"ޕަންޗާޔަތު" ސީރީޒްގެ ހަތަރުވަނަ ސީޒަން ޖޫން 24 ގައި ދައްކަން ފެށުމާއެކު ލިބުނު ކާމިޔާބީގެ ސަބަބުން ފަސް ވަނަ ސީޒަނެއް ހަދަން ނިންމައިފިއެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި މި ސީޒަން ވަނީ އިންޑިއާގައި ނަންބަރު 1 ޓްރެންޑިން އަށް ގޮސް، ފުރަތަމަ ހަފުތާގައި އެ ގައުމުގެ %95 ޕިން ކޯޑުތަކަށް ދުރަށް ސްޓްރީމް ކުރެވިފައެވެ. މިއީ މި ސިލްސިލާގެ ތެރެއިން އެންމެ ގިނަ ބަޔަކު ބެލި ސީޒަން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސީޒަން 4 ވަނީ ދައްކަން ފެށި ދުވަހު އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ޔޫއޭއީ ފަދަ 42އަށް ވުރެ ގިނަ ގައުމުގައި ޓޮޕް 10 ގައި ހިމެނިފައެވެ. އަދި ދައްކަން ފެށި ފުރަތަމަ ހަފުތާގައި 180 އަށްވުރެ ގިނަ ގައުމުގައި މި ސީރީޒް ވަނީ ސްޓްރީމް ކުރެވިފައެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ބޭއްވި 54 ވަނަ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާގައި "ޕަންޗާޔަތު" ސީޒަން 2 އަށް ވަނީ އެންމެ މޮޅު ވެބް ސީރީޒް (އޯޓީޓީ) ގެ އެވޯޑު ލިބިފައެވެ.

ސީޒަން 4 އަށް ލިބުނު ބޮޑު ތަރުހީބާއެކު، ސީރީޒްގެ އުފެއްދުންތެރީންނާއި ޕްރައިމް ވީޑިއޯއިން ވަނީ ސީޒަން 5 ގެ މަސައްކަތް މިހާރުން މިހާރަށް ފަށާފައިވާ ކަމަށާއި، އެ ސީޒަން 2026 ވަނަ އަހަރު ދައްކާނެ ކަމަށް އިއުލާނުކޮށްފައެވެ.

"ޕަންޗާޔަތު" އުފައްދާފައިވަނީ ދަ ވައިރަލް ފީވާ އިންނެވެ. މި ސީރީޒްގައި ޖިތެންދުރަ ކުމާރު، ނީނާ ގުޕްތާ، ރަގުބީރު ޔާދަވް، ފައިސަލް މަލިކް، ޗަންދަން ރޯއި، ސަންވިކާ، ދުރްގޭޝް ކުމާރު، ސުނީތާ ރާޖުވާރު، އަޝޯކް ޕާތަކް އަދި ޕަންކަޖް ޖާ ފަދަ ތަރިން ހިމެނެއެވެ.