ސިޔާމް ވޯލްޑާއި ކްލީން މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް އަޕްސައިކްލިން ސެންޓަރު ހުޅުވައިފިއެވެ.
ވޯލްޑް ބޭންކްގެ ފަންޑާއެކު މި މަޝްރޫއުގެ ދަށުން ޕްލާސްޓިކް ކުނި، ޝެމްޕޫ ފުޅި، ތެޔޮ ކޮންޓެއިނަރު، ޑިޓަޖެންޓް ޑްރަމް ފަދަ ތަކެތި ގޮނޑި، މޭޒު، ސަންބެޑް އަދި ގަސްމުށި ފަދަ ދެމިހުންނަ ފަރުނީޗަރަށް ބަދަލުކުރެވޭނެ އެވެ.
މި މަޝްއޫރާ ގުޅިގެން ކްލީން މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ސެންޓަރަކީ ރާއްޖޭގެ ސަރކިއުލާ އިކޮނޮމީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ރިސޯޓުގެ އިތުރުން ކައިރީގައިވާ ކުޑަފަރީގެ ކުނިވެސް މި ސެންޓަރުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އަޕްސައިކަލްކުރެވޭ އުފެއްދުންތަކުގެ %40 ކްލީން މޯލްޑިވްސްއަށް އަދި %60 ސިޔާމް ވޯލްޑަށް ލިބޭއިރު، މި ތަކެތީގެ ބޮޑު ބައެއް ކައިރީގައިވާ ރަށްރަށުގެ ޕާކުތަކާއި މުޖުތަމައުގެ މަރުކަޒުތަކުގައި ބޭނުންކުރުމަށް ހަދިޔާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ސިޔާމް ވޯލްޑުން ވަނީ ޕްލާސްޓިކް ތަގައްޔަރުވުމާއި ދެމެހެއްޓެނިވި އާދަކާދަތަކުގެ މުހިންމުކަން އަންގައިދިނުމަށް ފަތުރުވެރީންނަށާއި ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދަތުރުތައް ހިންގަން ރާވާފައި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި މަޝްރޫއަކީ ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުމުގެ ބާރުގަދަކަން ދައްކުވައިދޭ ނަމޫނާއެއް ކަމަށް ކްލީން މޯލްޑިވްސް އިން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން އެތައް ރިސޯޓަކުން މިފަދަ އަޕްސައިކްލިން ފެސިލިޓީތައް ގާއިމުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކްލީން މޯލްޑިވްސްއިން ބުނެއެވެ.
ކްލީން މޯލްޑިވްސް
ކްލީން މޯލްޑިވްސް
ކްލީން މޯލްޑިވްސް