ތިން ދުވަސް ފަސް...
ސޯފާގައި އިން ޤައިލާގެ މޫނުމަތިން ފާޅުވަމުން ދަނީ ނުތަނަވަސްކަމެވެ. ކަންފަތުގައި ޖައްސައިގެން ހުރި ފޯނު އޭނައަށް ތިރިކޮށްލެވުނީ ކުޑަ ހަޅޭކެއްގެ އަޑާއެކުގައެވެ. ފުންމައިގެންފައި ސޯފާއިން އޭނަ ތެދުވިއެވެ. އަނެއްކާ ވެސް ކުރިން ގުޅި ނަންބަރަށް އޭނަ ގުޅިއެވެ. އޭރު އޭނަގެ ބުމަ ވަނީ ކައިރިވެފައެވެ. މޫނުގެ ކުލަވަރު ވެސް ބަދަލުވެއްޖެއެވެ. އޭނަ މަސައްކަތް އެކުރަނީ ލޫކަސްއަށް ގުޅޭތޯއެވެ. ރިދާގެ އެޕާޓްމެންޓަށް އޭނަ ލާފައި ދިޔަ ގޮތަށް ލޫކަސް ބަޚަބަރެވެ. ލޫކަސްގެ ހަޔާތުން އޭނަ ބާކީކޮށްލި ކަހަލައެވެ.
ލޫކަސްއަށް ގުޅަން ޤައިލާ ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބިފައި ވަނިކޮށް، ރިއުމާންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ލޫކަސް ވަނީ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ފުރައިފައެވެ. ދިޔަ މަންޒިލެއް ބުނަން ރިއުމާން އުޒުވެރިވިއެވެ. އަނބުރާ ރާއްޖެ އަންނާނެ ދުވަހެއް ވެސް މެއެވެ. އެކަމާ ވިސްނާވިސްނާ ޤައިލާގެ ބޯފަޅައިގެންދާން ކައިރިވެއްޖެއެވެ. ލޫކަސް އޭނަ ދުރުކޮށްލުމާއެކު އިވެން ފެށި އިންޒާރުގެ ރަނގަބީލުތަކުން ދައްކާ ބޮޑު މަންޒަރު ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ޤައިލާ ދެކޭ ގޮތުގައި އޭނައާއި ލޫކަސްގެ ދެމެދުގައި އޮތީ ތެދުވެރި ލޯތްބެކެވެ. އެލޯތްބަށް އުނިކަމެއް ނާންނާނެއެވެ. ކާމިޔާބު ވާނެއެވެ.
''ނޫން!، އެހަނެއް ނުވާނެ، ލޫކް ލަވްސް މީ...'' ނައްސި ޚިޔާލުތަކުގެ ތެރޭގައި ނަފުސު ބަނދެވެން ފެށުމާއެކުގައި ޤައިލާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
''ލޫކް، ބޭބީ ފޯނަށް ޖަވާބު ދީބަލަ، އައި މިސް ޔޫ، ކޮން އިރަކުތަ ރާއްޖެ އަންނަނީ؟...'' ވަޓްސްއެޕުން ލޫކަސްއަށް ޤައިލާ މެސެޖެއް ފޮނުވާލިއެވެ. ފާއިތުވި ދުވަސްތަކުގައި ލޫކަސްއަށް ސަތޭކައާއި ގާތްކުރާ އަދަދަކަށް ޤައިލާ މެސެޖު ފޮނުވައިފިއެވެ. އެއިން އެއްވެސް މެސެޖެއް ލޫކަސް ކިޔާފައި ނުވެއެވެ. އޭނަގެ ނަންބަރު ލޫކަސް ބްލޮކްކޮށްލިކަމުގެ ބިރުވެރިކަމާއެކު ރިދާގެ ފޯނުން ވެސް ލޫކަސްއަށް ގުޅޭތޯ ޤައިލާ ބެލިއެވެ. އެކަމުގައި ވެސް އޭނައަށް ކާމިޔާބެއް ނުލިބުނެވެ. ދެރައާއި ހިތާމަ އެކުވެ ޤައިލާގެ މޫޑު ޚަރާބުވިއެވެ. އަބަދުމެ އޭނަގެ ޚިޔާލުތަކާއި ގުޅިލާމެހެނީ ލޫކަސް އެވެ. ލޫކަސްގެ ލޯބި ބީވެގެންދާކަށް އޭނަގެ ހިތެއް ނޭދެއެވެ.
ޤައިލާ ހުރީ ކޮންމެހެން ވެސް ލޫކަސްއާއި ބައްދަލުކުރަން ބޭނުންވެފައެވެ. އޭނައަށް އެހީތެރިވެދޭނެ މީހަކު ނެތުމުން ސިކުނޑި ސުމަކަށް ދިޔައެވެ. ރިއުމާން ވެސް ހުންނަނީ ދުރުގައެވެ. ގުޅިޔަސް ފޯނެއް ނުނަގައެވެ. ރިދާގެ ގާތުގައި ކަމަކު ބުނަން ޤައިލާ ނުރުހުނެވެ. އޭނަ ރިދާގެ އެޕާޓްމެންޓްގައި އުޅޭތީ އެކަމާ ރިދާ ފިކުރުބޮޑުވެފައި ހުންނަކަން ޤައިލާއަށް ފާހަގަ ކުރެވުނެވެ. ފާޅުގައި ނުބުންޏަސް އޭނަ އެތަނުން ދާނެ ދުވަހަކަށް ރިދާ ކޮޅުމަތި ބަލަމުންދާކަން ޤައިލާއަށް އެނގެއެވެ. ވަރުގަދަ ރައްޓެހިން ތަކެކެވެ. ހާލުގައި ޖެހި އެހީއަކަށް ބޭނުންވި ދުވަހު އެންމެން އޭނަ ދުރުކޮށްލައިފިއެވެ. ބިކަކޮށްލައިފިއެވެ. އެވަގުތު ޤައިލާގެ ހަނދާނަށް އައީ މައިހާގެ އޯގާތެރި ހިނިތުންވުމެވެ. ހެޔޮ ހިތުން މައިހާ އެހީވެދިން ދުވަސްތަކުގެ މަންޒަރުތައް ލޯމަތިން ސިފަވުމާއެކުގައި ޤައިލާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
''ދެޓް ބި*...'' އައި ގަދަފަދަ ރުޅީގައި ގައިލާ ތުރުރުއަޅައިގަތެވެ. އަތުގައި އޮތް ފޯނު އަމާޒުކޮށްލެވުނީ ބޮޑުކޮޓަރީގެ ފާރަށެވެ. ހޫރާލި ބާރުމިނުގައި ފާރުގައި ފޯނު ޖެހުނު އަޑުފަށްގަނޑު މާހައުލުގައި ގުގުމާލިއެވެ. ކުރެވުނު ކަންތައް ޤައިލާއަށް ރޭކާލީ ޓައިލްސްތަކުގެ މައްޗަށް ފޯނު ވެއްޓުމުންނެވެ. ލޫކަސް ގުޅައިފިނަމަ ނުވަތަ މެސެޖެއްކޮށްފިނަމަ ޖަވާބު ނުދެވިދާނެތީ އޭނަ ހާސްވެއްޖެއެވެ. އަވަސްއަވަހަށް ގޮސް ފޯނު ނެގިއެވެ. ސްކްރީނުގައި ރެނދުލާފައި ވިޔަސް ނަސީބަކުން މަސައްކަތް ކުރެއެވެ. ފޯނަށް މެސެޖެއް އައީ އެދަނޑިވަޅުގައެވެ. އުއްމީދާއެކުގައި ޤައިލާއަށް ބަލައިލެވުނެވެ.
މެސެޖު އައީ އެންމެ ހީނުކުރާ މީހާގެ ފަރާތުންނެވެ. އަސަލް އެވެ. އެއީ ކުރު މެސެޖެކެވެ. ފެމިލީ ކޯޓަށް މާދަމާ ހެނދު ދިހައެއް ޖަހާއިރުގައި ވަރިސާބިތުކުރަން ހާޒިރުވުމަށެވެ. ޤައިލާއަށް ދަތްކުނޑިވިކާލެވުނެވެ. އޭނަގެ މޫޑު ގޯސްވުން ނޫންކަމެއް ނުވިއެވެ.
''ހުރިހާކަމެއް މިވީ އަސަލްގެ ސަބަބުނއ، އަހަރެން ބަލާނަން އަސަލްއަށް އަހަރެން ވަރިކޮށްފަ އުފާވެރި ދިރިއުޅުމެއް ލިބޭތޯ... މައިހާ ހޭއަރުވާލާނަން، އޭނަ ވެސް އަދި ހުންނަނީ އަސަލްއަށް ފޮނުއަރުވަން ފޯރީގަ، ޤަމާރު ކަލޭގެ، އަހަންނަށް މި ހާލަތު ދިމާވީ އެދެމީހުންނާ ހެދި... ކަލޭމެންގެ ދިރިއުޅުން އަހަރެން ނަރަކައަކަށް ހަދާނަން، ބަދު ދުޢާ ވެސް ކުރާނަން، ދުވަހަކު ކެލޭމެން ދެމީހުންނަށް އުފާވެރިކަމެއް ނުލިބޭނެ، މީ އަހަރެން އަމިއްލަ ނަފުސަށް ވާނެ ވަޢުދެއް!...'' ޤައިލާއަށް ހަޅޭއްލަވައިގަނެވުނެވެ. ހޭވިފައި ހުރި ބުޅި އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓާލަމުން ދަމައިގަތެވެ. ރުޅިން ގޮސް ހޭބުއްދިފިލާ ހިސާބަށް ހިނގައްޖެއެވެ. އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި ރިދާ އެތެރެއަށް ވަނީ އެފަދަ ހާލެއްގައި ޤައިލާ ވަނިކޮށެވެ.
ޤައިލާ ބިންމަތީ އިން ހާލު ފެނުމުން ރިދާ ހައިރާންވިއެވެ. އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓައިގެން ގުދުވެގެން އޮތް ޤައިލާ ހަޅޭއްލަވަނީއެވެ. ދޮރަށް ފަސްދީގެން އިނުމުން އޭނައަށް ޤައިލާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އެޕާޓްމެންޓްގެ ދޮރު ލައްޕަމުން ޤައިލާއަށް ބަލަހައްޓައިގެން ރިދާއަށް ހުރެވުނެވެ.
''އެލީ؟...'' ރިދާ ގޮވާލިއެވެ. އަތުގައި ހުރި ބާޒާރު ކޮތަޅުތައް ގެންގޮސް ކާމޭޒު މަތީގައި ބަހައްޓަމުން ޤައިލާގެ ގާތަށް ހިނގައިގަތެވެ. ރިދާގެ ހިލަންވެ ޤައިލާ އިސްއުފުލާލީ ރުޅި އައިސްފައެވެ. މޫނުގެ ރީތިކަން ގެއްލި ސިފަ މުޅިން ހުތުރުވެފައެވެ.
ޤައިލާގެ ސިނގުރުޅިގަނޑު ފެނި ރިދާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އޭނަގެ ސިކުނޑި އިންޒާރު ދިނީ ޤައިލާއާއި ދުރުގައި ހުރުމަށެވެ.
''އާރ ޔޫ އޯކޭ؟...'' ރިދާއަށް އަހާލެވުނެވެ. އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޤައިލާ ކޮޅަށް ތެދުވަމުން ހިނގައިގަތީ އޭނަ ހުރުމަށް ރިދާ ހަމަޖެއްސި ކޮޓަރީގައެވެ. އެއީ ހުޅުމާލެ ފޭސްޓޫގައި ހުންނަ ލަގްޒަރީ އެޕާޓްމެންޓެކެވެ. ރިދާގެ ''ޝުގާ ޑެޑީ''ގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. މުސްކުޅި އުމުރުގެ މަހުޖަނަކު އަތުއަޅުވާލައިގެން ރިދާ އުޅެނީ މުދަލާއި ފައިސާއަށް ބޫތުކާފައި ހުންނަ ވަރުންނެވެ. ވަޒީފާއަކަށް ނުގޮސް އުފަލާއި އަރާމުގައި އުޅެލުމަށެވެ. ލިބިފައިވި ފުރިހަމަ ބުރުސޫރައިގެ މަންފާ އޭނަ ހޯދައެވެ. ވަގުތީ ދުނިޔޭގެ ލައްޒަތާއި ހަވާ ނަފުސުގެ އެދުންތަކުގެ ތެރެއަށް ގެއްލިފައިވާ ހާލުގައެވެ. ޤައިލާ އެޕާޓްމެންޓްގައި އުޅެން ރިދާ ނުރުހެނީ ''ޝުޤާ ޑެޑީ''އަށް ޤައިލާ ފެނި ޝައުޤުވެރިކަން އުފެދިދާނެތީއެވެ. ނަސީބަކުން މިދުވަސްކޮޅު ''ޝުގާ ޑެޑީ'' ހުރީ ބެންކޮކަށް ގޮހެވެ. މާލެ އަންނަންވާއިރަށް ޤައިލާ އެތަނުން ބޭރުކުރަން ރިދާ ހުރީ ނިންމައިގެންނެވެ. ރައްޓެއްސަކަސް އޭނަގެ އަމިއްލަ އެދުން އިސްކުރަން ރިދާ ހުރީ ތައްޔާރަށެވެ. ރައްޓެހިކަމުގައި ވެސް ވަކި އިންތަކެއް ވާނެ ނޫން ހެއްޔެވެ؟
''ހާދަ ފޫހި ވައްތަރަކަށޭ އުޅެނީ، އަސަލްއަށް ފޮނި ދައްކަން ލޫކަސް ގެންދިޔައީމަ ވާނީ ތިހެންދޯ، ކަމެއް ކުރުމުގެ ކުރިން އެކަމުން ނިކުންނާނެ ނަތީޖާއަކާ މެދު ވިސްނާލަން ޖެހެނީ މިހެންވެގެން، ދެން ވެސް އެއްޗެއް ވިސްނިއްޖެއްޔާ ރަނގަޅު...'' ރިދާ ތުންއަނބުރާލިއެވެ. ޤައިލާއަށް ދިމާވި ހާލަތުން ފުރަތަމަކޮޅު އޭނަ ހުރީ މަދަދުވެރިވާށެވެ. ނަމަވެސް ޤައިލާގެ ރުންކުރުމަކާއި ބޮޑާކަމުގެ ސަބަބުންވި ފޫއްސެއްގެ ބޮޑުކަމާ ހުރެ ނުފެންނަކަމަށް ހެދީއެވެ.
