ކުރިއަށްއޮތް އަހަރުތަކުގައި ހުޅުމާލޭ ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް އައިނުގެ ވިޔަފާރިއަށް ފިހާރަތައް ހުޅުވުމަށް ނިންމައިފިއެވެ.
މިދިޔަ މަހުން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދަ އިން 2،000 ރުފިޔާ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މެއި މަހުގެ 28 ގައި ބޭއްވި ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި އިއުލާންކުރައްވައިފައެވެ.
އެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ނިންމުމާއެކު، އަމިއްލަ ވިޔަފާރިތަކުން އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމަވާފައިވާކަން މެއި 31 ގައި ރައީސް އިއުލާންކުރެއްވިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި އައިޖީއެމްއެޗް އައިނު ފިހާރަ މިމަހުގެ ތެރޭގައި ހުޅުވާނެ ކަމަށާއި އޭގެ އިތުރުން އެހެން ހޮސްޕިޓަލުތަކުގައި ވެސް އައިނު ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
"ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރައްވާ އައިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް. ވިޔަފާރިއެއް ގޮތަކަށް ނޫން. އާސަންދައިން ކަނޑައެޅިފައި އިންނަ އަދަދުގެ ތެރެއިން، ފުރަތަމަ އައިޖީއެމްއެޗްގައި އައިނު ހަދަން. މިކަން އިތުރަށް ފުޅާކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި އަދި މުސްތަގުބަލުގައި ރީޖަނަލް ހޮސްޕިޓަލުތަކުގައި ސަރުކާރުން އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ،" ހަލީމް ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް އައިނުގެ ވިޔަފާރިކުރުމަށް ފިހާރަތަކެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ހަލީމް ވިދާޅުވި ނަމަވެސް، އެ ފިހާރަތައް ހުޅުވޭނެ ވަކި މުއްދަތެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
ފާތިމަތު ލިއުޝާ
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް