ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ލިޔުންތެރީންގެ ދުވަހާ ގުޅިގެން ރައީސް ނެރުއްވި ހިތޯބުގައި ވިދާޅުވީ، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެފައިވާ ކަމަށެވެ. ލިިޔުންތެރީންގެ ދީނީ، ގައުމީ ޒިންމާ އާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދީނީގޮތުން ބަލާއިރު، ދިވެހީންގެ އަގީދާ އާއި އަދަބު އަހުލާގު ހަރުދަނާ ކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން މި ގައުމަށް ބޭނުންވެއެވެ. އިޖުތިމާއީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވެއެވެ. އިގުތިސޯދީ ދާއިރާއަށް ބަލާއިރު، އާ ފުރުސަތުތައް ތައާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ ލިޔުންތައް މުހިންމުވެއެވެ." ރައީސް ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައި ވެސް ލިޔުންތެރިންގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގައި ކަމަށާއި އެ މެނިފެސްޓޯ އެކުލަވައިލުމާއި ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމާއި ގައުމީ އެކިއެކި މައްސަލަތަކާއި ހާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރީންނަށް ކަމަށެވެ.
ރައީސް ވިދާޅުވީ ލިޔުންތެރީންގެ ދައުރެއް ނެތް އެއްވެސް ދާއިރާއެއް ގައުމެއްގެ ނިސްބަތުގައި ނޯންނާނެ ކަމަށެވެ. އެހެންކަމުން ލިޔުންތެރީންނަކީ އަމިއްލަ ދީނާއި އަމިއްލަ ގައުމާއި އަމިއްލަ ވަތަނުގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކު ކަމުގައި ވާން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ލިޔުންތެރިކަމަކީ އަމާނާތެކެވެ. ލިޔުންތެރީންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވެއެވެ. ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދެއެވެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި އަމިއްލަ ގައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި ހުރިހާ މާނައެއްގަައި މަސްލަހަތު ހިފެހެއްޓުމުގެ ގައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރީންނަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ތާރީހަށް ބަލާއިރު، ރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ވަނީ ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އަދި އެ މަނިކުފާނު ބޭނުންފުޅު ވަނީ ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަސްލަހަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވުމަށް ކަމަށް ވިދާޅުވިއެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
އުރީދޫ މޯލްޑިވްސް
ރިޕޯޓް