*****
އިޝާ ނަމާދުން ފައިބައިގެން ޖާހަތު މުސައްލަ މަތީގައި އިނީ ޒިކުރުކޮށްލުމަށެވެ. އެނދުގެ އަރިމަތީ ކަބަޑު މަތީ އޮތް އޭނަގެ ފޯނު ރިންގުވާން ފެށީ ޒިކުރުކުރުމުގައި އިންދައެވެ. ޖާހަތު ކޮޅަށް ތެދުވަމުން ގޮސް ފޯނަށް ނަޒަރު ހުއްޓާލިއެވެ. ގުޅަނީ އަސަލް އެވެ. ޖާހަތުގެ ތުންފަތުގައި ދުވެލީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އަސަލް ގުޅުމުން އޭނަގެ ދުވަސް އުޖާލާވެގެން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. ޒިކުރުތައް ނިންމާލަމުން ޖާހަތު ފޯނަށް ޖަވާބު ދިނެވެ.
''ދަރިފުޅާ...'' ލޯތްބާއެކު ޖާހަތު ގޮވާލިއެވެ. ނަމާދު ދޮޅިއާއެކުގައި ޖާހަތު އެނދުގައި އިށީނެވެ. އަސަލްއާއި ޤައިލާގެ ހާލު އޮޅުންފިލުވަން ޖާހަތު ބޭނުންވިއެވެ. ދެމަފިރިންގެ ދެމެދުގައި ހުރިހާ ކަމެއް ރަނގަޅުތޯ އަހަން ވެސް މެއެވެ. އަސަލް އޭނައާއި ހިއްސާކުރި ވާހަކަތަކުން ޖާހަތު ހުންނަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ރަމީޒާ އެދުނު ފަދައިން އެކަމާއި ނުވިސްނައިވޭތޯ ބެލިޔަސް، މައިވަންތަކަމުގެ އިހުސާސްތަކުން އޭނައަށް އިރުއިރުކޮޅާ އަސަލްއާއި މެދު ފިކުރުކުރެވެއެވެ.
''މަންމާ...'' އަސަލްގެ އަޑު ޖާހަތުގެ ކަންފަތާ ހަމައަށް ފޯރުމާއެކުގައި އެއަޑުގައިވި އަސަރުތައް ފަސޭހަކަމާއެކު ޖާހަތަށް ދޭހަކުރެވުނެވެ. އެއާއެކު އޭނަގެ މެޔަށް ފިނިވެލިއެވެ. އޭނައަށް އަސަލް ގޮވާލި ރާގުން ވެސް ބޮޑު ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިކަން ޖާހަތު ނަގައިގަތެވެ. އެކި ދިމަދިމާއަށް ވިސްނުންތަކުގެ ކުރި ފަޅައިދާން ފެށީ ހަމަ ކުއްލިޔަކަށެވެ. ލިބެން އުޅެނީ ބިރުހީވެފައި އޮތް ޚަބަރުބާވައޭ ވެސް އަމިއްލަ ނަފުސާއި ސުވާލުކޮށްލެއެވެ. ވިސްނުނު ވަރަކަށް ޖާހަތުގެ މެޔަށް ފިނިވާން ފެށިއެވެ.
''މަންމާ، އަޅުގަނޑު...'' އަސަލްގެ ޖުމްލަ މެދުކެނޑުނެވެ. ވާހަކަދައްކަން އުނދަގޫވެފައިވާ ކަހަލައެވެ. ޖާހަތުގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އިށީނދެގެން އިންނަން އުނދަގޫވުމުން އޭނަ ކޮޅަށް ތެދުވިއެވެ. އިންތިޒާރު ދިގުލާން ފެށުމުން ހާސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
''ދަރިފުޅާ، މަންމަ މިހުރީ އަޑުއަހަން، ކޮންމެ ވާހަކައެއް ދަރިފުޅު ހިއްސާކުރިޔަސް މަންމަ އަޑުއަހާނަމޭ...'' އަމިއްލަ އިހުސާސްތައް ހަމައަކަށް އަޅުވަމުން ޖާހަތު މަސައްކަތްކުރީ އަސަލްއަށް ހަމަޖެހުމެއް ގެނެސްދެވޭތޯއެވެ. ލޯތްބާ އޯގާތެރިކަން އޭނަ އިސްކުރިއެވެ.
*****
އިސްތަށިގަނޑުގައި އަތް ފުނާއަޅާލަމުން އަސަލް ވިސްނާލީ އެންމެ ފަސޭހައިން މަންމައަށް ހަޤީޤަތް ހާމަކޮށްދެވޭނެ ގޮތަކާމެދުގައެވެ. މަންމަ އަޑުއަހަން ތައްޔާރަށް ހުރުމުން އަސަލްއަށް ފަސޭހަވިއެވެ. މިއަދު އޭނައާއި ޤައިލާގެ ވަރި ކޯޓުން ސާބިތުކޮށްދީފިއެވެ. ކޯޓުގައި ވެސް ޤައިލާ އުޅުނީ އޭނަގެ ވިޔާނުދާ އުޅުން އިޝްތިހާރުކުރުމުގައެވެ. ކޯޓުގެ ހުރުމަތް ނަގާލައި ގާޒީންގެ ކުރިމަތީގައި އަސަލް ބޭޒާރު ކުރެވޭތޯއެވެ. ލަދުވެތިކަމުގެ ޒައްރެއްގެ މިންވަރު ވެސް އަސަލްއަކަށް ނުފެނުނެވެ. ނަމަވެސް ކޯޓުގެ އަޑުއެހުން ނިމި، ބޭރުގައި ޤައިލާ މާޔޫސްވެފައި ހުއްޓާ އޭނަ ދެކުނެވެ. ހައިރާންކަމާއެކު އަސަލް ބެލިއެވެ. ކުރެވުނު ކަންތައް ތަސައްވަރުކުރެވި ޤައިލާ ހިތާމަކުރަނީބާވައޭ ހިތަށް އެރުމުންނެވެ. އެސުވާލުގެ ޖަވާބު ހޯދާކަށް އަސަލް ބޭނުމެއް ނުވިއެވެ. ޤައިލާގެ ގާތުގައި އޭނައަށް ހުޝާމަދުކުރާ ރައްޓެއްސަކު ވެސް މިއަދު ނުވާކަން އަސަލްއަށް ފާހަގަ ކުރެވުނެވެ. މާބޮޑަށް ވިސްނަން ނަހަދާ، ޤައިލާގެ މިނިވަން ހަޔާތަށް ޤައިލާއަށް އަސަލް މަރުޚަބާ ރައްދުކުރިއެވެ. ފުސް މޫނު ދައްކައިގެން ޤައިލާ ހުރީ ދަތްކުނޑިވިކައިގެންނެވެ. ރައްދުގައި ބުނި އެއްޗެއް އަޑުއަހާކަށް އަސަލް މަޑެއް ނުކުރިއެވެ. ފަހަރަކު ފިޔަވަޅެއް ދޫކޮށްލަމުން ކުރިއަށް ހިނގައިގަތީ މާޒީގެ އަނދިރިކަމުގެ ތެރެއަށް ޤައިލާގެ ހަނދާންތައް ހަވާލުކުރަމުންނެވެ. ދުވަހެއްގެ ކޮޅުން ވެސް އެހަނދާންތައް އާލާކުރުމުގެ ގަސްދެއް ނެތެވެ. އިބުރަތްތަކެއް ހާސިލްވެއްޖެއެވެ.
''އަޅުގަނޑު ޗުއްޓީއަށް ރަށަށް އަންނަން ނިންމައިފިން، މަންމަ ގާތު ވަޢުދުވީމެއްނު ރަށަށް އަންނަން...'' އަސަލް ފެށީ ދުރުދުރުންނެވެ. ރަށަށް ގޮސް ބުނެދޭން މަޑުކޮށްލަން ހިތަށް އެރިއެވެ. ނަމަވެސް އަސަލްގެ ޒަމީރު ދިން އެންމެ ރަނގަޅު ނަސޭހަތަކަށްވީ ރަށަށް ދިއުމުގެ ކުރިން ހަޤީޤަތް ހާމަކުރުމެވެ،. މައިންބަފައިންގެ ކުރިމައްޗަށް ހުއްޓި ހުރެ ބުނަން ވެއްޖެނަމަ އޭނަ ފިނިވެދާނެއެވެ.
*****
ފޯނުކޯލަށް ސަމާލުކަން ދީގެން ހުރި ޖާހަތަށް އަސަލްގެ ވާހަކަތަކުން ހަމަޖެހުމެއް ނުލިބުނެވެ. ރަށަށް އަންނަ ވާހަކަ ހާމަކުރިކަމުގައި ވިޔަސް އަސަލްގެ އަޑުން ޖޯޝެއް އޭނައަށް އިހުސާސެއް ނުވިއެވެ. އެހެންކަމުން ވާހަކައިގެ މިސްރާބު ގޮސްދާނެ ދިމާއެއް ލަފާކޮށްލަން ޖާހަތަށް އުނދަގޫވިއެވެ. ގުޅި ސަބަބު އަސަލް ހާމަނުކުރާކަން ވެސް އޭނަ ދެނެގަތެވެ. ސުވާލު އުފެދިފައި ޖާހަތު ހުއްޓެވެ.
''އެހެންތަ؟، ހާދަ އުފާވެރި ޚަބަރެކޭ ތިދިނީ...'' ޖާހަތު ބުންޏެވެ. ''ދަރިފުޅު އަންނަންވާއިރަށް މަންމަ ކޮޓަރި ސާފުކޮށްލާނަން...''
''އެކަނިތަ އަންނަނީ؟...'' ޤައިލާގެ ފަޅުކަން ނަގައިގަނެވުނު ޖާހަތު އިތުރުކޮށްލިއެވެ. އެދެމެދަށް ވެރިވެގެން ދިޔަ ހިމޭންކަމުން ޖާހަތަށް ނޭވާ ހިފަހައްޓާލެވުނެވެ.
''އަޅުގަނޑު އެކަނި އަންނާނީ...'' ހިމޭންކަމުގެ ސުކޫތަކަށްފަހު އަސަލް ޖަވާބު ދިނެވެ.
''އެލީއަށް ޗުއްޓީ ނުލިބުނީތަ؟...'' އަވަސްވި ވިންދުތަކާއެކު ޖާހަތު ބިރުގަތެވެ.
''މަންމާ...'' އަސަލް ގޮވާލި ރާގުން ޖާހަތަށް ފުން އަސަރުތަކެއް ކުރިއެވެ. ޖަޒުބާތުގައި ބަނދެވުނެވެ.
''މަންމަ މިހިރީ އަޑުއަހަން...'' ހިތްވަރުދެމުން ޖާހަތު ބުންޏެވެ. އޭނައަށް އެނދުގައި އިށީނދެވުނެވެ. ހާސްކަމާއެކު ނަމާދު ދޮޅީގެ މަތިން ބޮލުގައި ފިރުމާލެވުނެވެ.
''އަޅުގަނޑު... ޤައިލާއާއެކު އަޅުގަނޑު ބޭނުންވި ފަދަ ދިރިއުޅުމެއް ބިނާކުރެވެން ނެތުމުން ވަކިވެއްޖެއިން... މަންމާ، އަޅުގަނޑު ޤައިލާ ވަރިކޮށްފިން...'' އަސަލް ފުންނޭވާއެއް ދޫކޮށްކަމުން ބުންޏެވެ.
ޖާހަތަށް ލިބުނު ސިހުމުގައި އޭނައަށް ހަރަކާތެއްކޮށްލަން ވެސް ނޭނގުނެވެ. އޭނަގެ ކަންފަތުގައި ގުގުމަނީ އަސަލްގެ ޖުމްލައެވެ. ހޮނު ގުގުރީގެ އަޑު އިވުނު ނަމަވެސް ރަނގަޅޭ ޖާހަތުގެ ހިތަށް އެރި އެވެ. މާޔޫސްކަމާއި އުދާސްކަން ވެރިވެރިވެފައިވާނެ އަސަލްގެ މޫނު ޖާހަތަށް ތަސްވީރުކުރެވުނެވެ. މައިލަނގޮނޑީގައި އުފެދުނު ރިހުމާއެކުގައި ޖާހަތުގެ ލޮލުން ކަރުނަ ހިލުނެވެ. ސިހުން ގެނުވީ ކަރުނައިގެ ފިނިކަން އިހުސާސްވުމުންނެވެ. ޖާހަތަށް ވިސްނެނީ އަސަލްއާއި މެދުގައެވެ. އަލަތު ކައިވެނި ނާކާމިޔާބުވުމުން ލިބޭނެ ވޭނާއި އުދާސް ތަސައްވަރުކުރެވި ޖާހަތަށް އޭނަގެ ނަފުސު ކޮންޓްރޯލްކުރެވުނީ ހަމަ ކިރިޔާއެވެ. އެވާހަކަތައް އޭނައާއި ހިއްސާކުރަން އަސަލްއަށް އުނދަގޫވާނެ މިންވަރު ހަނދާންވުމާއެކުގައި ކަރުނަތައް ފޮހެލެވުނެވެ. އަސަލްއަށް އޭނަ ވި ވަޢުދުގެ މަތިންވެސް ޖާހަތު ހަނދާންވިއެވެ. ދަރިފުޅު ހުރި ނާޒުކު ހާލަތު ވިސްނި ޖާހަތު އަވަސްވެގަތީ އަސަލްގެ ހިތާމަތަކަށް ލުޔެއް ގެނެސްދޭށެވެ. ހިތްވަރުދޭށެވެ. ކެތްތެރިކަމުގެ މުހިންމުކަން ބުނެދޭށެވެ. ވަކިވާން ނިންމި ސަބަބު އޮޅުންފިލުވަން މުހިންމުކަމަށް ނުވީ އެހެންވެގެންނެވެ. ފަހަރެއްގައި އެސުވާލުކުރުމުން އަސަލް އިތުރަށް މާޔޫސްވެދާނެތީ އެވެ.
''މަންމައަށް އެނގޭ ތި ނިންމުމާ ހަމައަށް ދަރިފުޅު ދާނީ ވިސްނުމަށްފަހުގައިކަން، ދަރިފުޅަށް މަންމަ އިތުބާރުކުރަމޭ، ދަރިފުޅާ... މިވަގުތު ދަރިފުޅު ޖެހޭނެ ކެތްތެރިވާން، އައު އަޒުމަކާއެކު ދިރިއުޅުމާ ކުރިމަތިލާން، ހިތާމަތަކުގެ ތެރޭގައި ހައްޔަރުވުމުގެ ފުރުސަތު ދީގެން ނުވާނެ... އިރާދަކުރެއްވިއްޔާ މިދުވަސްތައް ވެސް ހިނގައިދާނެ، ދަރިފުޅަށް ސާބިތުކަން ދެއްވުމަށް އެދި މަންމަ ދުޢާކުރާނަން، މަންމަގެ ހެޔޮ ދުޢާތައް އަބަދު ވެސް ދަރިފުޅާއެކުގައިވާނެ...'' ބަހުގެ ޔަޤީންކަން އަސަލްއަށް ސާބިތުކޮށްދޭން ޖާހަތު ބޭނުން ވިއެވެ.
''މަންމާ...'' އަސަލްގެ އަޑު ކުރެހުނެވެ. މަންމަގެ ހިތްވަރުގެ ބަސްތަކުން އަސަރުކުރީ އެވެ.
''އަޒް...'' ޖާހަތަށް އޭނަގެ މޭގައި އަތްތިލަ ޖައްސާލެވުނެވެ. ޖަޒުބާތުތައް ސިއްރުކުރުން އޭނައަށްވީ ދަތިކަމަކަށެވެ. އަސަލް ރޮނީކަން އެނގުމުން ޖާހަތުގެ ލޮލުން އަނެއްކާ ވެސް ތާޒާ ކަރުނަތައް ނީރާލައިފިއެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެމުން ދިގު ނޭވާއެއް ދޫކޮށްލިއެވެ.
''އަޅުގަނޑު ބޭނުންވި ކުރިން ވެސް މަންމައާއި ހިއްސާކުރުން، ކައިވެނީގައި މައްސަލަ ޖެހިގެން އުޅޭތާ މަސްތަކެއް ވެއްޖެ، ކުރިން އޮތް ލޯތްބެއް ވެސް ނެތް، އަޅުގަނޑު މަސައްކަތްކުރިން ކައިވެނި ސަލާމަތްކުރަން، ޤައިލާއަށް ވިސްނައިދޭން، އެކަމަކު އަޅުގަނޑަށް އެއްބާރުލުމެއް ނުލިބުނު، މަންމާ... އަޅުގަނޑު ކުރިން ވެސް ވަކިވާން ނިންމައިގެން ހުރީ، އެހެން ހުއްޓާ ޤައިލާގެ ބޭވަފާތެރިކަން އެނގުނީ... އިތުރަށް ޤައިލާއެކު ހުންނަން ބޭނުންނުވި ސަބަބަކީ އެއީ...'' އަސަލް ބުނެދިނެވެ. އިތުރު ތަފުސީލެއް ނުދިން ކަމުގައި ވިޔަސް ހާމަ ކުރީ ތެދެވެ. ވަރިވާން ޖެހުނު ސަބަބާމެދު ސުވާލު އުފެދޭނެތީއެވެ.
ޖާހަތަށް އިނދެވުނީ ގަބު އަރާފައެވެ. ޤައިލާއާ މެދު ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވެގެންދާން ނެގީ ހިނދުކޮޅެކެވެ. ރުޅި ވެސް އާދެވުނެވެ. ކުރި އިތުބާރު ގެއްލުނެވެ. އޭނަ އުއްމީދުކުރި ފަދަ ކުއްޖަކަށް ޤައިލާ ނުވިކަމުގެ ގިލަންވެރިކަން އައިސް ވަށާލިއެވެ.
''ދަރިފުޅާ...'' ޖާހަތަށް އަސަރާއެކު ބުނެވުނެވެ.
''މަންމަ ދެރަނުވޭ، އިރާދަކުރެއްވިއްޔާ މިކަމުން އަޅުގަނޑަށް އިބުރަތްތަކެއް ލިބިއްޖެ، ލޯ ވެސް ހުޅުވިއްޖެ...... މަންމަ އަޅުގަނޑާ މެދު ކަންބޮޑުނުވައްޗޭ، ﷲގެ އިރާދަފުޅާއެކު އަޅުގަނޑު ރަނގަޅު، އަޅުގަނޑު ދެރަވަނީ ޤައިލާ ދަސްނުވީތީ...'' އަސަލް ބުންޏެވެ.
މޮޅިވެރިކަމުގެ ތެރެއިން ޖާހަތަށް ލިބުނު ހަމައެކަނި ތަސައްލީއަކީ އަސަލްގެ ސާބިތުކަމެވެ. އެހެން ބުންޏަސް ދިރިއުޅުމުގެ މިސްރާބާ މެދު އަސަލް ދެރަވާނެކަން ޖާހަތަށް އެނގެއެވެ. އެވަގުތު އޭނަ ގަސްދުކުރީ އަސަލްއަށް އިތުބާރުކުރާށެވެ. އޭނައަށް އަސަލް އޮޅުވާނުލާނެކަމުގެ ޔަޤީންކަން އޮތުމުންނެވެ.
''މަންމައާއި ހިއްސާކޮށްދިނީތީ ޝުކުރިއްޔާ، އަނބިމީހާގެ ބޭވަފާތެރިކަން ހާމަވުމުން ދަރިފުޅު އަމަލު ކުރީ ރަނގަޅަށް...'' ޖާހަތު ބުންޏެވެ. ހަމަޖެހުމުގެ ނޭވާއެއް އަސަލް ދޫކޮށްލި އަޑު ޖާހަތަށް އިވުނެވެ.
''މަންމައަށް އަޅުގަނޑުގެ ހާލަތު ވިސްނޭނެކަން ކުރިންވެސް އެނގުނު... ތެންކިއު...'' އަސަލް ޝުކުރުއަދާކޮށްލިއެވެ. ''ވަރަށް ބޮޑަށް ލޯބިވޭ... މަންމާ، އަޅުގަނޑު ކުރިން ބުނިހެން އަޅުގަނޑާ މެދު ފިކުރުބޮޑުނުވައްޗޭ، އަޅުގަނޑު ދެދުވަސް ތެރޭ ރަށަށް ދާނަން... ބައްޕައަށް އެޚަބަރު ދެއްޗޭ...''
''ދަރިފުޅު ދެކިލާހިތުން މަންމަ މިހިރީ...'' ފަނޑު ހިނިތުންވުމަކާއެކުގައި ޖާހަތު ބުންޏެވެ. ''އަވަހަށް މަންމަ ގާތަށް އައިސްދީ...''
*****
''ﷲގެ އިރާދަފުޅާއެކު ދާނަން، ގިނަ ދުވަހެއް ނެތޭ...'' ލުއި ހުނުމަކާއެކު އަސަލް ބުންޏެވެ. ނުތަނަވަސްކަމަށް ނިމުމެއް އަންނަން ފެށިއެވެ. މަންމައަށް ހުރިހާކަމެއް ކިޔައިދެވުމާއެކު، މަންމަގެ އެއްބާރުލުމުން އަސަލްގެ ސިކުނޑިއަށް ހަމަޖެހުން ގެނެސްދިނެވެ. ނުތަނަވަސްކަމާއި ދުރުވެވުނެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
ވަރަށް ސަޅި. އަދި ކިރިޔާ މިފެނުނީ. މައިހާ އާއި އަސަލްގެ ވަރަށް ލޯބި ލޯބި ބައިތަކެއް ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރެވޭ. ދެންއޮތް ބަޔަށް އިންތިޒާރުގައި....
ހަޔާ - 12 މަސް ކުރިން