ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ޖޫން މަހުގެ ނިޔަލަށް 3،000 އަށްވުރެ ގިނަ އިންޓަނޭޝަނަލް ފުލައިޓް ޖައްސައިފައިވާ ކަމަށް އައިލެންޑް އެވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އެ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ މާފަރު އެއާޕޯޓަކީ ދެވަނައަށް ރާއްޖޭގައި އެންމެ ގިނަ އިންޓަނޭޝަނަލް ފުލައިޓު އޮޕަރޭޓް ކުރާ އެއާޕޯޓު ކަމަށެވެ.
"މިގޮތުން ޑިސެމްބަރު 2019 އިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 3،000 އަށްވުރެ ގިނަ އިންޓަނޭޝަނަލް ފުލައިޓް މި އެއާޕޯޓަށް ވަނީ މި އޮޕަރޭޓް ކުރެވިފަ. އަދި ޖުމްލަ 9،000 އަށްވުރެ ގިނަ ފުލައިޓާއި 250،000 އަށްވުރެ ގިނަ ޕަސެންޖަރުންނަށް މި އެއާޕޯޓުން ވަނީ ހިދުމަތް ދެވިފައި" އިޔާސް ވިދާޅުވިއެވެ.
އިޔާސް ވިދާޅުވީ މާފަރު އެއާޕޯޓުގެ ސަބަބުން ނ. އަތޮޅުގައި 70 ވަޒީފާ އުފެދިފައިވާ ކަމަށެވެ. މާފަރު އެއާޕޯޓުގެ ހިންގުމާ އައިލެންޑް އެވިއޭޝަނުން ހަވާލުވި ފަހުން އެ އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓް ހަބަކަށް ހެދުމަށް ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިޔާސް ވިދާޅުވިއެވެ.
އެގޮތުން އެކަން ހާސިލުކުރުމަށް ފުރަތަމަ އަމާޒަކަށްވީ މާފަރު އެއާޕޯޓުގެ އޮޕަރޭޝަންސްތައް ވަރުގަދަކޮށް އިންޓަނޭޝަނަލް ފެންވަރަށް ހިދުމަތް ދެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށެވެ.
ގިނަ އަދަދަކަށް މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައްވެސް ޖައްސާ މާފަރު އެއާޕޯޓަކީ، އަބޫ ދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށް ޑިސެމްބަރު 2019ގައި ހުޅުވި އެއާޕޯޓެކެވެ.
މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
މާފަރު އެއާޕޯޓް ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އެއާޕޯޓް ރަންވޭ އިތުރު 650 މީޓަރަށް ބޮޑުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުމާއި ޓެކްސީވޭ ފުޅާ ކުރުމާއި ރަންވޭ ލައިޓް އަޕްގްރޭޑް ކުރުމުގެ އިތުރުން ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުން ހިމެނެއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް ނިމުމުން، އެ އެއާޕޯޓުގައި ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭނެ ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން މިއަދު އިފްތިތާހު ކުރީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުގެ ދަތުރަކާއެކުއެވެ. އެ ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުންވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.
މުހައްމަދު އިޝާން
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު