހަރުތަކާއި ޚިލާފަށް އެރިހުމުގައި ފޮނިކަމެއް ވާހެން ހީވިއެވެ. މައިހާއާއި ބައްދަލުވާން ގިނަ ދުވަހެއް ނެތެވެ.

އެއްލި ކަޅިއަކުން އަސަލްގެ ލޮލުގައި އަޅައިގަތީ ފާރުގައި ހުރި ބޮޑު ތަސްވީރެވެ. އެއާއެކު އަސަލް ކޮޅަށް ތެދުވިއެވެ. އެތަސްވީރު ނަގަން އޭނަ އަވަސްވެގަތެވެ. ޤައިލާގެ ހުރިހާ ހަނދާނެއް ފޮހެލަން ބޭނުންވެ ހުރެއެވެ. އޭނައަށް ޤައިލާގެ ފަރާތުން ލިބުނީ މުޅިން ވެސް ހިތްދަތިކަމާއި އެކަނިވެރިކަމެވެ. އުޅެވުނީވެސް ބިލާހެއްގެ ތެރޭގައެވެ.

ތަސްވީރުގެ ދެކޮޅުގައި ހިފަހައްޓާލަމުން ފާރުގައި ހަރުކޮށްފައި ހުރި އިސްކުރުތަކާއި ވަކިކޮށްލިއެވެ. އެވަގުތު އާދަޔާ ޚިލާފު ބާރެއް އަސަލްއަށް ލިބުނެވެ. ތަސްވީރު ތިރީގައި ބަހައްޓަމުން ފާރަށް ލައްޕާލީ ތަސްވީރު ނުފެންނާނެހެންނެވެ. އެއަށްފަހު ކޮޓަރިއަށް ވަދެފައި ޤައިލާ ނުގެންދާ އަންނައުނު ފޮށިގަނޑަކަށް އެޅިއެވެ. އެއެއްޗިސް ޤައިލާއާއި ހަވާލުކުރުމުގެ ވިސްނުމެއް އަސަލްގެ ނެތެވެ. މާދަމާ އޮފީހަށް ދަމުން އޭނަ ނިންމީ އެފޮށިގަނޑު އެހީ ފޯރުކޮށްދޭ ޖަމިއްޔާއަކާއި ހަވާލުކުރާށެވެ.

*****

އިޝާ ނަމާދުކޮށްލައިގެން އައި ހައިދަރު ފުރަތަމަ ވަނީ ކާކޮޓަރިއަށެވެ. އަށެއް ޖެހުމާ ކައިރިވެފައިވާތީ އޭނަ ހީކުރީ އެތަނުން ޖާހަތާއި ބައްދަލުވާނެ ކަމަށެވެ. ނަމަވެސް ގޭގައި އުޅޭ ހާދިމު ފިޔަވައި އިތުރު މީހެއްގެ ހިލަމެއް ނުވުމުން ހައިދަރަށް ލިބުނީ ހައިރާންކަމެވެ. އާންމުކޮށް އެގަޑީގައި ސުފުރާމަތި ތައްޔާރުކުރުމުގައި ޖާހަތު އުޅޭނެއެވެ. ހާދިމު ކުއްޖާއަށް ހިނިތުންވެލަމުން ހައިދަރު މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ.

ދޮރުހުޅުވާލާފައި، ހައިދަރު އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކުގައި އެނދުގައި އިން ޖާހަތު ފެނިއްޖެއެވެ. ޖާހަތު އޭރު ވެސް ހުރީ ނަމާދު ދޮޅީގައެވެ. މުސައްލަ ވެސް އެނދު ކައިރީގައި ފަތުރާލާފައި އޮތެވެ. ޖާހަތަށް ހައިދަރުގެ ހިލަމެއް ނުވިއެވެ. ގޮވާލުމުން ވެސް އަޑެއް ނީވުނެވެ.

''ޖާތު...'' ޖާހަތުގެ މަގަތުން އެނދުގައި ހައިދަރު އިށީނެވެ.

''ހައިދަރު...'' ދާދި ގާތުން ފިރިމީހާގެ އަޑު އިވުމުން ޖާހަތު ސިހުނެވެ. އޭނައަށް ހައިދަރާއި ދިމާއަށް އެނބުރިލެވުނެވެ.

''އަހަރެން ހާދަ ވަރަކަށް ގޮވައިފީމޭ، ކާކޮޓަރިން ނުފެނިގެން މިއައީ... މިހާރު މަންމަ ވެސް ދާނެ އެދިމާއަށް...'' ހައިދަރު ބުންޏެވެ. އަނބިމީހާ ފެނުނު ހާލަތުން ހައިދަރު ހުރީ ސުވާލު އުފެދިފައެވެ. އޭނައަށް ޖާހަތުގެ މޫނުން ފެނުނީ ހިތާމައިގެ އަސަރެވެ. ޖާހަތުގެ އަތުގައި ހައިދަރަށް މަޑުމަޑުން ހިފާލެވުނެވެ.

''ކަމެއްވީތަ؟...'' އޯގާތެރިކަމާއެކުގައި ހައިދަރު އެހިއެވެ. އެވަގުތު ޖާހަތު އިސްއުފުލައި ހައިދަރާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

''ޖާތު...'' ޖާހަތުގެ އެސްފިޔަތަކުގައި ހުރި ކަރުނައިގެ ތެތްކަން ފެނި ހަރިދަރުގެ މެޔަށް ފިނިވެލިއެވެ. ''ކިހިނެއްވީ؟، ތަނެއްގަ ރިއްސަނީތަ؟، އަހަރެން ގާތު ބުނެބަލަ...''

''ހައިދަރު... އަޒް... އަޒް ރަށަށް އެބައާދޭ...'' ފިރިމީހާގެ ގާތުގައި ބުނާނެ ގޮތެއް ނޭނގި ޖާހަތަށް ލިބުނީ ހާސްކަމެވެ. އަސަލް ހިއްސާކުރި ވާހަކަތަކަކީ ސިއްރުނުކުރެވޭ ވަރުގެ ބޮޑު ހަޤީޤަތެކެވެ. ޖާހަތަށް ވިސްނެމުން ދިޔައީ ހައިދަރަށް އަންގާނެ ގޮތެކެވެ.

''އެހެންތަ؟...'' ހައިދަރަށް އަހާލެވުނެވެ. ''ހާދަ އުފާވެރި ޚަބަރެކޭ ތި ދިނީ، ދެން ކޮންކަމަކާތަ ދެރަވެފަ ތިއިންނަނީ؟...''

ޖާހަތުގެ މޫނުން ފެންނަ އަސަރުތައް ދޭހަކުރަން ހައިދަރުގެ ސިކުނޑި ނުކުޅެދުނެވެ. އަސަލްއާއި މެދުގައި ހުރި ކަންބޮޑުވުންތައް އެންމެ ގިނައިން ޖާހަތު ހިއްސާކޮށްފައިވަނީ ވެސް އޭނައާއެވެ. އޭނަ ވެސް ހުންނަނީ އަސަލްއާއި މެދު ވިސްނާވިސްނާ ފިކުރުބޮޑުވެފައެވެ. ބޮޑުވެފައި ހުރި ފިރިހެންދަރިފުޅު އެމީހުންނާއި ދުރުގައި ހުންނާތީއެވެ. ލޮލަށް ނުފެންނަތާ ވެސް އެހާ ދުވަސް ވެއްޖެއެވެ. ހަމައެއާއެކު ޖާހަތުގެ އުދާސްކަމެވެ. މަންމަގެ ޝަކުވާތަކާއި ޤައިލާ ދެކެ އަންނަ ރުޅިއެވެ.

''އެކަންޔޯ އަންނަނީ... ހައިދަރު...'' ޖާހަތު ބުންޏެވެ. އޭނައަށް ހައިދަރުގެ އަތަށް ބާރުކޮށްލެވުނެވެ.

ސަމާލުވެ ޖާހަތަށް ބަލަމުން ދިޔަ ހައިދަރަށް މަސްރަހު ގޯސްވެފައިވާ މިންވަރު ނަގައިގަނެވުނެވެ. ހިތުގައި އުފެދުނު ސުވާލުތައް ދުލާއި ހަމައަށް ގެނައުމުގެ ބަދަލުގައި އޭނަ މަސައްކަތްކުރީ ޖާހަތަށް ހިތްވަރުދެވޭތޯއެވެ. ޖާހަތުގެ ކޮނޑުގައި ހިފާ އޭނަގެ ގާތަށް ގެނައެވެ. އަދި ޖާހަތުގެ ހިކަނދިމަސްގަނޑުގައި ފިރުމާލިއެވެ.

ފިރިމީހާގެ އޯގާތެރިކަން އިހުސާސްކުރެވި ޖާހަތަށް ލުޔެއް ލިބުނެވެ. ހައިދަރުގެ މޭގައި އޭނައަށް މޫނު ޖައްސާލެވުނެވެ. މާހައުލަށް ވެރިވި ހިމޭންކަމުގެ ތެރެއިން ޖާހަތަށް ލޯމަރާލެވުނެވެ. އޭގެ އިރުކޮޅެއް ފަހުން ލޯހުޅުވާލަމުން އަސަލްއާއި ދެކެވުނު ވާހަކަތައް ހިއްސާކޮށްލިއެވެ.

ހައިދަރު އިނީ އަޑުއަހާށެވެ. ވާހަކަ ނިމުމުން ވެސް ހައިދަރު ހިމޭންވެފައި އިންނާތީ ޖާހަތަށް ހައިދަރާއި ދުރަށް ޖެހިލެވުނެވެ.

ހައިދަރުގެ މޫނުން ފާޅުވަނީ ރުޅިވެރިކަމެވެ. އެރުޅިވެރިކަމާއި ގުޅިފައިވަނީ ޤައިލާ އެވެ. އަސަލްއަށް ޤައިލާ ބޭވަފާތެރިވުމުން އިންތިހާއަށް ހިތްހަމަނުޖެހުނެވެ. މަންމަ ފަދައިން ހައިދަރަށް ވެސް ޤައިލާ ކަމަކު ނުދެއެވެ. ޤައިލާއަކީ އަސަލްއާއި އެންމެ އެކަށީގެންވާ ހަޔާތުގެ ބައިވެރިޔާކަމުގައި ހައިދަރު ޤަބޫލެއް ނުކުރެއެވެ. އޭނައަށް ޤައިލާގެ ފަރާތުން ހަރުދަނާކަމާއި ބަނިޔާދަކަމެއް ވެސް ނުފެނެއެވެ.. ނަމަވެސް ބޮޑުވެފައި ހުރި ފިރިހެންދަރިފުޅުގެ އުފަލަށް ހުރަސް އަޅަން ހައިދަރު ފަސްޖެހުނެވެ. ހިތުގައިވި ނުރުހުންތެރިކަން ހާމަކުރުމެއް ނެތި ޤައިލާއާއި އަސަލްގެ ކައިވެންޏަށް އޭނަ ރުހުން ދިނީ އެހެންވެގެންނެވެ. އެކަމުން ނިކުތް ނަތީޖާ ފެނި އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ދެކޮޅު ހެދުނުނަމަ މިއަދު އަސަލްއަށް އެފަދަ ބޮޑު ހިތްދަތިކަމެއް ނުލިބުނީހެވެ.

''ހާދަ އުޅުމެއް ނެތް އަންހެންކުއްޖެކޭ...'' ހައިދަރު ބުންޏެވެ. ''ކައިވެންޏަށް ދެކޮޅު ހެދުނުނަމަ މި ފަދަ ދުވަހެއް ދެކޭކަށް ނުޖެހުނީސް...''

''އަހަރުމެންނަށް އެދުވަހު މުހިންމުވީ އަޒްގެ އުފާވެރިކަން، މިހެން ކަންތައް ވެދާނެކަމެއް ކިހިނެއް އެނގޭނީ، ވީ ކަމެއް ވެ ނިމިއްޖެ، އަހަރުމެންނަށް މާޒީއެއް ބަދަލެއް ނުކުރެވޭނެ، އެކަމަކު އަހަރުމެންގެ ދަރިފުޅުގެ ހިތްވަރުކަމުގައި ވެވޭނެ، އަޒް ހުންނާނީ ދެރަވެފައި...'' މޮޅިވެރިކަމާއެކުގައި ޖާހަތު ބުންޏެވެ. ސިކުނޑިއަށް ވެރިވެގެން އައި ރުޅިވެރިކަމާއި ދުރުވެލަން ހައިދަރަށް މަޖުބޫރުވީ ދެނެވެ. ޖާހަތު އެބުނީ ތެދެކެވެ. މިވަގުތު މުހިންމީ އަސަލް އެވެ.

''އަންނަ ދުވަހެއް ނުބުނޭތަ؟...'' ހައިދަރު ސުވާލުކޮށްލިއެވެ.

''ދެދުވަސް ފަހުންނޯ ބުނީ...'' ޖާހަތު އޮޅުންފިލުވައިދިނެވެ.

''އެހެންތަ؟... ދެން ރަށަށް އައީމަ މިކޮޅުގަ މަޑުކޮށްލަން ޚިޔާލު ދޭނީ، އަހަރެން ބޭނުމެއް ނޫން އަޒް އަހަރުމެންނަށް ނުފެންނަ ހިސާބެއްގައި އުޅޭކަށެއް، މިކޮޅުން ވަޒީފާ ހަމަޖެހޭނެ...'' ހައިދަރު ބުންޏެވެ. ރަށު ހޮސްޕިޓަލުގައި ސީނިއާ މެޑިކަލް އޮފިސަރަކަށް އުޅޭ ހައިދަރަކީ ރަށުގެ އެންމެންގެ ޤަދަރާއި އިއްޒަތާއި ލޯބި ލިބިފައިވާ މީހެކެވެ. އޭނަ ނުދަންނަ މީހަކު މަދުވާނެއެވެ. ރަށުގެ ކައުންސިލުން ފެށިގެން ގޮސް ބޮޑެތި ސިޔާސީ މަޤާމުތަކުގައި ވެސް ތިބޭނީ ހައިދަރުގެ ރައްޓެހިންނެވެ.

ހައިދަރުގެ ވާހަކައާއި ޖާހަތު އެއްބަސްވިއެވެ. އޭނަގެ ކަންބޮޑުވުންތައް ހައިދަރާއި ހިއްސާކޮށްލެވުމުން ޖާހަތަށް ހަމަޖެހުން ގެނެސްދިނެވެ.

''އަހަންނަކަށް ނުފެނޭ ދެން ޤައިލާގެ ވާހަކަ އިތުރަށް ދައްކާކަށެއް، އަޒްއަށް އުނދަގޫވާނެ...'' ޖާހަތު ބުންޏެވެ. ޖާހަތަށް ބަލަމުން ދިޔަ ހައިދަރު ބޯޖަހާލިއެވެ.

''ދެން ހިނގާ ކާންދަމާ، ޒިކުރުކޮށްފަ މަންމަ ކޮޓަރިން ނިކުންނަން އުޅޭނެ...'' ހައިދަރު ބުނެލިއެވެ.

''އާނ... ދޯ...'' ޖާހަތު ބުންޏެވެ. އޭނަ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. އެވަގުތު ޖާހަތުގެ އަތުގައި ހައިދަރު ހިފިއެވެ.

''ނަމާދުކުރާ ދޮޅި އަޅައިގެންތަ ދަނީ؟...'' ސަމާސާ ރާގަކަށް ހައިދަރު ބުންޏެވެ. ހުރި ހާލަތާ މެދުގައި ޖާހަތަށް ވިސްނާލެވުނީ ދެނެވެ. ހައިދަރުގެ ސަމާސާއިން ޖާހަތުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަމާދު ދޮޅިއާއި އިސްޓާކީނު ބާލަމުން، މުސައްލައާއެކު އޮޅާލަމަށްފަހު ކަބަޑުމަތީ ބޭއްވިއެވެ. ކޮޓަރިން ނިކުންނަން ޖާހަތު ހިނގައިގަތީ ހައިދަރުގެ ފަހަތުންނެވެ. ދޮރުގެ ތަޅުގައި ހިފަމުން ޖާހަތަށް ހައިދަރު ބަލައިލިއެވެ.

''މަންމައާއި އަހަރެން ވާހަކަދައްކާނަން...'' ހައިދަރުގެ ޖުމްލަ ޖާހަތަށް ދޭހަކުރެވުނެވެ. އޭނަ ބޯޖަހާލިއެވެ. ހުސްނާ ރުޅި އަންނާނެ މިންވަރު ޖާހަތަށް އަންދާޒާ ކުރެވުނެވެ. ޤައިލާ ދެކެ ހުސްނާ އަންނަ ރުޅިއަކީ ސިއްރުވެފައިވާކަމެއް ވެސް ނޫން ވިއްޔާއެވެ. ނަމަވެސް އެރުޅިވެރިކަމުގެ ތެރެއިން އަސަލްގެ ހަމަޖެހުން ހުސްނާ އިސްކުރާނެކަން ޖާހަތަށް ޔަޤީންކުރެވުނެވެ.

*****

ހުކުރު ދުވަހެވެ. ޢަޞްރު ނަމާދުކޮށްލައިގެން ހުސްނާ ދިޔައީ ސާރިޔާއާއި ބައްދަލުކޮށްލާށެވެ. ބަނބުކެޔޮ ތެއްލުމުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާށެވެ. ނޫކުލައިގެ ދޮރާށި ހުޅުވާލާފައި ސާރިޔާ ވަންއިރުގައި މެދު ގޯތީގައި ހުންނަ ބަނބުކެޔޮ ގަހުގެ ހިޔަލުގައި ހުރި ޖޯލީގައި ސާރިޔާގެ އިތުރުން ރަމީޒާއާއި ނަވްރާ ތިއްބެވެ. މައި ގެއާއި ތަންކޮޅެއް ދުރުގައި ހުންނަ ތެޅިގަލުން ރާނާފައިވާ އިހުޒަމާނުގެ ބަދިގެއިން ދޮލަނގައެއް ހިފައިގެން މައިހާ ނިކުންނަނީއެވެ. އެބަދިގެއަކީ އެއްޗިސް ތެއްލުމުގައި ސާރިޔާ ބޭނުންކުރާ ތަނެކެވެ.

''ސާރިޔާ ބުނަން، މިއަދަކީވާ ހޫނު ދުވަހެއް، ހީވަނީ ގައިން އާވި އަރާހެން...'' ހުސްނާ ގޮސް ޖޯއްޔާއި އަރާހަމަކޮށްލަމުން އަޅައިގެން ހުރި ބޮޑު ބުރުގާގެ ކަންގަނޑުން އޭނަގެ މޫނު ފޮހެލިއެވެ. އޭނަ އިށީނީ ސާރިޔާއާއި ޖެހިގެން ހުސްކޮށް ހުރި ޖޯލީގައެވެ. ޖޯލީގައި އިށީންނަމުން ބިންމަތީގައި ފަތުރާލާފައި އޮތް ގޯނީގެ މަތީ އަތުރާފައި ހުރި ބަނބުކޭލުގެ ތެރެއިން ބަނބުކޭލަކާއި ވަޅިއެއް ނަގައި ތޮށިގަނޑު މަޝަން ފެށިއެވެ. އެކަމުގައި ސާރިޔާ މެޝިނެއް ގެންގުޅުނަސް އޭތި ހުރީ މައްސަލަ ޖެހިގެން ހަލާކުވެފައެވެ. އެހަދަން ބުނި މީހާ ވެސް ޚަބަރެއް ނުވެގެން މަރާމާތުނުކުރެވުނީއެވެ.

ހުސްނާ އައުމާއެކުގައި މުނިފޫހިފިލަން ފެށިއެވެ. ރަށު ތެރޭގެ ޚަބަރުދަބަރުތައް ސާރިޔާއަށް އޮޅުންފިލުވައިދޭތީއެވެ. އޭރު ވެސް ނަވްރާގެ ނަޒަރު މައިހާއާއި ވަކިނުވެއެވެ. އޭނަ އެހުންނަނީ މައިހާއާއި ވާހަކަދައްކާލާނެ ފުރުސަތަކަށް ކޮޅުމަތި ބަލަބަލައެވެ. މައިހާ ރަށަށްއައި ދުވަހުން ފެށިގެން މައިހާއަށް ކަމެއް ވެއްޖެކަން ނަވްރާއަށް އޮތީ ފާހަގަ ވެފައެވެ. އެއާޕޯޓުން ބައްދަލުވެފައި ވެސް ސުވާލުކުރިއެވެ. މައިހާ ޚިޔާރުކުރީ ހިމޭންކަމެވެ.

އެދުވަހަށް ފަހުން މާލޭގައި ވެދިޔަ ކަންތައް އޮޅުންފިލުވަން ނަވްރާ ހުންނަނީ ފައި ވިއްދާލައިގެންނެވެ. މައިހާގެ ބޯހަރުކަމާ ހުރެ އޭނައަށް ސުވާލެއްކޮށްލާނެ ފުރުސަތެއް ވެސް ނުލިބެއެވެ. އޭނަ ގުޅުމުން ހުންނަނީ ބިޒީ ވެފަ އެވެ. ދެފަހަރެއްގެ މަތިން ގެއަށް ވެސް ބައްދަލުކޮށްލަން އާދެވިއްޖެއެވެ. އެ ދެރޭގައި ވެސް މައިހާ އުޅުނީ ސްކޫލުގައެވެ. މައިހާގެ އަމަލުތަކުން އުޅެނީ އޭނައަށް ފިލަންކަން ނަވްރާއަށް އެނގުނެވެ. ހުކުރު ދުވަހަށް އޭނަ އިންތިޒާރުކޮށްލައިގެން ހުރީ މައިހާއަށް ސަލާމަތްވުމުގެ ފުރުސަތު ނުލިބޭނެތީއެވެ. ބޮޑު ކަންތައްގަނޑެއް ހިނގައިފިކަން މައިހާގެ މިޒާޖަށް އައިސްފައިވި ބަދަލުތަކުން ނަވްރާ ދެނެގަތެވެ.

ރަމީޒާ ގޮވައިގެން މާލެ ދާން ފުރަތަމަ ހަމަޖެހުނީ ނަވްރާއެވެ. ޗުއްޓީ ވެސް ނެގިއެވެ. ނަމަވެސް އޭނައާއެކު މަސައްކަތްކުރާ ކުއްޖެއްގެ ޢާއިލާ މީހަކު ނިޔާވެގެން ނަވްރާއަށް ދެވޭ ގޮތެއް ނުވީއެވެ. ފަހު ވަގުތު ރަމީޒާއާއެކު ދާން ޖެހުމުން މައިހާ ހުރީ އިންތިހާއަށް ނުތަނަވަސްވެފައެވެ. އަސަލްއަށް މައިހާގެ ހިތުން ދެވިފައިވާ މަޤާމު އެނގޭ ހަމައެކަނި މީހަކީ ނަވްރާއެވެ.

ނަވްރާގެ ނަޒަރު މައިހާއަށް އިހުސާސްކުރެވުމާއެކު މައިހާ އުޅުނީ ދުރުދުންނެވެ. ހިތުގެ އުދާސްތައް ބުނެދޭނެ ގޮތެއް މައިހާއަކަށް ނޭނގެއެވެ. ހުރިހާ ކަމެއް ސިކުނޑީގެ ތެރޭގައި ހިފަހައްޓައިގެން ހުންނަން ހަދައިގެން ހަމަޖެހުން ގެއްލެމުންދާކަން އޭނައަށް އެނގެއެވެ. ވެގެން އުޅޭ ގޮތެއް ސާފުނުވަނީސް ނަވްރާ ހުއްޓާނުލާނެތީ ގޮތް ހުސްވެފައި މައިހާއަށް ހުރެވުނެވެ.

''އަދި ބުނަން ހަނދާން ނެތިފައޭ މިހުންނަނީ، މާރިޔާގެ ދޮށީ ދަރިފުޅު އިންނަން އުޅުނު މަންޖެ މަކަރުހަދައިގެނެއްނު އުޅެނީ...'' ވާހަކައިގެ ތެރެއިން ހުސްނާ ބުންޏެވެ.

''ނާހަމަތެދެއް؟، ކީކޭ ދެން ބުނާނީ، ކައިވެންޏަށް ތައްޔާރުވެ ކާޑަށް ދާންދެން ބަހާނިމިފައެއްނު އޮތީ...'' ސާރިޔާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

''އާނ، މިހާރު މިއުޅޭ ކުދިނަށް މާ ކަމުދާ ވައްޓަފާޅިއެއްހެން ހީވެނީ ރައްޓެހިވެގެން ނޫނީ ކައިވެނިކޮށްގެން އިތުރު މީހަކާ ގުޅުން ބޭއްވުމަކީ، ފެޝަންތޯއްޗެއް... ވަފާތެރިކަމަކީ ކޮބައިކަން ނޭނގެނީ ބާއޭ އަހަރެންގެ ހިތަށް އަރާ...'' ތުންފަތަށް އަރިއަރިއަށް ދަމަމުން ހުސްނާ ބުންޏެވެ. އަނގަޔާއި އެއްވަރަކަށް އޭނަގެ އަތް ވެސް ހަލުއްވެވެ.

ހުސްނާއާއި ދިމާއަށް ސާރިޔާއަށް ބަލައިލެވުނެވެ. އޭނަ ހަނދާނަށް އައީ މިއަދު ހެނދުނާ ހިނގަން ގޮސްފައި ހުސްނާ ދެއްކި ވާހަކަތަކެވެ. އަސަލްގެ ހާލަތު ތަސައްވަރު ކުރެވި ސާރިޔާގެ މޫނަށް ވެރިވީ މާޔޫސްކަމެވެ. ކޮށަށް އުޅުނު ބަނބުކެޔޮ އަރި ދޮލަނގައިގެ ތެރޭގައި ބޭއްވިއެވެ.

''ކީއްކުރާނީ، ހެޔޮނުބައި ނުވިސްނެނީ...'' ހުސްނާގެ ހިތުގައި ދައުރުވަމުންދާ އިހުސާސްތައް އެނގޭތީ ސާރިޔާއަށް ބުނެވުނެވެ.

''ނަސީބެއް ދަރިއަކު ނުލިބެނީސް އަސަލްއަށް އެޤައިލާގެ ފަރާތުން ސަލާމަތެއް ލިބުނުކަން، އަހަރެންގެ ހިތަށް އަރާ އަސަލްއާއި މެދު އެފަދައިން ކަންތައްކުރަން އޭނައަށް ކެރުނީ ކިހިނެއްބާވައޭ....... އަހަރެން ކުރިން ވެސް ބުނީމޭ މާ އުޅުން ރަނގަޅު ކުއްޖެއް ނޫނޭ، އަސަލް ދެރަވެދާނެތީ ކައިވެންޏާއި ޤަބޫލުވާން ޖެހުނީ، ވަގުތު ބޭކާރުކުރުން ނޫންކަމެއް އެޤައިލާއަކަށް ނުވި... ހާދަ ފޫއްސެއް ވެޔޭ... އޭނަގެ ކިބައިން އަސަލް ސަލަމާތްވިކަން އެއީ ހަމަ ނަސީބެއް...'' ޤައިލާއާއި މެދު އުފެދިފައިވި ނުރުހުންތެރިކަން ވިސްނާލުމަކާނުލައި ހުސްނާއަށް ބޭރުކޮށްލެވުނެވެ. އޭނަގެ ވާހަކަތަކުން ސިހުން ލިބުނީ މައިހާއާއި ނަވްރާ އަށެވެ. ޖާހަތުގެ ފަރާތުން ރަމީޒާއަށް އޮތީ އެނގިފައެވެ. ޝޮކެއް ނުލިބުނީ އެހެންވެގެންނެވެ.

މައިހާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ކުއްލިޔަކަށެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ ހުސްނާގެ ވާހަކަތަކެވެ. ވިސްނެމުން ދިޔަ ވަރަކަށް މީހާ ހާސްވާން ފެށިއެވެ. ނޭވާ ހިފަހައްޓައިގެން ހުރެވުނީ އަބުއި ވެފައެވެ. ބަދިގެއަށް ގެންދަން އުޅުނު ދޮލަނގައިން ދޫކޮށްނުލެވުނީ ހަމަ ކިރިޔާ އެވެ. ފަސްއެނބުރި މައިހާއަށް ބަލައިލެވުނެވެ. އޭރު ނަވްރާގެ ނަޒަރު ހުއްޓިފައިވަނީ މައިހާ އަށެވެ.

''ހުސްނާއްތާ، ތިބުނީ ކީކޭތަ؟...'' މައިހާގެ މޫނުން ފެނުނު ކުލަވަރާއި އެދެލޮލުގައިވި ސުވާލުތަކުގެ ޖަވާބު ހޯދައިދޭން ނަވްރާއަށް އަހާލެވުނެވެ. އޭނަ ހުރީ މައިހާއާއި މެދު ފިކުރުބޮޑުވެފައެވެ. މައިހާއަށް ލިބުނު ޝޮކު ލޮލަށް ފެނުމުންނެވެ.

''އަދި މިކުދިން ކައިރީގަ ނުބުނެވޭދޯ، ދެން ތީ ޢާއިލާ ކަމުގައި ދައްތަ ބަލަނީ، އެހެންވީމަ އެނގުމަކުން ގޯހެއް ނެތް...... ޤައިލާގެ ބޭވަފާތެރިކަން އަސަލްއަށް އެނގުނީއެއްނު، އެހެންވެ ވަރިއާ ހަމައަށް ގޮސްފި... އާދީއްތަ ދުވަހު އެސޮރު ރަށަށް އަންނާނެ...'' ހުސްނާ އޮޅުންފިލުވައިދިނެވެ.

(ނުނިމޭ)