ތިލަފުށީގައި އެމްޕީއެލް ޕޯޓު ހަދައި ނިމޭއިރު ކޮންޓެއިނަރުތައް ސްކޭންކުރާ ކޮންޓެއިނަރު އެސްކްރޭ މެޝިންތައްް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އެމްޕީއެލްގެ ބިޒްނަސް ޑިވެލޮޕްމަންޓު މެނޭޖަރު މުހައްމަދު އައިމަން އަލީ ވިދާޅުވީ، މުދާ އަރުވާ ބާލައި ފަރާތްތަކުން މިވަގުތު މެނުއަލީ އެކަން ކުރިކަމުގައި ވިޔަސް، ކުރިއަށް އޮތްތަނުގައި ތިލަފުށި ކަހަލަ ބޮޑު ޕޯޓަކަށް ބަދަލުވުމަށްފަހު އެހެނިހެން ޒަމަނީ ޕޯޓުތައްވެސް ކުރާ ފެންވަރަށް އެ ޓެކްނޮލަޖީތަކާއެކު އޮޓޮމޭޓްވާނެ ކަމަށެވެ.

"މިސާލަކަށް ޑިޖިޓަލް ޓެކްނޮލިޖީއަށް ބަލަންޏާ އިންޓާނެޓް އޮފް ތިންގްސް (އައިއޯޓީ)ތައް އަންނާނެ. އޭގެ މާނައަކީ ވަކިވަކިން އިންސާނުންގެ ލޮލުން ނުވަތަ އަތުން އެ އެއްޗެހިތައް ޗެކް ނުކޮށް ކޮންޕިއުޓަރައިޒް ކުރެވިގެން މުދާ ބާލައި މުދާ ޗެކްކޮށް، މި ހުރިހާ ކަންތައްތަކެއްވެސް ކުރެވިގެންދާނެ. ހަމައެގޮތަށް ކުރިއަށް އޮތްތަނުގައި މިސާލަކަށް އެސްކްރޭ މެޝިންތަކާއި އެއްޗެހި ތިލަފުށީގައި ގާއިމުކުރާނެ. އެކަމަކު އޮޓޮމޯޓް ވެގެންދާނެ އެކްރޭ ސިސްޓަމްސްތަކާއި ހިދުމަތް ތަފާތު ވައްތަރުގެ އިންޖިނިއަރުން ތިބޭނެ،" އައިމަން ވިދާޅުވިއެވެ.

ޕޯޓުގެ ބޭރުން ފެންނަ މަންޒަރު ވަރަށް ކުޑަ ނަމަވެސް ޕޯޓުގެ އެތެރެއިން ވަރަށް ފުޅާދާއިރާއެއްގައި، ތަފާތު ޓެކްނިކަލް ދާއިރާތަކުން ކިޔަވައިގެން ތަމްރީނު ހޯދައިގެން އަދި ވޮކޭޝަނަލް ޓްރޭނިންވެސް ލިބިފައި ތިބި ފަރާތްތަކަކުން ހަރަކާތްތެރިވަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ކުންފުނީގައި އޮޕަރޭޝަންސްތަކަށް ބޭނުންކުރާ ފްލީޓަކީ ވަރަށް ބޮޑަށް ތަމްރީނުވެފައި ތިބި ޓެކްނިކަލް އިންޖިނިއަރިން ޓީމުތަކެއް ކަމަށާއި އެ ދާއިރާގައި ފިރުހެނުންނާ އެއްްހަމައެއްގައި އަންހެނުންވެސް ތަމްރީނުވެގެން މަސައްކަތް ކުރާ ކަމަށް އައިމަން ވިދާޅުވިއެވެ.

"ޕޯޓުގެތެރޭގައި އުޅުއްވާ ވަރަށް ގިނަ ޓެކްނިކަލް އަންހެން ބޭފުޅުންވެސް މި ފީލްޑުގައި ޔާޑުގައި މަސައްކަތްކުރާ. އާންމުކޮށް ފެންނާނީ ފިރިހެނުން، އެކަމަކު ހަގީގަތަކީ މިވަގުތު ޔާޑުގައިވެސް އަންހެންނުންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ތަފާތު ދާއިރާތަކުން ތަފާތުކުރުމެއްނެތި ހުރިހާ ފަރާތްތަކަށް ފޯރުކޮށްދެން،" އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގެ ތިލަފުށީ ޕޯޓުގައި ކޮންޓެއިނަރު އެކްސްރޭ މެޝިންތައް ބެހެއްޓުމަށް ނިންމާފައިވާ އިރު، މިއަހަރުގެ މެއި 12 ވަނަ ދުވަހު "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ކަނޑުމަގުން ގެންނަ މަސްތުވާތަކެތި ހުއްޓުވުމަށް ކޮންޓެއިނަރު ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.