ކެރޭބިއަންގެ ރަށެއް ކަމަށްވާ ޑޮމިނިކާ އިން ދިވެހީންނަށް 60 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ ދިވެހި ސަރުކާރާއި ކޮމަންވެލްތު އޮފް ޑޮމިނިކާ ސަރުކާރާ ދެމެދު މިއަދު "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔާމަންޓްސް ފޯ ދެއާ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ ކަމަށާއި އަދި ހަމަ އެފަދައިން ޑޮމިނިކާ ރައްޔިތުންނަށްވެސް ވިސާ ނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ އަލީ ނަސީރު މުހައްމަދެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާ އިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބާޓް އެރޮންއެވެ.

މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

ކެރޭބިއަންގެ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޑޮމިނިކާއަކީ 72،000 މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ކުރިން އޮތް ޑޮމިނިކާއަށް ފުރިހަމަ މިނިވަންކަން ލިބުނީ 3 ނޮވެމްބަރު 1978 ގައެވެ.