ދިވެހި ސަރުކާރުން ލ. އަތޮޅުގައި، އިންޑިއާ ކަނޑުގެ މެދުތެރޭގައި މުހިންމު ކަނޑުމަގެއްގެ ގޮތުގައި ބޭނުންކުރެވޭ ވަން-އެންޑް-ހާފް ޑިގްރީ ޗެނަލްއާ ގުޅިފައިވާ ސަރަހައްދުގައި ގާއިމުކުރުމަށް ރާވާފައިވާ ލ. އަތޮޅު ޕޯޓް އަދި ބަންކަރިން ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާކުރާނެ ގާބިލު އަދި ޝައުގުވެރިކަން ހުރި އިންވެސްޓަރުން ހޯދަން އިއުލާނުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއަކީ ސަރަހައްދީ ކަނޑުމަގުގެ ދަތުރުފަތުރުން ފައިދާ ހޯދުމަށްޓަކައި ގިނަ ބޭނުންތަކަށް ހާއްސަ ކުރެވިފައިވާ ބަނދަރަކާއި އެއާ ގުޅުންހުރި ބަންކަރިން އަދި މެރިޓައިމް ހިދުމަތްތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ ފުރުސަތުތައް ބަލައި ދިރާސާކުރުމެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި:
- މިއީ ހަމައެކަނި މަޝްވަރާއަށް ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދަން ކޮށްފައިވާ އިއުލާނެއް
- ބިޑު އަދި ޕްރޮޕޯސަލް ހުށަހަޅާކަށް ނުޖެހޭނެ
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި އިއުލާނުގެ މަގުސަދުތަކަކީ މަޝްރޫއުގެ ކޮންސެޕްޓަށް އަމިއްލަ ފަރާތްތަކުގެ ޝައުގުވެރިކަން ހުރި މިންވަރު ދެނެގަތުމާއި ވިޔަފާރީގެ ގޮތުން ކުރެވިދާނެކަންކަމާއި އާމްދަނީ ލިބިދާނެ ގޮތްތަކާ ގުޅޭގޮތުން ހިޔާލު ހޯދުން ކަމަށެވެ. އަދި އެކަށީގެންވާ ވިޔަފާރި އޮނިގަނޑުތަކާ ގުޅޭގޮތުން މަޝްވަރާކޮށް މެރިޓައިމްގެ މައިގަނޑު މަސައްކަތްތައް ހަރުދަނާކުރުމަށް އިތުރުކުރެވިދާނެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ހުށަހެޅުންތައް ހޯދުން ކަމަށެވެ.
މި މަޝްރޫއުގެ ކޮންސެޕްޓްގައި މިވަގުތު ހިމެނިފައިވާ މައިގަނޑު ބައިތަކުގެ ގޮތުގައި އިއުލާނުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
- ކާގޯ، ޓޭންކަރު އަދި ހިދުމަތްދޭ އުޅަނދުފަހަރަށް ހިދުމަތްދިނުމަށް ފުން ބަނދަރެއް
- ދަތުރުކުރާ އުޅަނދުފަހަރަށް ބަންކަރިން ހިދުމަތާއި ތެޔޮ ސަޕްލައިކުރުން
- އެއްގަމުގައި އަދި / ނުވަތަ ކަނޑުމަތީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކުގެ އިންފްރާސްޓްރަކްޗާ
- މެރިން ސަޕޯޓް އިންފްރާސްޓްރަކްޗާ
- ހުރިހާ މޫސުމެއްގައި ބަނދަރު ހިންގުމަށް ސާވިސް ކީވޭ އަދި ބްރޭކްވޯޓާ
- ލޮޖިސްޓިކްސް، ޔުޓިލިޓީސް އަދި ހިދުމަތްދޭ ވަސީލަތްތަކަށް ހިއްކާ އޮޕަރޭޝަނަލް ބިން
އެ އިއުލާނުގައި އިތުރަށް ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އާރްއީއޯއައި) ހުށަހެޅުމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ގުޅާނެ ކަމަށެވެ.
މި ބައްދަލުވުންތަކުގައި އިންވެސްޓަރުންނަށް:
- އިބްތިދާއީ ހިޔާލުތައް ހުށަހެޅޭނެ
- މަސައްކަތުގެ ދާއިރާއަށް ގެނެވިދާނެ ބަދަލުތަކާ މެދު މަޝްވަރާކުރާނެ
- އެހެން ނުވަތަ އިތުރު ތަރައްގީގެ އޮޕްޝަންތައް ހުށަހެޅޭނެ
- މަޝްވަރާތަކުން ލިބޭ ހިޔާލުތަކާއެކު، ވިޔަފާރި މޮޑެލްތައް، މާލީ ދެމެހެއްޓެނިވިކަން އަދި އޮނިގަނޑު ކަނޑައެޅުމުގެ އޮޕްޝަންތައް ވަޒަންކުރުމަށް ސަރުކާރުން ކޮމިޝަންކުރާ މިނިވަން އެޑްވައިޒަރީ އެސެސްމަންޓްތައް ހިމެނޭނެ ކަމަށް
- މަޝްވަރާ ޕްރޮސެސްއާއި އެޑްވައިޒަރީ ހޯދުންތަކުގެ ނަތީޖާއަށް ބިނާކޮށް، މަޝްރޫއަށް އިންވެސްޓަރުން/ޕާޓްނަރުން ހޯދުމަށް ރަސްމީ ސޮލިސިޓޭޝަން ޕްރޮސެސްއެއް ފެށިދާނެ
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ 7ގެ ކުރިން އާރްއީއޯއައި ހުށަހަޅަން ވަނީ އެދިފައެވެ. އާރްއޭއޯއައި ހުށަހަޅަންޖެހެނީ ޕީޑީއެފް ފޯމެޓުގައި އީމެއިލް މެދުވެރިކޮށެވެ. އާރްއީއޯއައި ހުށަހަޅަންޖެހޭ އީމެއިލްއަކީ [email protected] އެވެ.
އިތުރު މައުލޫމާތު އިނޮމިކް މިނސިްޓްރީއަށް ގުޅުމުން އަދި [email protected] ލިބޭނެއެވެ.
އާއިޝަތު މާހާ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް