ސާރކުގެ މަތިން ހަނދާންހުރި ބަޔަކު ދިވެހީންގެ ތެރޭގައި މިހާރު އެބަތިބި ބާވައެވެ. ސާކުގެ ތާރީޚުގައި ޖުމްލަ އަށާރަ ސަމިޓް ބޭއްވުނުއިރު އޭގެ ތެރެއިން ތިން ސަމިޓެއް ބޭއްވުނީ ދިވެހިރާއްޖޭގައެވެ. ކޮންމެއަކަސް ސާރކު މިހާރު އެއޮތީ ކޯމާއެއްގައެވެ. ހަރަކާތެއް ނެތެވެ. މިއަހަރަކީ ސާކުގެ އުމުރުން ސާޅީސް އަހަރު ފުރޭ އަހަރެވެ. މިހާރު މަންޒަރު ފެންނަ ގޮތުން ސާޅީހުން މައްޗަށް ނުގޮސް ސާކު ކަފުންކޮށް ވަޅުލާނެއެވެ. އެކަން އެހެން މެދުވެރިވުމަށް ދިމާވި ސަބަބުތަކާއި ދެންވާނެ ގޮތުގެ މައްޗަށް ބަލައިލަމާބަހީއެވެ. ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން، ސާރކަކީ ދެކުނު އޭޝިއާއަށް ނިސްބަތްވާ ހަތް ގައުމުގެ މައްޗަށް އެކުލެވިގެން 1985 ވަނަ އަހަރު ވުޖޫދު ކުރެވުނު ޖަމާއަތަކެވެ. އެ ހަތް ގައުމަކީ އިންޑިޔާ، ޕާކިސްތާނު، ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ، ބޫޓާން އަދި ދިވެހިރާއްޖެއެވެ. ސާރކް ވުޖޫދުވިތާ ވިހި އަހަރުފަހުން 2005 ވަނަ އަހަރު އެ ޖަމާއަތުގައި އިތުރު ގައުމެއް ވަނީ ބައިވެރިކޮށްފައެވެ. އެއީ އަފްޣާނިސްތާނެވެ.

މި ޖަމާއަތުގެ ހެޑްކުއާޓަރު ގާއިމުކުރެވިފައިވަނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައެވެ. ސާރކުގައި މިހާރު ހިމެނޭ ޖުމްލަ 8 ގައުމުގެ ތެރެއިން ހަތަރު ގައުމަކީ އިސްލާމީ ގައުމުތަކެވެ. އިތުރު އެތައް ގައުމަކުންވެސް ސާރކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ޗައިނާ އާއި އިންޑޮނީޝިއާއެވެ. އީރާނާއި ޔަމަނެވެ. މިހެންގޮސް އަދިވެސް ކިތަންމެ ގައުމެކެވެ. ސާރކުގެ ގިނަ ގައުމުތަކުގެ ތާއީދު ލިބިގެން ޗައިނާއަށް ވަނީ އޮބްޒާރވަރެއްގެ ދަރަޖަ ދީފައެވެ. އިންޑިޔާގެ ބޮޑުވަޒީރުކަމަށް 2014 ވަނަ އަހަރު ނަރެންދުރަ މޯދީ ވަޑައިގެންނެވި ހިސާބުން ސާރކު ކަފުންކޮށް ވަޅުލުމުގެ މަސައްކަތް އޭނާ ފައްޓަވައިފިއެވެ. ޕާކިސްތާނު އެކަހެރިކުރުމުގެ ގޮތުންނެވެ. ޕާކިސްތާނުގެ ވެރިންނާ ބައްދަލުނުކޮށް، މުވާސަލާތު ނުކޮށް ފަރުޖެއްސުމުގެ ގޮތުންނެވެ. ސާރކު ކަފުންކުރުމުގެ މަސައްކަތުގެ ފެށުމަކަށްވީ ޕާކިސްތާނާ ނުލައި އަދި ސާރކުގެ އިސްލާމީ ގައުމުތަކުގެ ތެރެއިން އަފްޣާނިސްތާނާއި ދިވެހިރާއްޖެވެސް ނުހިމެނޭ ސަރަހައްދީ އެހެން ޖަމާއަތެއް ވަރުގަދަ ކުރުމެވެ.

