މޯލްޑިވްސް ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް)ގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހުޅުވާލި ފުރުސަތުގައި 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލައިފިއެވެ.
ނޭޝަނަލް ސާވިސްގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕްރޮގްރާމުގެ ދަށުން ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށާއި އެ ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށް ވެސް ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
"މިގޮތުން ދިވެހި ވަތަނީ ހިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓު ތަރުތީބުކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންނެވެ. ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީނު ފެށޭނެއެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގެ ތަމްރީނަށް އެޕްލައިކޮށްފައިވާ ކޮންމެ ޒުވާނަކަށް ވެސް ތަމްރީނު ޖާގަ ލިބިފައިވާ ގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުންގެންދާނެ ކަމަށެވެ. އަދި ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓް ލިސްޓުކުރެވިފައިވާ ފަރާތްތަކާއި ފުރަތަމަ ބުރުގެ ރިޒާވް ކެންޑިޑޭޓުންގެ ގޮތުގައި ޝޯޓްލިސްޓު ކުރެވިފައިވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސްއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮގްރާމުގެ ތަމްރީނުގެ ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިރު، އެ ކެންޑިޑޭޓަކަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ހާޒިރުވެ ސިލެކްޝަން ޕްރޮސެސްގެ ކަންކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިއުލާނުކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ޕްރޮގްރާމުގެ ސަބަބުން ތަމްރީން ލިބިފައި ތިބި، އަހުލާގު ރަނގަޅު، ގައުމަށް ފައިދާ ހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ހިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެމުން ގެންދާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްޓްރީ ކަމަށް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.
ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީ