ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ހުޅުމާލޭގައި 1،000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

"ގޯ ގްރީން" ގެ ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ފެށި މި ޕްރޮގްރާމް އިފްތިހާހުކޮށްދެއްވީ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ.

"ގޯ ގްރީން" އިވެންޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވި "މުޅި ރާއްޖޭގައި ފަސް މިލިޔަން ގަސް އިންދުން" މި ޝިއާރުގެ ދަށުން 1000 ގަސް އިންދުމަށް ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް އިފްތިހާހުކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ގައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމަށެވެ. އަދި ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި ކޮންމެ މީހެއްގެވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ މިނިސްޓަރު ތޯރިގެވެ.

ޕްރޮގްރާމްގެ ބައިވެރިން ހުޅުމާލޭގައި ގަސް އިންދާފައިވާ އިރު، 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައިވެއެވެ. އޭގެ ތެރެއިން 50 ޕަސަންޓަކީ ކުޑަކުދިންނެވެ.

ކްލީން މޯލްޑިވްސް އިން ބުނީ، ގޯ ގްރީން ކެމްޕެއިނުގެ މަގުސަދަކީ ރާއްޖެ ފެހިކުރުމާއި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

"ގޯ ގްރީން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކްލީން މޯލްޑިވްސްގެ ބާނީ އާއި އިވެންޓްގެ ސްޕޮންސަރުން، އެޗްޑީސީ، އައިކެއާ، ހާޑްރޮކް ހޮޓެލް، އެމްޓީސީސީ އާއި އޭޝިޔާ ފޯވަޑިންގެ އިސް ބޭފުޅުންނާއި ސްކޫލު ދަރިވަރުންނާއި އެކި އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވިއެވެ.

ގޯ ގްރީން އިވެންޓްގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.