މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ދޫކުރަން ވެފައިވާ އެއްބަސްވުންތަކުގައި ގާނޫނީގޮތުން ފުށުއަރާ ކަންތައްތަކެއް ހުރުމުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާ މަޝްވަރާކޮށް ހައްލެއް ހޯދެންދެން، ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ސޮއިކުރުމަށް ނިންމައިފިއެވެ.

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓުގެ ސަރަހައްދަށް ވަނީ ބަދަލު ގެނެސް، އެ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލައި، އެ ފަރާތްތަކަށް ލިބޭ ޕްލޮޓްތައް ކަނޑައަޅައިފައެވެ.

ގުޅިފަޅުގެ ގޯތިތަކުގެ އާ ރަޖިސްޓަރީ ހެދުމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ދެން އަމަލުކުރަން ނިންމާފައިވާ ގޮތާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން މިއަދު ނޫސްބަޔާނެއް ނެރެފައިވާ އިރު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ އެކަން އިތުރަށް ސާފުކޮށްދެއްވައިފައެވެ.

މިނިސްޓަރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓްރީން ނިންމީ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށް ކަމަށެވެ. އެއީ އިތުރު ލަސްވުމެއްނެތި އާ ރެޖިސްޓްރީތައް ހަދައި ގޯތިތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާ ޕްލޮޓް ކަނޑައަޅައި، އެ ފަރާތްތަކުގެ މެދުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި، މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރި އިރު، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން އެ އެއްބަސްވުމުގައި ހިމަނާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމުލަ ހައްލެއް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ބިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ، އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށެވެ.

މިނިސްޓްރީން ބުނީ އެ މާއްދާގައި އެ ފަރާތްތަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވެނީ، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލަން ޝަރުތުކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

"ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި، އެ އުސޫލުގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަހައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 (ހަ ސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަންޏެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލުކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ނުދެކޭ ކަމަށެވެ.

އެހެންކަމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ މެއި މަހުގެ 30 ގައި ކުރިއަށްގެންދެވުނު ގުރުއަތުން އެ ފަރާތްތަކަށް ލިބުނު ގޯތި ހަވާލުކުރުން އަވަސްކުރުމަށްޓަކައި، އާ ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި، ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން، މިހާރު އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހުކުރުމަށްޓަކައި އެ މިނިސްޓްރީއާ ގޯތި ހަވާލުކުރެވޭ ފަރާތްތަކުގެ މެދުގައި އިސްލާހުކުރެވިފައިވާ އާ އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.