ކްލީން މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން "ޕްލާންޓް އަ ޓްރީ" ގެ ނަމުގައި 1000 ގަސް އިންދުމުގެ ހަރަކާތެއް އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ކްލީން މޯލްޑިވްސް އިން ބުނީ އެ ހަރަކާތް ކުރިއަށްގެންދާނީ، ކުޑަގިރި ޕިކްނިކް އައިލެންޑްގައި ކަމަށެވެ.

ޕްލާންޓް އަ ޓްރީގެ މަގުސަދަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޝިއާރުގެ ދަށުން ކުރިއަށްދާ މަޝްރޫއުގައި ބައިވެރިވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިދިޔަ ޖުލައި މަހު ކްލީން މޯލްޑިވްސް އިން ބޭއްވި ގޯ ގްރީން ހަރަކާތުގައި އެ ޖަމިއްޔާއިން ވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި 10،000 ގަސް އިންދުމަށް ވައުދުވެފައެވެ.

ކްލީން މޯލްޑިވްސް އަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތްތައްކޮށް، މިހާރަށްވުރެ ރަނގަޅު ތިމާވެއްޓެއް އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.