ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް އެ މަސައްކަތްކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ، ބައެއް ކޯޓު ރޫމްތައް ބޭނުން ނުކުރެވޭވަރުވުމުން އެ ކޯޓުގެ ހަ ސެކްޝަނެއް ވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމަރާތަށް ބަދަލުކޮށްފައެވެ.

އެޗްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެޗްޑީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އެ އިމާރާތަކީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ހައްލު ހޯދައިދިނުމަށް ހަދަމުންދާ އިމާރާތެކެވެ.