އައިޖީއެމްއެޗްގައި ހުޅުވުމަށް ހަމަޖެހިފައިވާ އައިނުގެ ވިޔަފާރިއަށް ހާއްސަ ފިހާރަ މިމަހުގެ ތެރޭގައި ހުޅުވަން ނިންމައިފިއެވެ.
މިދިޔަ މަހުން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދަ އިން 2،000 ރުފިޔާ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މެއި މަހުގެ 28 ގައި ބޭއްވި ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި އިއުލާންކުރައްވައިފައެވެ.
އެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ނިންމުމާއެކު، އަމިއްލަ ވިޔަފާރިތަކުން އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމަވާފައިވާކަން މެއި 31 ގައި ރައީސް އިއުލާންކުރެއްވިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާވާފައި އޮތް ކަންކަމުގެ ތެރޭގައި އައިޖީއެމްއެޗްގައި ހުޅުވުމަށް ހަމަޖެހިފައިވާ އައިނު ފިހާރަ މިމަހުގެ ތެރޭ ހުޅުވުން ހިމެނޭ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވާފައި ހިދުމަތް ފޯރުކޮށްދޭން ފަށާނަން،" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް އައިނު ފިހާރަތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުތަކުގައި އެ ފިހާރަތައް ހުޅުވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.
އައިޖީއެމްއެޗް