ހުޅުމާލޭ ހޮސްޕިޓަލުގެ ހިދުމަތްތައް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށްބުނެ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އެވެ. އެ މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. އެ މައްސަލަ ބަލައިގަންނަން ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަަވާ 9 މެންބަރުންނާއި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް އެވެ.
ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ހުޅުމާލެ ހޮސްޕިޓަލާމެދު އާއްމުންގެ މެދުގައި އެތައް ޝަކުވާތަކެއް އެބަހުރި ކަމަށާއި އެތަނުން ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްދީފައި ނުވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް އެކަށީގެންވާ މިންވަރަށް ބަޖެޓު ނުދޭ ކަމަށާއި އެކަމުގެ ސަބަބުން ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ފަންނީ މީހުން ވަޒީފާއަށް ނެގުމަށް ހުރަސްތަކާ ކުރިމަތިވަމުންދާ ކަމަށް މައުލޫމާތު ލިބިވަޑއައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން:
- ހުޅުމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށް ކަނޑައަޅާއިފައިވީ ނަމަވެސް، އެގޮތަށް ހިދުމަތް ދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތްކަމަށް
- މިހާރު ތިބި މެޑިކަލް އޮފިސަރުންނަކީ ތަނަށް ބޭނުންވާ އަދަދަށްވުރެ މާ މަދު ބައެއްކަމާއި، ގިނަ އިރު މަސައްކަތްކަތްކުރަން ޖެހުމުން، ބަލިމީހުން ބެލުމުގައި ފޯކަސް ގެއްލޭކަމަށް
- އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން، ޑޮކްޓަރުން އިތުރަށް މަސައްކަތްކުރާން ބޭނުން ނުވާކަމަށް
- އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ސްޓޫޑަންޓް ލޯން ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުވައްޒަފުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރަމުންދާކަމަށް
- އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް މިވަގުތު ނެތްކަމާއި، ހާޓް އެޓޭކެއް ޖެހިގެން މީހަކު ގެންދެވިއްޖެނަމަ ފަރުވާދެވޭނެ ގޮތެއް ނެތްކަމާއި، އައި.ޖީ.އެމް ހޮސްޕިޓަލަށް ފޮނުވައިލުން ނޫން ކަމެއް ކުރެވެން ނެތްކަމަށް
- މިވަގުތު ނިއުރޯލޮޖިސްޓެއް ނެތްކަމަށް
ޝަމްހީދުގެ ކުއްލި މައްސަލައިގައި އިތުރަށް ވިދާޅުވީ މި މަހު 8 ވަނަ ދުވަހުވެސް ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލްގެ ހިދުމަތްތައް 1 ގަޑިއިރިއަށް މެދުކެނޑިގެންދިޔަ ކަމަށެވެ. އެފަދަ މައްސަލަތައް ދިމާވަނީ ތަނުގެ ހިންގުން ފުޅާވާ ވަރަކަށް، ސާވާ ފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ތަރައްގީ ކުރަމުން ނުދިއުމުގެ ސަބަބުންކަން ހާމަވާ ކަމަށެވެ.
މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ވެސް އެ ހޮސްޕިޓަލަށް ކަރަންޓު މައްސަލައެއް ދިމާވެ، އޯޕީޑީގެ ހިދުމަތް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހުނުކަމަށާއި އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާންމު ހާލަތަށް ގެނެވުނީ 6 ގަޑިއިރު ފަހުންކަމަށެވެ.
"ހުޅުމާލެ ފަދަ، ބޮޑު އަބާދީއެއް ދިރިއުޅެމުންދާ ތަނެއްގައި މިފަދަ ކަންކަން ހިނގުމަކީ، ގިނަ އަދަދެއްގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދަން ނުހަނު ބޮޑަށް ދަތިވެ، އެ ތަނުން ފަރުވާ ހޯދާ މީހުންނާއި އެ ތަނުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ގޮސްދާނެ ކަމެއްކަމަށްވީ ހިނދު؛
އިސްވެ ދެންނެވުނު ކަމަކީ، ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށް ވެފައި، މުޖުތަމައުގެ އާއްމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވީތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އެ ކަމާމެދު މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަމެވެ." އެކުއްލި މައްސަލަައިގައި ބުނެފައިވެ އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް