ޒަމްރު ގެއަށް އައީ ހޮސްޕިޓަލަށް މާޔޫން ދިޔުމުންނެވެ. އޭނާ ވަރުބަލިވެފައި ސޯފާގައި އިށީނެވެ. ދެލޮލުގައި ނިދީގެ އަސަރު ފާޅުވާން ހުއްޓެވެ. ސޯފާގެ ފަހަތު ބައިގައި ބޯ އަޅާލައިގެން އޭނާ އިނީ ދެލޯ މެރިފައެވެ. ސިހުނީ ނޯކަރު ކުއްޖަކު ސައި ތައްޔާރުވެފައި ހުރި ކަމަށް ބުނުމުންނެވެ.
"ހެލީ ސައި ބުއިތަ؟" ޒަމްރު އަހާލިއެވެ.
ހެލީންގެ ހަބަރެއް ނުވާކަމަށް އެކުއްޖާ ބުނުމުން ޒަމްރު ހިނގައިގަތެވެ. ސިޑިން އަރައިގެން ދިޔަގޮތަށް އޭނާ ކޮޓަރީ ދޮރުގައި ޓަކިޖަހާލިއެވެ. އެތައްފަހަރަކު ޖަހައިގެންވެސް ހަބަރެއް ނުވުމުން ތަޅުގައި އޭނާ ހިފާލިއެވެ. އެތެރެއަށް ދޮރުހުޅުވުމުން ނުވަދެ ހުރެ އޭނާ ހެލީން އަށް ގޮވާލިއެވެ. އެތެރެއަށް ވަތްއިރު ކޮޓަރިން ފެނުނީ ހަމަހިމޭންކަމެވެ. ހެލީން ފެންނާކަށް ނެތެވެ. ފާހާނައިގައި ހުރިކަމަށް އޭނާ މަޑުކޮށްލައިގެން އިނެވެ. އެއްވެސް ހަބަރެއް ނުވުމުން ކޮޓަރީގައި ހެލީން ނެތްކަން އޭނާއަށް ޔަގީންވިއެވެ. ނޯކަރު ކުއްޖެއް ގާތުގައި އަހާލަން އުޅެފައި އޭނާ އެ ހިޔާލު ދޫކޮށްލިއެވެ. ނޯކަރ ކުދިންގެ ގާތުގައި އަނބިމީހާ ވީތަނެއް އަހައިގެން ހޯދުން ރަނގަޅު ކަމެއް ކަމަށް އޭނާއަށް ނުފެނުނެވެ. އެހެންކަމުން އޭނާ ހަދާނެގޮތަކާމެދު ވިސްނާލިއެވެ. ދެން ގުޅީ މާޔޫން އަށެވެ. "އެވާނީ ކޮންމެސް ތަނަކަށް ދިޔައީކަމަށް"
މާޔޫން އެހެން ބުނި ނަމަވެސް ޒަމްރު އަށް ގަބޫލުކުރަން ދަތިވިއެވެ. އޭނާއަށް މިހާރު ޔަގީންވެއްޖެއެވެ. ރޭގަނޑު ހެލީން ހޭދަކުރީ ގެއިން ބޭރުގައެވެ. އެއީ އެއްގޮތަކަށްވެސް އޭނާއަށް ރުހުންދީގެން ހުރެވޭނެ ކަމެއް ނޫނެވެ. ހެލީން ވީތަނެއް ނޭނގެނީސް ދެން އެންމެ ހިނދުކޮޅަކުވެސް ކެތެއްނުވާނެއެވެ. ފޯނު ހިފައިގެން ހުރެ ކޮޓަރީގައި ދެކޮޅަށް އޭނާ ހިނގަމުން ދިޔައެވެ. ހެލީން ވީތަނެއް ހޯދަން ގުޅާނެ ތަނެއްވެސް އޭނާ އަށް ނޭނގުނެވެ. އެންމެފަހުން އޭނާގެ ވިސްނުމަށް އައީ ބޮޑުދައިތަމެންގެ ގޭގައި ހެލީން ހުރެދާނެ ކަމަށެވެ. އޭނާ ގެއިން ނިކުތްގޮތަށް ކާރުގައި ދުއްވާލިއެވެ. ހެލީން ގޮވައިގެން ނައީ ކީއްވެތޯ ޒުނީނު ސުވާލުކުރުމުން އެގޭގައި ވެސް ހެލީން ނެތްކަން އޭނާއަށް އިނގުނެވެ. އަނެއްކާވެސް އޭނާ އައީ ގެއަށެވެ.
އޭގެ އިރުތަކެއް ފަހެވެ. ފިކުރެއްގައި ކައުޗުގައި އިށީނދެގެން އިނދެފައި ބޯ ހަމަޖައްސާލަން އޭނާ ބޭނުންވީ ފެންވަރާލުމަށެވެ. ދިހަ ވަރަކަށް މިނެޓަށް ފަހު ނިކުމެފައި ޗާޖަރަށް ޖަހާފައި އޮތް ފޯނަށް އޭނާ ބަލައިލިއެވެ. ޒަމްރު އަމިއްލަ ހިތާ ޝަކުވާކޮށްލިއެވެ. ނަމެއްގައި ހުރި ފިރިއެއް ކަމަށް ބުނެ އޭނާގެ ހިތާ ސިކުނޑި އޭނާ އަށް މަލާމާތް ކުރަމުން ދިޔައެވެ. ހަށިގަނޑުގައިވާ އެންމެ މުހިންމު ދެ ގުނަވަން ބުނަމުންދިޔަ ވާހަކަތަކާ ޒަމްރު އަށް އެއްބަސްވެވުނެވެ. ފިރިއެއް ކަމުގައި ބުނެ ކޯޓުން ސޮއިކޮށްފައި އޮތް ކަރުދާސްގަނޑެއް އޮތްކަން އެކަންޏެވެ. ކައިވެންޏަށް ބައި އަހަރު ވެގެން ދިޔައިރު އަނބިމީހާ އަށް ގުޅާލެވޭނެ ފޯނު ނަންބަރެއް އޭނާގެ އަތުގައި ނެތުމީ އޭނާގެ ދިރިއުޅުމުގައި ހަމަޖެހުމެއް ނެތްކަމާއި ފިރިއެއްގެ މަގާމުން އޭނާ ފެއިލްވެފައިވާކަން އަންގައިދޭ އެންމެ ބޮޑު ހެއްކެވެ. ސޯޓަކާއި ޓީޝާޓެއް ގަޔަށް މަހާލައިގެން ޒަމްރު ބޭރަށް ނިކުތެވެ. އޭނާ ގޮސް އިށީނީ ޖޯލީގައެވެ. އިރުކޮޅަކާ އޭނާ ގޭޓާ ދިމާލަށް ބަލައިލައެވެ. މާޔޫން ވަދެގެން އައީ ވެސް ޒަމްރު ޖޯލީގައި އިންދައެވެ.
"ހޮސްޕިޓަލުގަ ކާކު؟" ކައިރީގައި މާޔޫން އިށީނުމުން ޒަމްރު އަހާލިއެވެ.
"ބައްޕައެއްނު. ގެއިންނޭ ބުނި އައީ. ދަރިފުޅާ ބައްދަލުނުވޭތަ؟" މާޔޫން އަހާލިއެވެ.
"އާނ. ނުދެކެން" ޒަމްރު ބުންޏެވެ.
ވާހަކަދެއްކުމުގައި ޒަމްރުގެ ރާގު ހުރިގޮތުން މާޔޫން އަށް އުނދަގުވިއެވެ. ޒަމްރުގެ މޫނަށް ބަލަން އިނދެފައި އަތުގައި ހިފާލިއެވެ.
"ކިހިނެއްވެފަ. ހެލީނު ކޮބާ؟" މާޔޫން އަހާލިއެވެ.
"ނޭނގެ" ކުރު ޖަވާބެއްދީފައި ފުން ނޭވައެއް ޒަމްރު ދޫކޮށްލިއެވެ.
މާޔޫންގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. ޒަމްރުގެ ނަފްސަށް މިވަގުތު ވެރިވެފައި އެވާ ހިމޭންކަމަކީ ހެލީންގެ ހަބަރެއްނުވެ ވީތަނެއް ނޭނގޭތީ ވެރިވެފައިވި ހިމޭންކަމެކެވެ.
"ހެލީން... އެކަމަކު ކޮންތާކުބާ އެއުޅެނީ؟ " މާޔޫން ބުންޏެވެ.
"މަންމާ! އަހަންނަކީ ފިރިއެއް. ހެލީންދެކެ އިންތިހާ އަށް ލޯބިވާ ފިރިއެއް. އަޅުގަނޑަށް ހެލީން ނަފްރަތު ކުރުމަކީ އަދި މި ކައިވެންޏަކީ ހެލީން ގެ ކުރިމަތީގައި އެއްވެސް އަހައްމިއްޔަތު ކަމެއް ލިބިފައިނުވާ ކައިވެންޏެއް ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި މިއީ މިހާތަނަށް ﷲ އަށް އަޅުގަނޑަށް ކުރެވުނު އެންމެ މާތް އަޅުކަން. އެހެންވީމަ ﷲ އަށްޓަކައި އަޅުގަނޑަށް ދެނެއް ހިމޭނުން ނުހުރެވޭނެ. ހެލީން އެހެން އެއުޅެނީ ވެސް އަޅުގަނޑު ހިމޭނުން ހުންނާތީ. އަޅުގަނޑު އަޅާނުލާ ހުރެގެން ފާފަވެރިވެދާނެ. އެހެންވީމަ މިފަހަރު ހެލީން މައިތިރިކުރާނަން" ޒަމްރު ވާހަކަދެއްކިއެވެ.
