މައްސަލަތައް ނުނިމި ދިގުލައިގެންދަނީ، "އެއްގަލަކުން ފެހި ކައިގެން ތިބި މީހުން ތިބުމުން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ނާޒިމް އެހެން ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައެވެ.
އެ ކޮމިޓީން ބަލަމުން ދަނީ މިދިޔަ އަހަރު ހޯކްސް ކުންފުނިން ވަގަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލައަކާއި ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލުނު މައްސަލަ އަދި ކަސްޓަމްސްގެ އޮފިސަރުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ މައްސަލަ އެވެ.
އެ މައްސަލަތައް އެ ކޮމިޓީގައި އޮންނަތާ 8 މަސް ވެފައިވާއިރުވެސް ކޮމިޓީ ރިޕޯޓް އާންމު ނުކުރެވި، ލަސްވަނީ މުއައްސަސާތަކުން އެއްބާރުލުން ނުދީ ގަސްތުގައި ލަސްކުރާތީކަމުގެ ކަންބޮޑުވުން ގިނަ މެންބަރުން ވަނީ ފާޅުކުރައްވައިފައެވެ.
ނާޒިމް ވިދާޅުވީ، މައްސަލަތައް ލަސްވަނީ، ކޮމްޕްރޮމައިޒްވެފައި ތިބި މީހުން މުއައްސަސާތަކުގައި ތިބުމުން ކަމަށެވެ.
ހަގީގަތަށް ދަންނަވާ ކަމަށްވަންޏާ "ހަމަ އެއްގަލަކުން ފެހިކައިގެން ތިބި މީހުން މިތާ ތިބީ. ވަކި މީހަކު ނެތް. ތިރިން މައްޗަށް އައިސްފައި ތިބި ވެރީންނަކީ އެތާ ތިބި އެހެން މުވައްޒަފުންނާއެކު އެކަންކަމުގައި ބައިވެރިވެގެން ކޮމްޕްރޮމައިޒްވެފަ ތިބި މީހުން. އެހެންވެ މިކަން އެހެން ވަނީ. އެހެން ނޫންކަމުގައި ނުވާނެ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެ މައްސަލަ ލަސްވަނީ ކޮމިޓީ މެންބަރުންގެ މައްސަލައަކުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކޮމިޓީ މެންބަރުންނަކީ "ރިޝްވަތަށް ވިކޭނެ" ބައެއް ނޫން ކަމަށެވެ.
އަލީ ޔާމިން
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް