އިޒްރޭލާ ގުޅުންހުރި ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން މިރޭ ނެރުނު ބަޔާނެއްގައި އެހެން ބުނެފައިމިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން އެ ކުންފުނިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އިޒްރޭލާށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްބުނެ، "ރާއްޖެޓީވީ"އިން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އެ ވާހަކަތައް ދޮގުކޮށް އެމްއޭސީއެލުން ބުނީ އެ ކުންފުންޏަކީ ސައްތައިން ސައްސައްތަ ދިވެހި ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާ ނުގުޅޭ ޒާތުގެ އެއްވެސް އަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެ ކަމަށާއި އަދި ކުރިއަށްއޮތް ތަނުގައިވެސް އެފަދަ އަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާ ގުޅުންހުރި ނުވަތަ އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ މި ކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވާނެއެވެ. ވަކިން ހާއްސަކޮށް، ރާއްޖެޓީވީން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ..،" އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާ ޚިލާފު އެ ވާހައަކީ އެއްވެސް އަސްލެއް ނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުންގެންދާ ވާހަކަތަކެއްކަމުން، އެ ކުންފުނިން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ތެދު ހަބަރާއި މައުލޫމާތު ގެނެސްދިނުމަށްވެސް އެމްއޭސީއެލުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއޭސީއެލް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށްވެފައި، އެ ކުންފުންޏާ މެދު މިފަދަ ސާބިތުނުހިފޭ، ހަގީގަތާއި ހިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް ބަލަމުންދާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އޭގެ އިތުރުން ރާއްޖެޓީވީގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާކަން ވެސް އެމްއޭސީއެލުން ވަނީ ފާހަގަކޮށްފައެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް