މެލޭޝިއާއިން އަލަށް ނަގަން ނިންމި ޓެކްސްއާ ގުޅިގެން، ސްކޮލާޝިޕްތަކުގެ ދަށުން އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް، އެ ޓެކްސް ފައިސާ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށާއި ލޯނު ނަގައިގެން އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވެސް ޓެކްސް ފައިސާ ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުން ދައްކާ ކޮލެޖު ފީ އިން ހަ ޕަސަންޓުގެ ޓެކްސްއެއް މިމަހުން ފެށިގެން ނަގަން ވަނީ ނިންމައިފައެވެ. އެ ޓެކްސް ދައްކަން ޖެހެނީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ފުުރުސަތުދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކުންނެވެ.

ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ކަނޑައަޅާފައިވާ ތައުލީމީ މަރުކަޒުތަކާއި ބޭރުގެ ދަރިވަރުންނަށް ފުރުސަތުދޭ ހުރިހާ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ވަނީ ލާޒިމުކޮށްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުންދާ ކަމަށެވެ.

"މެލޭޝިއާގައި ކިޔަވާ އިންޓަނޭޝަނަލް ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީއެއް ދައްކަން ޖެހޭ ކުދިންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް ސްކޮލާޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ގެންދާނީ ދޫކުރަމުން،" މިނިސްޓްރީން ބުންޏެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.