ގާޒާގެ މުޅި އާބާދީ ރަފަހުގައި ހުންނަ ކޭމްޕަކަށް ބަދަލުކުރަން އިސްރާއީލުން މަސައްކަތް ފަށައިފިއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު، އިސްރާއިލް ކަޓްޒް ނޫސްވެރީންނަށް މައުލޫމާތު ދެމުން އިއްޔެ ވަނީ ގާޒާގެ މުޅި އާބާދީ ފަލަސްތީނުގެ ދެކުނުން އޮންނަ ރަފަހް ކޭމްޕަށް ބަދަލުކުރުމަށް އިސްރާއީލުގެ މިލިޓަރީ އަށް އަންގާފައިވާނެ ކަމަށް ބުނެފައެވެ.

ކަޓްޒް ވަނީ އިސްރާއީލުގެ ޕްލޭނަކީ ރަފަހުގައި ހާއްސަ ސިޓީއެއް ގާއިމުކުރުން ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން 600،000 ގެ އެ ސަރަހައްދުގައި އިމާރާތްކޮށް ގާޒާގެ 2.1 މިލިއަން މީހުން އެ ސަރަހައްދަށް ބަދަލުކުރާނެ ކަމަށް ކަޓްޒް ބުނެފައިވެއެވެ.

އިސްރާއީލުން ރާވާފައިވާގޮތަށް މަސައްކަތް ފަށައި ގާޒާގެ އާންމުންނަށް އެ ސަރަހައްދަށް ވަދެވޭނީ ހާއްސަ ސެކިއުރިޓީ ސްކޭނެއް ކުރުމަށް ފަހު ކަމަށާއި އެކަމުގެ ބޭނުމަކީ އެމީހުންނަކީ ހަމާސްގެ މީހުން ނޫންކަން ޔަގީން ކުރުން ކަމަށް ކަޓްޒް ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލާއި ހަމާސް އިން 60 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތައް ފަށާފައިވާއިރު އެކަމަށް އަލިމަގެއް ފެނި ހަމަލާތައް ހުއްޓާލައިފިނަމަ ރަފަހުގައި ގެތައް އިމާރާތްކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުން ގާޒާގެ އާންމުން އެސިޓީން ނެރުމަށް މަސައްކަތް ފަށާފައިވާއިރު އިންސާނީ ހައްގުތަކާއި ބެހޭ އިދާރާތަކާއި ޖަމިއްޔާތަކުން ވަނީ އެކަން ކުއްވެރިކުރަން ފަށާފައެވެ.

އިސްރާއީލުގެ އިންސާނީ ހައްގުތަކާއިބެހޭ ޖައްމިއްޔާއަކުން ވެސް ވަނީ އިންސާނިއްޔަތާއި ހިލާފު ބޮޑު ކުށެއްގެ ގޮތުގައި އެކަން ސިފަކޮށްފައެވެ.