"ޔާ ﷲ... ކޮންކަމެއް ކުރަން ތިވިސްނަނީ؟" މާޔޫން ގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ.
"ދަރިފުޅާ. ދިޔަތަނެއް އޮޅުންފިލުވަން ހެލީނު ކައިރިން އަހާލުމަކީ އެއްވެސް މައްސަލައެއް ނޫން. އެހެނަސް ހައްދުފަހަނައަޅާ ނުދާތި. ވިސްނަންވާނެ ތިއީ ދެމަފިރިން ނަމަވެސް އަދި މުސްތަގުބަލެއްގެ އެއްވެސް އަލިކަމެއް ނުވާ ހުޅުކޮޅެއް ކަން. ކުރެވޭ ކިތަންމެ ކުޑަކުޑަ ކަމަކުންވެސް ހުޅުކޮޅު ނިވިގެން ހިނގައިދާނެ" ޒަމްތރުގެ އަތުގައި ފިރުމަމުން މާޔޫން ވާހަކަދެއްކިއެވެ.
އެއްވެސް އެއްޗެއް ނުބުނެ ހާމައަށް ފެންނަން އޮތް އުޑަށް ބަލަހައްޓައިގެން އޮތް ޒަމްރު އަށް މާޔޫން ބަލައިލިއެވެ. ޒަމްރުގެ ސިކުނޑީ ގައި އެނބުރެމުން ދަނީ ކޮންކަހަލަ ކަންތައްގަނޑެއް ކަމެއް އޭނާގެ ހިޔާލަކަށްވެސް ނާދެއެވެ. ފަހުން ހިތާމަކުރަންޖެހޭ ވަރުގެ ކަމެއް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
"މަންމަ ހެލީން އަށް ވަރަށް އިތުބާރުކުރަން. ނުކުރާނެ މި އާއިލާގެ ގަދަރުވެއްޓޭ ކަމެއް. މަންމަ އަށް ހީވަނީ ގާޔާ ގެ ކަންތަކުގަ މަންމަ ހިތްހަމަނުޖެހިދާނެ ކަމަށް ހީކުރީ ކަންނޭނގެ. ރޭގަ މަންމަ އާ އެކު ކާރުގަ ގެއަށް އައިރުވެސް ދެމައިންގެ މެދުގަ އެއްވެސް ވާހަކައެއް ނުދެކެވޭ. ގެއަށް އައިސް ސޯފާގަ އިނދެވެސް ވަރަށް ރުއި. މަންމަ ވެސް ހުރީކީ ހެލީން އާ އިތުރު ވާހަކަތަކެއް ދެކެވޭނެ ފަދަ ހާލަތެއްގައެއް ނޫން. އެކަމަކު ކޮޓަރި އަށް ވަތް. ފަހުން ނިކުތްކަމެއް ނޭނގޭ. މަންމަ ފަތިހު ދިޔައިރުވެސް ނުދެކެން" މާޔޫން ވާހަކަދެއްކިއެވެ.
"ރޭގަ ނިދާކަށް ނާދޭ" ޒަމްރު މަޑުމަޑުން ބުންޏެވެ.
"ދިރިއުޅޭ ގެއަށް ނިދަން ނައުމަކީ ހެލީން ކުރި ގޯސްކަމެއް. އެކަމަކު.... ގުޅާލާނީ ވެސް ކިހިނެއް. ހެލީން އާ މެދު އަހަރެމެންގެ އޮތް އެންމެ ބޮޑު ބީރައްޓެހިކަމަކީ އެމަންޖެގެ ހަބަރެއް ނުވާތަނެއްގަ ގުޅާލަން ފޯނު ނަންބަރުވެސް އަތުގައި ނެތުން. ކުރާނެކަމެއް ނެތް" އަސަރާއެކު މާޔޫން ބުންޏެވެ.
"މަންމަ ދޭ އަރާމުކޮށްލަން" ޒަމްރު ބުންޏެވެ.
****
ކައިގެން މޭޒު ކައިރިން ހިއްލާލި ގޮތަށް ނިގާރު އެދުނީ ކޮފީ ތައްޓަކަށެވެ. އޭރު މޭޒުމަތިން ނަހުމާ ތަށިތައް ނަގާ ނުނިމެއެވެ. ކުޑަ ވަގުތުކޮޅެއް ދޭން ނަހުމާ ބުނުމުން ނިގާރު ބޯޖަހާލިއެވެ. އެހެންނަމަވެސް އޭނާ ހިތްހަމަނުޖެހުނެވެ. އޭނާ ބޭނުންވަނީ އޭނާ ކަމެއް ބޭނުންވުމާއެކު ވަގުތު އެކަމެއް ވުމަށެވެ. ގޭތެރޭގެ މަސައްކަތްތައް ބަލަހައްޓަން ނޯކަރެއް ހޯދަން އެތައްފަހަރަކު އޭނާ ފަހުމީ ގާތުގައި ބުނެފިއެވެ. އެކަމެއް ފަހުމީ ނުކޮށްދިނެވެ.
"އަން މަންމާ. ތިއީ މަންމަގެ މިއަދުގެ ހަތަރު ވަނަ ކޮފީތަށި. ތިހާ ވަރަށް ކޮފީ ބޯކަށް ނުވާނެ" ނަހުމާ ބުންޏެވެ.
ސޯފާގައި އިން ނިގާރު އެއްޗެއް ނުބުނެ ކޮފީތަށި ހިފައިގެން ހިނގައިގަތެވެ. އޭނާ ހިތްހަމަނުޖެހިފައި އިން ވަގުތަކަށް ވުމުން ނަހުމާގެ ވާހަކަތަކަށް ޖަވާބެއް ނުދިނެވެ. ތެދުވެގެން ގޮސް އޭނާ ވަނީ ނާމީ ގެ ކޮޓަރިއަށެވެ. މޭޒު ކައިރީގައި މަސައްކަތެއް ކުރަން އިން ނާމީ ބަލައިލިއެވެ. މަންމަ ކަން އެނގުމުން އޭނާ ހިނިތުންވުމެއް ދިނެވެ.
"ހާދަ މޫޑީވެފަ" ގޮނޑީގައި އިށިން ނިގާރަށް ނަޒަރެއްދެމުން ނާމީ ބުންޏެވެ.
"ދަރިފުޅު އެހެން ދިމާލަކުން ވަޒީފާ ހޯދައިގެން ދާކަށް މަންމަ ގަބޫލެއްނޫން" މާޔޫން ބުންޏެވެ.
"ފުރަތަމަވެސް ބުނީމެއްނު. އާއިލީ ވިޔާފަރިއަށް އަތްބާނާހިތެއް ނުވެއޭ" ނާމީ ބުންޏެވެ.
"ނާމީ ދިޔައިމަ މަންމައަށް އެހީވާނީ ކާކު؟" ނިގާރު ބުންޏެވެ.
"މަންމަ ބޭނުންވަނީ ކޮންކަމެއް؟" ނާމީ ބުންޏެވެ.
"މި ވިޔަފާރި ކުރިއަރުވަން. ބައްޕަ އެހުރީ ރިޓަޔާކުރަންވެފަ. ނައިޝަމް ހުރީ މި ވިޔަފާރި އާ ހަވާލުވެވޭނެ ހާލަތެއްގައެއް ނޫން. ދެން ހުރީ ނަހުމާ. އަންހެންކުއްޖަކު މި ވިޔަފާރީގެ ތެރެއަށް ވައްދައިގެން ރުކެއް ބުޑުން ވެއްޓޭ އުސޫލުން މި ވިޔަފާރިގަނޑު ވެއްޓޭކަށް މަށެއް ބޭނުމެއްނޫން. ހުރި މީހަކީ ތިއީ" ނިގާރު ވާހަކަދެއްކިއެވެ.
"ދޮންބެއަށް އަދި މި ވިޔަފާރި އާ ހަވާލުވެވެން ނެތަސް ބައްޕައަށް ފަހު ކޮމްޕެނީގެ ބޮޑުމީހާ އަކީ ދޮންބެ. މަންމަ ހަނދާންއެބަހުރިތަ އެއްދުވަހު ބައްޕަ ދެއްކި ވާހަކަ" ނާމީ ބުންޏެވެ.
"ނާމީ އަށް ހާދަ ނުވިސްނެޔޭ..." ނިގާރު ދެފަރާތަށް ބޯހޫރާލިއެވެ.
ނާމީ އެއްޗެއް ނުބުނެއެވެ. ހިތްހަމަނުޖެހޭ ކޮންމެފަހަރަކު ނައިޝަމް ދިމާލަށް ބުންޏަސް ނާމީ ގެ އެގޮތެއް ނުހުރެއެވެ. އޭނާ އަކީ ބައްޕަ އަށް ވުރެވެސް ބޮޑަށް މަންމަގެ ވާހަކަތައް ގަބޫލުކުރާ ދަރިއެކެވެ.
"އެކަންތައް މިހާރު ކޮށްފިންތަ؟ އެ ފައިސާ ހަވާލުކޮށްފިންތަ؟" ނިގާރު އަހާލިއެވެ.
"ހައްތަހާވެސް އޭނަ ކުރިމައްޗަށް އަހަރެން ނުދާންވެގެން. އެކަމަކު ޔާންޓެ ކައިރި ބުނެގެން މިއުޅެނީ. ހަވީރަށް ވާނެ ކަންނޭނގެ"
ނާމީ ބުންޏެވެ.
"ހަނދާންނައްތާނުލާތި. އެއީ ވަރަށް މުހިންމު ކަމެއް" ނިގާރު ބުންޏެވެ.
"ކިހާ ދުވަހެއް ވަންދެންތަ މަންމާ. މަންމައަށް އެނގޭތަ ހާދަ ފައިސާއެކޭ އެއީ" ނާމީ ބުންޏެވެ.
"ބޭކާރު ވާހަކަދައްކާނެ ކަމެއް ނެތް. ތިކުރާ ކަމެއް ކޮށްފަ އެކަމާ އުޅޭ" ހިތްހަމަނުޖެހިފައި ނިގާރު ބުންޏެވެ.
*****
ކޮޓަރި ދޮރުހުޅުވާލި އަޑަށް ކައުޗްގައި އޮށޯވެގެން އޮތް ޒަމްރު ބަލައިލިއެވެ. ވަދެގެން އައި ހެލީން ފެނުމުން ޒަމްރު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ތިނެއްޖަހައި ފަސްމިނެޓު ވީއެވެ. ކިތަންމެ ހަމަޖެހެން މަސައްކަތްކުރި ނަމަވެސް ޒަމްރުއަށް ކެތެއްނުވިއެވެ. އޭނާ ފުންމައިގެން ތެދުވެ ކައުޗު ގައި އިށީނެވެ. އެއްޗެއް ބުނޭތޯ މަޑުކޮށްލައިގެން އޭނާ އިނީ ސީދާ ހެލީންގެ ހަރަކާތްތަކަށް ބަލާށެވެ. ކޮޓަރީ ގައި އެހެންމީހަކު އިންހެނެއް ހެލީން އަށް ހިއެއް ނުވެއެވެ. އޭނާ ހީކުރީ ގާޔާ ގެ ހާލު ނަމަވެސް ހެލީން އަހާލާނެ ކަމަށެވެ.
"ކޮންތާކު އުޅެއުޅެފަ ތިއައީ" ޒަމްރު އެހިއެވެ.
މީހަކު އެއްޗެކޭ ކިޔައޭވެސް ހެލީންގެ ހިތަކަށް ނޭރިއެވެ. އޭނާ އެނދުގައި އިށިން ގޮތަށް އިނެވެ. ހެލީންގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ. ދެލޮލުގައި ދުޅަކަމެއް ހުއްޓެވެ.
"އަހަރެން މިއަހަނީ ކޮންތާކުންހޭ ތިއައީ؟" ޒަމްރު ދެވަނަ ފަހަރަށް އެހިއެވެ.
ހެލީން ޖަވާބެއް ނުދިނުމުން ޒަމްރު ތެދުވެގެން އައެވެ. ވިސްނާނުލާ އިން ހެލީންގެ އަތުގައި ހިފިގޮތަށް ކޮޅަށް ޖެހިއެވެ. ޒަމްރު ހިފިގޮތުން ހެލީންގެ އަތުން ނާރަކަށް ވާންވެ ތަދު ކޮނޑުހުޅަށް އަރައިގެން ދިޔައެވެ.
"އައްދޯއި ތަދުވެއްޖެއޭ" ހެލީން ގެ ރުޅިވެރި ދެލޯ ޒަމްރުއަށް އަމާޒުވިއެވެ. އަނެއް އަތުން އޭނާ ތަދުވި އަތުގައި ފިރުމަމުން ދިޔައެވެ.
"އަހަރެން މިއަހަނީ ކޮންތާކުންހޭ ތިއައީ؟ ހެލީންއަށް ނޭނގޭތަ ތިއީ މީހެއްގެ އަންބެއްކަމެއް. ރޭގަނޑު ގެއަށް ނިދަން ނައިސް ހެލީން އުޅޭނެހާ ގޮތަކަށް އުޅެން އަހަރެން ފުރުސަތެއް ނުދޭނަން" ޒަމްރު ބުންޏެވެ.
"ކަލެއަށް ކޮންކަމެއްތަ އަހަރެން ކޮންމެ ތަނެއްގަ އުޅުނިއްޔާ. އަހަރެން ދާހާ ތަނަކާ އުޅޭހާ ގޮތެއް ކަލެއަކަށް ބުނެދޭކަށް ނުޖެހޭނެ" ވީތަދުންނާއި އައި ރުޅިން ހެލީން ގެ ދެލޮލުން ކަރުނަ އޮހިގަތެވެ.
"ކީއްވެ ނުޖެހެންވީ؟ ހެލީން ކޮންމެ ގޮތަކަށް އުޅުނަސް އަޅާނުލާ ހެވިފަ ބަލަހައްޓައިގެން ހުންނާނެހާ ސޯލިހު މީހެއް ނޫން މަށަކީ" ޒަމްރު ބުންޏެވެ.
"ކަލޭ ތިއީ މަގޭ ފިރިމީހާ ކަމުގައެއް މަށެއް ނުދެކެން. ކަލޭމެން އެންމެންނަށް އަހަރެން ނަފްރަތުކުރަން. ކަލޭމެން އެންމެ ތިއީ އަހަރެންގެ އުފާތަކުގެ ދުޝްމިނުން. ތިއިން އެކަކަށްވެސް ބޭނުންހާ ގޮތެއް ނެހެދޭނެ. ބޭނުންހާ ގޮތެއް ހަދަން އަހަރެންވެސް ފުރުސަތެއް ނުދޭނަން" ހެލީން ދުލެއް ނުކުރިއެވެ. އަނގައިން ބޭރުވާ ކޮންމެ ލަފްޒަކާއެކުވެސް އޭނާގެ ލޮލުން ކަރުނައެއް ފައިބައިގެން ދެއެވެ. ޒަމްރު ގެ މޫނަށް ރުޅިވެރި ބެލުމަކުން ބަލަން ހުރެފައި ފާހާނާ އާ ދިމާލަށް ހެލީން ހިނގައިގަގަތެވެ. އެހިނދު އޭނާ ސިހުނީ ޒަމްރުގެ ބާރުގަދަ ދެއަތުން އޭނާގެ އަތުގައި ހިފިގޮތަށް ފަހަތަށް ގެންގޮސް ފާރުގައި ތަތްކޮށްލި ގޮތުންނެވެ. އެހިނދު ހެލީންގެ ދެލޮލުން ސިހުމާއި ޖެހިލުންވުމުގެ އަސަރު ފެނިގެން ދިޔައެވެ. ޒަމްރު ވެސް ހުރީ ހަމަހޭގައެއް ނޫނެވެ. މިއިން ދުވަހަކުވެސް ޒަމްރުގެ ދެލޮލުން ފާޅުނުވާހާ ހިތްހަމަނުޖެހުން އެހިނދު ފާޅުވަމުން ދިޔައެވެ.
"ކަލޭ މޮޔަވީތަ؟" ހެލީން ބުންޏެވެ.
"އާނ އަހަރެން މޮޔަވެއްޖެ" އަޑަށް ބާރުލާފައި ޒަމްރު ބުންޏެވެ.
"އަހަރެން މޮޔަކުރީ ކަލޭ"
"ދުރަށް ދޭ. އަހަރެން ދާންވެއްޖެ. އަހަރެން ފާރާ ދެމެދު ފިއްތާލާ އަހަންނަށް އަނިޔާވެރިވުމުގެ އެއްވެސް ހައްގެއް ކަލެއަކަށް ނޯންނާނެ" ހެލީން ބުންޏެވެ.
ދެފަރާތުން ފާރުގައި ދެއަތް ވިއްދާލާފައި ހެލީންއަށް ދުރަށް ނުޖެހެވޭނެހެން އިތުރަށް ދާއިރާ ހަނިކޮށްލިއެވެ. ޒަމްރުގެ ނުރައްކާތެރި ނަޒަރު ހުރީ ސީދާ ހެލީންގެ މޫނަށް އަމާޒުވެފައެވެ.
"އަހަންނަށް އަނިޔާކުރުމުގެ އެއްވެސް ހައްގެއް ކަލެއަކަށް ނޯންނާނެ" ކަރުނަތަކާއެކު ބަރާވެފައިވި ހެލީން ގެ ދެލޯ ހުރީ ސީދާ ޒަމްރުގެ މޫނަށް އަމާޒުވެފައެވެ.
"އަނިޔާއެއް އަދި ނުކުރަން. އެކަމަކު އަނިޔާވެރިވެގެން ވެސް އުފާހޯދަން އަހަންނަށް އެނގޭ" ޒަމްރު ބުންޏެވެ.
ޒަމްރުގެ ޖުމްލައާއެކު ހެލީން ގަތީ ބިރެވެ. އެފަދަ ދަށު ދަރަޖައަކަށް ޒަމްރު ވެއްޓިދާނެ ހެއްޔެވެ؟ ތެދެކެވެ. މިވަގުތު ޒަމްރުގެ ކުރިމަތީގައި ދެއްކޭނެ އެއްވެސް ބާރެއް ނެތެވެ. މިއީ އެވަގުތެވެ. އަންބެއްގެ ލޯބި ޒަމްރު ތައްޔާރުއެވަނީ ފޭރިގަންނާށެވެ. ޒަމްރުއަށް ހީވާ ކަހަލައެވެ. ލޯބީގެ ފޮނި މީރުކަން ލިބޭނީ އަނބިމީހާ ގެ ހަށިގަނޑުން އެ ލޯބި ފޭރިގަނެގެންނެވެ. ފިރިހެނުންނަކީ އެއްކަހަލަ ބައެކެވެ. އަމިއްލަ އެދުމުން ފޯވެފައިވި މޭގައި ހިތެއް ނެތް، ރަހުމެއް ކުލުނެއް ހަމްދަރުދީއެއް ނެތް ބައެކެވެ. ހިތަށް އަރަން ފެށި އެއްޗެހިތަކުން އިސާހިތަކު ހެލީން އަށް ރޮވިއްޖެއެވެ. ޒަމްރުގެ ކުރިމަތީގައި މާބޮޑަށް އޭނާ ބަލިކަށި ވެއްޖެއެވެ. ހިތުގައިޖެހި ހެލީން ރޮމުންދާ މަންޒަރު ބަލަން ޒަމްރު އަށް ކެތްނުވިއެވެ. އޭނާ އަށް ނުވެސް އެނގި އޭނާގެ މޭގައި އޮތް ހިތާ ހެލީން ކުޅެލައިފިއެވެ. ހެލީންގެ އަތަށް މަޑުމަޑުން އޭނާ އަށް ދޫދެވުނެވެ. އެހިނދު ޒަމްރުގެ އަތުތެރެއިން ހެލީން ދުރަށްޖެހުނެވެ.
"ކީއްވެތަ ކަލޭމެން ބޭނުންހާ ގޮތަކަށް އަހަންނާމެދު ތިކަންތައް ކުރަނީ؟ އަހަންނަކީވެސް އިންސާނެކޭ. އަހަރެންގެ އަމިއްލަ އިހުތިޔާރުގައި ނެވައެއް ދޫކޮށްލި ހަނދާނެއްވެސް އަހަރެންގެ ނެތޭ. އަހަރެންގެ އުފާވެރި ހުރިހާ ވަގުތުތަކެއް ގުރުބާންކޮށްފަ ކަލޭމެން ހިންތަހަމަޖައްސައިދިނީ. އަހަރެންގެ ކަލޭގެ އަންބަކަށް ވުމަކީ ދުވަހަކުވެސް އަހަރެން އެދުނު ގޮތެއްނޫން. އެކަމަކު ހިތާ ދެކޮޅަށް އަހަރެން ކަލޭގެ އަންބަކަށް ވެއްޖައިން. ކަލެއަށް މިލްކު ކުރެވުނީ ހަމައެކަނި އަހަރެންގެ ނަން. އަހަރެންގެ ހިތާ ލޯތްބާ އިހުސާސްތަކާ އަހަރެންގެ ޝައުގުވެރިކަން ކަލެއަށް ދުވަހަކުވެސް ނުހޯދޭނެ" ދުރުގައި ހުރެ ހެލީން ހަޅޭއްލަވަމުން ދިޔައެވެ. ހެލީންގެ ވިހަ ކޮންމެ ޖުމްލައެއް ރުވާފައި ފޮނުވާލާ ތީރެއް ފަދައިން ޒަމްރުގެ ހިތް ޒަހަމް ކުރަމުން ދިޔައެވެ.
"ކީއްވެ؟ ކީއްވެ ކޮބާ މައްސަލައަކީ؟ އަހަރެން މިއަހަނީ ކޮބާހޭ އަހަރެންގެ މައްސަލައަކީ؟" ޒަމްރު އައިގޮތަށް އައިސް ހިފީ ހެލީންގެ ދެކޮނޑުގައެވެ.
"އެއީ އަހަރެންގެ އިހުތިޔާރުގަ އޮތް ކަމެއް ނޫންވީމަ. އިންސާނަކު ދެކެ ތިންހަތަރުފަހަރު ލޯބިވެވޭނެ ކަމަކަށް އަހަރެން ގަބޫލެއްނުކުރަން. އަހަންނަކީ އަހަރެންގެ ހިތުގައި މިވާ ލޯބި ބަހަމުން ދުވާނެ މީހެއްނޫން" ހެލީންގެ އަޑު މަޑުވިއެވެ. ރޮމުން ހުއްޓަމުން ހެލީން ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑުގައިވީ ނިމުމެއްނެތް ޝަކުވާއެވެ.
"އަހަރެންގެ... އަހަރެންގެ މޭގަ އެހެން މީހަކަށް ދޭނެ ހިތެއް ނެތް" ހެލީން ބުންޏެވެ.
ޒަމްރު ހުރީ ގަބުވެފައެވެ. މިއީ އޭނާ އެންމެ ބިރުގަތްކަމެވެ. ހަގީގަތުގައި ވެސް ހެލީން ގެ ހިތް ވަނީ އެހެންމީހަކު މިލްކުކޮށްފައެވެ. އެކަމަކު ކާކު ހެއްޔެވެ؟ ހެލީން އެ އައީ އެމީހަކާއެކު ހުރެފައެވެ. މުޅި ރޭ ހޭދަކުރީ އެމީހެއްހެ ގާތުގައެވެ. ހެލީން މިވީ ހާދަ ނުބައި އަންހެނަކަށެވެ. ފިރިމީހާ އަށް ޓަކައި ހިތުގައި ލޯތްބެއް ނެތަސް ވަފާތެރިކަން އޮންނަން ވާނެ ނޫން ހެއްޔެވެ؟ ލޯބިނުވަންޏާ ، އެކުގަ ދިރިއުޅެން ބޭނުންނުވަންޏާ ސުލްހަވެރިކަމާއެކު ދުރުވެވޭނެ ގޮތްތައް އެބަހުއްޓެވެ.
"ކާކު އެއީ؟ ލަދެއްވެސް ނުގަނޭތަ؟ ތިއީ މަގޭ އަނބިމީހާ އޭ" ޒަމްރު ބުންޏެވެ.
"އަހަރެން ލަދެއްނުގަނޭ. ލަދުގަންނަންޖެހޭނީ ކަލޭމެން. އަހަރެންގެ ޒުވާން އުމުރު މިގޮތަށް ނޭވާލަން ދަތި ދުނިހެއެއްގަ ދިރިއުޅެން މަޖުބޫރުކުރި ކޮންމެ މީހަކު ލަދުގަންނަންޖެހޭނީ. ހީނުކުރާތި ކަލޭ ބުނި ކޮންމެ ކަމަކަށް އަހަރެންގެ ރުހިގެން ހުންނާނެއެކޭ. ކަލޭގެ އަސްލު ސިފަ މިއަދު އަހަންނަށް ދައްކާލައިފި. ކުރިއަށް ވުރެވެސް ބޮޑަށް އަހަރެން ކަލެއަށް ނަފްރަތުކުރަން"
ހިނދަކަށްފަހު ހިނދެއް ޒަމްރުގެ އެތެރެހަށީގައިވާ ލޭ ކެކި އަރަމުން ދިޔައެވެ. މިހިނދުކޮޅު އޭނާގެ ސިކުނޑި އަށް ރަނގަޅު އެއްވެސް އެއްޗެއް ނުވިސްނެއެވެ. މާޔޫން ގެ ނަސޭހަތްތަކުން އެންމެ އަކުރެއްވެސް އޭނާގެ ސިކުނޑީގައި ނެތެވެ. އޭނާ ހިތް އެދެމުން ދިޔައީ ހެލީން ގެ ދޫ ބަންދު ކުރުމަށެވެ. ދެފައިގައި ކަސްތަޅު އެޅުވުމަށެވެ. އޭނާއަކީ ވެސް ފިރިހެނެކެވެ. އަންހެނަކު ކުރިމަތީގައި ހުރެ ފިރިހެނަކު ދަށްކޮށްލަން ދައްކާ ވާހަކަ ބަލައިގަނެވޭނީ ކޮން ފިރިހެނަކަށް ހެއްޔެވެ؟ އަމުދުން އަނބިމީހާ ދެކެ ނިހާޔަތަށް ލޯބިވާ ފިރިޔަކު އަނބިމީހާގެ ދުލުން ހިލޭ ފިރިހެނަކުދެކެ ލޯބިވާ ކަމަށް އިގުރާރުވާއިރު އަޑުއަހަން ހުރެވޭނެ ހެއްޔެވެ؟ ޒަމްރުގެ މޫނުމަތިން ކެތްތެރިކަމުގެ ފަރުދާ ކެހިގެން ހިނގައްޖެއެވެ. އޭނާ ހެލީން އާ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ.
(ނުނިމޭ)
އިހުތިޔާރެއް ނެތޭ ހިތަކަށް ހުވާ
ކޮބާ ނެކްސްޓް ޕާރޓް؟؟؟؟؟؟؟؟؟؟
ލަވެންޑެރ - 12 މަސް ކުރިން
ޒަމްރު ތި ހަދަނީ ރަނގަޅަށް..ހާދަ ފޫއްސެއްވޭ ހެލީނު ދެކެ..އީމާންތެރިކަމުގެ ކަންފުޅެއްވެސް ހުރިނަމަ ފިރިމީހާއާއި ދޭތެރޭ އެގޮތަށް ކަންތައް ނުކުރާނެ..
ލިޒީ - 12 މަސް ކުރިން
އަޅޭ.... ރަމްޒު ގޯހެއް ނުހަދައްޗޭ. ހެލީން ވެސް މިއުޅެނީ ހީކުރި ގޮތަކަށް ނޫން. ހޮސްޕިޓަލުން ދުރައްޖެހި ނުލާނެކަމަށް ހީކުރި. ވާހަކައިގެ މިސްރާބު މިދާގޮތުން ވަރަށް ބިރުގަނޭ. ރަމްޒު އަދި ތިގޮތެއް ކަމަކުނުދޭ. ދެންއޮތް ބައި އަވަހަށް ގެނެސް ދެއްޗޭ. މިކުދިން މިއުޅޭ ގޮތަކުން ހަމަ ބިރުހީވެއްޖެ. ހުރިހާކަމެއް މުޅިން ބޮއްސުންނުލައިފިއްޔާ ވެދާނެ.
ނަންނަ - 12 މަސް ކުރިން