މި އަހަރުގެ ސެޕްޓެމްބަރު މަހު ތައާރަފުކުރާނެ ކަމަށް ބެލެވޭ އައިފޯން 17 ޕްރޯ މެކްސް އަކީ، މިހާތަނަށް އުފެއްދި އައިފޯންތަކުގެ ތެރެއިން ބެޓެރިއަށް އެންމެ ބޮޑަށް އިސްކަންދީފައިވާ ފޯނަށް ވެގެންދާނެ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ބުނެފިއެވެ.

ލީކުވެފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި މި ފޯނުގައި 5,000mAh (މިލިއެމްޕިއަރ-އަވަރ) އާ ގާތްކުރާ ބެޓެރިއެއް ހުންނާނެއެވެ. މިއީ އައިފޯނެއްގައި ބޭނުންކުރާނެ އެންމެ ބޮޑު ބެޓެރިއަށް ވާނެއެވެ.

ބޮޑު ބެޓެރިއަކަށް ޖާގަ ހޯދުމުގެ ގޮތުން، މި ފޯނު ކުރީގެ މޮޑެލްތަކަށްވުރެ ތަންކޮޅެއް ބޯވެ، ބަރުދަން އިތުރުވާނެ ކަމަށް ލަފާކުރޭކަމަށް ހަަބަރުތައް ބުނެއެވެ. މިއީ އެޕަލްއިން ފޯނުގެ ބެޓެރި ލައިފް ރަނގަޅު ކުރުމަށް އިސްކަންދީފައިވާކަން ދައްކުވައިދޭ ކަމެކެވެ.

އައިފޯން 16 ޕްރޯ މެކްސްއާ އަޅައިބަލާއިރު، ބެޓެރީގެ ކެޕޭސިޓީ 10 އިންސައްތައާ ގާތަށް އިތުރުވާނެ ކަމަށް ހަބަރުތައް ބުނެއެވެ. ބެޓެރީ ބޮޑުވުމުން ބޭނުންކުރެވޭ ވަގުތު އިތުރުވާނެ ނަމަވެސް، ބެޓެރީގެ ލައިފް ބިނާވެފައިވަނީ އައި.އޯ.އެސް 26 ގެ ސޮފްޓްވެއަރ އޮޕްޓިމައިޒޭޝަނާއި، އޭ 19 ޕްރޯ ޗިޕްގެ ކުޅަދާނަ ކަމާއި، ޑިސްޕްލޭގެ ޕަވަރ މެނޭޖްމަންޓްގެ މައްޗަށެވެ.

މީގެ އިތުރުން އައިފޯން 17 ޕްރޯ މެކްސްގެ ފަހަތުގައި ހުންނަ އެޕަލް ލޯގޯ މިހާރު ހުންނަ ތަނަށްވުރެ ތިރިއަށް ބަދަލުވެގެންދާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. ލީކްވެފައިވާ ރެންޑަރތަކުން ދައްކާ ގޮތުގައި މެގްސޭފް ކޭސްތަކާއެކު ލޯގޯ ހުންނަ ގޮތް ކުޑަކޮށް އާދަޔާހިލާފު ވެދާނެއެވެ. ނަމަވެސް، އެޕަލްއިން މީގެ ކުރިންވެސް (އައިފޯން 11 ސީރީޒްގައި) ލޯގޯ ހުންނަތަން ބަދަލުކޮށްފައިވާތީ، މިއީ އާދަޔާހިލާފު ކަމަކަށް ނުވާނެއެވެ.

އާ ޑިޒައިނެއް ތައާރަފުކުރުމާއި، އެލްމިނިއަމް ބޭނުންކުރުން އަދި ކެމެރާގެ ހައުސިންއަށް އަންނަ ބަދަލުތަކާއެކު ލޯގޯގެ ތަން ބަދަލުކުރަން ޖެހިދާނެ ކަމަށް ޓެކް މީހުންވެސް އަންނަނީ ބުނަމުންނެވެ.

މިހާތަނަށް އާންމުވެފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި އައިފޯން 17 ޕްރޯ މެކްސް އަކީ އެޕަލްގެ ތާރީހުގައި އެންމެ މޮޅު ބެޓެރީ ޕަރފޯމަންސް ދައްކުވައިދޭނެ ފޯނަށް ވެގެންދާނެއެވެ.