މިދެންނެވި ޖަމާއަތަކީ ބޭ އޮފް ބެންގޯލް އިނިޝިއޭޓިވް ފޯރ މަލްޓި ސެކްޓޮރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން، ބިމްސްޓެކް އެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހެޑްކުއާޓަރު ގާއިމު ކުރެވިފައިވާ މި ޖަމާއަތުގައި ހިމެނެނީ ހަތް ގައުމެވެ. ތައިލެންޑާއި މިޔަންމާ ފިޔަވައި އަނެއް ފަސް ގައުމަކީ ސާރކުގެ މެންބަރު ގައުމުތަކެވެ. ސާރކުގެ ގައުމުތަކުގެ ތެރެއިން ބާކީ ކުރެވިފައިވަނީ ޕާކިސްތާނާއި ދިވެހިރާއްޖެއާއި އަފްޣާނިސްތާނެވެ. ކޮންމެއަކަަސް ސާރކަކާއި ސާރކެއް ދޫކޮށްފައި އިންޑިޔާއިން ވަރަށް ގަދަޔަށް ބިމްސްޓެކް ވަރުގަދަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިހެންއައިސް 2016 ވަނަ އަހަރު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބާއްވަންއޮތް ސާރކް ސަމިޓު އިންޑިޔާއިން ބޮއިކޮޓްކޮށްފިއެވެ. އަދި އިންޑިޔާގެ ފިއްތުންތަކާހެދި ސާރކުގެ މެންބަރުންގެ ތެރެއިން ބަންގްލަދޭޝް އާއި ބޫޓާނުންވެސް އެ ސަމިޓް ބޮއިކޮޓް ކޮށްފިއެވެ. އެއީ ނަވާރަވަނަ ސާރކް ސަމިޓެވެ.

މިދެންނެވި ބޮއިކޮޓްކުރުންތަކާހެދި އެ ސަމިޓް ޖެހުނީ ކެންސަލް ކުރާށެވެ. އޭގެފަހުން މިހާތަނަށް ނުވަ އަހަރު ފާއިތުވެގެން ހިގައްޖެއެވެ. ސާރކުގެ އެއްވެސް ސަމިޓެއް ނުބޭއްވެއެވެ. އެއްވެސް ހަރަކާތެއް ނުހިނގައެވެ. ސާރކުއޮތީ ސަންދޯކުގައެވެ. ހަމައެކަނި ވަޅުނުލާ ކަމެވެ. މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުގެ މޭވާއެވެ. ޕާކިސްތާނު އެކަހެރިކުރުމަކީ ދެކުނު އޭޝިއާގެ ސަރަހައްދީ މަސްލަހަތަށްވުރެ މޯދީއާއި ބީޖޭޕީއަށް މުހިންމު ކަމަކަށްވީއެވެ. ސާރކަށް އަލުން ދިރުން ގެނެވޭނެ އެއްވެސް ގޮތެއް އޮތްކަމަށް ނުފެނެއެވެ. ސާރކުގެ ކަންކަން އޮތްގޮތުންނެވެ. ޗާޓަރު ފަރުމާކުރެވިފައިވާ ގޮތުންނެވެ. ސަރަހައްދީ އެއްބާރުލުމަށްޓަކައި ދެންއޮތް ހަމައެކަނި ގޮތަކީ އައު ޖަމާއަތެއް ވުޖޫދުކުރުމެވެ. މިކަން ހަގީގަތަކަށް ހެދުމަަށްޓަކައި ޗައިނާއާއި ޕާކިސްތާނު ގުޅިގެން މިހާރު އެދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޗައިނާ އާއި ޕާކިސްތާނުގެ މެދުގައި ގިނަދުވަސްތަކެއް ވަންދެން މަޝްވަރާތަކެއް ކުރެވުމަށްފަހު ބަންގްލަދޭޝްވެސް ބައިވެރިކޮށްގެން ހުސްވި ޖޫންމަހުގެ ނަވާރައިގައި ޗައިނާގެ ކުންމިންގައި ސީރިއަސް ބައްދަލުވުންތަކެއް ވަނީ ބާއްވައިފައެވެ.

ވަހަކަތައް ދެކެވުނީ އަދި ދެކެވެމުންދަނީ ސާރކުގެ ބަދަލުގައި ސަރަހައްދީ އައު ޖަމާއަތެއް އުފެއްދުމާބެހޭ ގޮތުންނެވެ. މިކަން މިހާރުއޮތީ ވަރަށް އެޑްވާންސް މަރުހަލާއެއްގައެވެ. ކުރިއަރައިފައެވެ. އައު ޖަމާއަތުގެ ނަމެއް އަދި ނުނިންމައެވެ. އެކަމަކު މި ޖަމާއަތުގައި ބައިވެރިވުމުގެ ދައުވަތު ސާރކުގެ އެންމެހައި މެންބަރުންނަށް ދޭނެއެވެ. ދިވެހިރާއްޖެވެސް ހިމެނޭގޮތުންނެވެ. އައު ޖަމާއަތުގައި ބައިވެރިވުމުގެ ދައުވަތު އިންޑިޔާއަށްވެސް ދޭނެއެވެ. އެހެންނަމަވެސް މޯދީގެ ސިޔާސަތު ބައްޓަންކުރެވިފައިވާ ގޮތުން، އެ ސިޔާސަތުން ނެރެން ބޭނުންވާ ނަތީޖާގެ ބާވަތުން އިންޑިޔާއިން މިކަމަށް މަރުހަބާ ކިޔާނެ ކަމަކަށް ނުބެލެވެއެވެ. ފައްސި ޖަވާބެއް ދޭނެކަމަަށް ނުބެލެވެއެވެ. ޕާކިސްތާނާއި ޗައިނާގެ އިސްނެގުމަކަށް އާނއެކޭ ބުނާނެ ކަމަށް ލަފައެއް ނުކުރެވެއެވެ. އެހެންވިޔަސް މައްސަލައެއް ނެތެވެ. އައު ޖަމާއަތް އުފައްދާނެއެވެ.

މިދެންނެވި އައު ޖަމާއަތުގައި ބައިވެރި ނުވަންޏާ ނުވާނީ އިންޑިޔާއެވެ. އެހެން އެންމެން ބައިވެރިވާނެއެވެ. ޗައިނާގެ އެހީތެރިކަން ހޯދުމުގެ ގޮތުންނެވެ. އައު ޖަމާއަތުގައި ބައިވެރިވެގެން ލިބޭނެ މަންފާތައް ގިނަ ކަމުންނެވެ. ހަމައެކަނި ސާރކުގެ ގައުމުތަކެއް ނޫނެވެ. ގަބޫލުކުރެވޭ ގޮތުން އީރާނުވެސް ބައިވެރި ކުރާނެއެވެ. އިންޑޮނީޝިޔާ އާއި މިޔަންމާ އާއި ތައިލެންޑުވެސް ބައިވެރި ކުރާނެއެވެ. އައު ޖަމާއަތް ވެގެންދާނީ ސިޔާސީ ރީޖަނަލް ބްލޮކަކަށްވުރެ ބޮޑަށް އިގްތިސާދީ ރީޖަނަލް ބްލޮކަކަށެވެ. ހީވާގޮތުން އައު ޖަމާއަތުގެ ހެޑްކުއާޓަރު ގާއިމު ކުރެވޭނީ ބަންގްލަދޭޝްގެ ޑާކާގައެވެ. އެހެންވެއްޖެނަމަ ކަފުންވެ ވަޅުލެވިގެންދާނީ ސާރކު އެކަންޏެއް ނޫނެވެ. ސާރކު މަރައިފައި ވަރުގަދަކުރަން އިންޑިޔާއިން ގަދައަޅާ ބިމްސްޓެކްވެސް ވަޅުލެވޭނެއެވެ. އެކަން ކަށަވަރެވެ. މިކަން މިހެންވެއްޖެނަމަ އާޚިރުގައި ދެކުނު އޭޝިއާގެ ކަންކަމުން ބާކީވެ އެކަހެރިވެގެންދާނީ އިންޑިޔާއެވެ. އިންޑިޔާއިން ފޭހުނު އިލޮަށިގަޑު އެންމެފަހުން ހެރޭނީ އިންޑިޔާގެ ލޮލަށެވެ.