"ބަލަ ޒުނީނު އަށް ބޭނުންވާ އެއްޗެހި ހޯދައިދެނީ މަށެއްނޫންތަ؟ މަ ނޫޅެމޭ އަނބިމީހާގެ ބޭނުންތައް ފުއްދައިނުދެވޭހާ ނިކަމެތިވެގެނެއް. މަގޭ ޖީބަށް ރުފިޔާ ވަދޭ. ތިޖެހި ޕޯސްޓު ހަމަ މިހާރު ނަގަންވީ. އަދި މިހާރު މި އިނގެނީ ވިޝާހުވެސް ހިތްހަމަނުޖެހިފަ ވާހަކަދައްކަނީ ކީއްވެގެންކަން" ސާލިމް ފެންތަށި ބޯލައިގެން ތެދުވިއެވެ.

"ބަލަ އަހަރެން ކީއްވެތަ ހެލީނު އަށް ނަފްރަތު ކުރަންވީ. އަހަރެންވެސް އޭނައަށް ހެޔޮއެދެން. ހެލީނު މިގެއަށް ހާލެއްގަ ޖެހިގެން އައިއްޔާ އަހަރެން ފުރަގަހެއް ނުދޭނަން. ކުޑައިރުން ފެށިގެން ދަރިއެއްހެން ބަލައި ބޮޑުކުރީމަ މަގޭހިތުގަވެސް ކުލުނޭ މިކިޔާ އިހުސާސު އޮންނާނެ ދޯ. ތި ދެބަފައިންނަށް ތިހީވަނީ އަދި ރަނގަޅަކަށްނޫން" އަމިއްލަ ދިފާއުގައި ޒުނީނު ވަކާލާތު ކުރިއެވެ.

ސާލިމް އިތުރަށް ބަހެއްނުކިޔާ ކާމޭޒު ކައިރިން ދުރަށް ހިނގައިގަތެވެ. ޒުނީނު ދައްކާ ވާހަކަތައް ގަބޫލުކުރަން މިހާރު އޭނާއަށް ދަތިވެއްޖެއެވެ.

****

ބަގީޗާ ގަސްތަކާ ދިމާލުން ގޭތެރެއަށް ވަތް މަސައްކަތު ކުއްޖަކު ފެނުމުން މާޔޫން ހުއްޓުނެވެ. އެކުއްޖާ އަރާހަމަވުމުން ސުވާލުކޮށްލިއެވެ.

"ކުޑަ މެޑަމް ހުންނަނީ ގަސްތައް ކައިރީގަ. އެއްޗެއް ބޭނުންތޯ އަހާލަން ދިޔައީ" އެކުއްޖާ ބުންޏެވެ.

މާޔޫން އެދިމާލަށް ހިނގައިގަތެވެ. ދޮރުން ނިކުންނަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގަޑިން ނުވަ ގަޑި ބައިވެއްޖެއެވެ. އޮފީހުގައި ބައްދަލުވުމެއް ހަމަޖެހިފައި އޮތް ކަމަށް ބުނެ ޒަމްރު ކެއި ގޮތަށް ހިނގައްޖެއެވެ. މިފަދަ ވަގުތެއްގައި ހެލީން އެތަނުގައި ހުންނާނީ ކަންކަމާ ވިސްނަންކަން މާޔޫން އަށް އެނގެއެވެ. އޭނާ އެދިމާލަށް ދިޔައީ އެ ފުރުސަތު ހެލީން އަށް ނުދޭންވެގެންނެވެ.

ތަންކޮޅެއް ދުރުގައި ހެލީންއަށް ފާހަގަނުވާނެހެން މާޔޫން މަޑުކޮށްލިއެވެ. އޭނާ ހުރީ ހެލީން ހަރަކާތްތައް ބަލާށެވެ. ފެންއަރުވާ ކޯރަށް ބަލަން ހުރެފައި ހެލީން ހިނގައިގަތެވެ. ފިނިފެންމާ ގަސްތައް ހުރި ދިމާލަށް ދާން އޮންނަ މަގުގައި ހުރި ތިންމީހުންނަށް އިށީނދެވޭ ޖޯލީގައި ހެލީން އިށީނެވެ. އިރުކޮޅަކުން އޮށޯވެލިއެވެ. މާޔޫން ދެފަރާތަށް ބޯހޫރާލިއެވެ. ގޭތެރެއަށް ވަދެފައި އިރުކޮޅަކުން މާޔޫން ނިކުތްއިރު ކައިރީގައި މަސައްކަތު ކުއްޖެއް ހުއްޓެވެ. އެކުއްޖާގެ އަތްމަތީގައި ހުރި ތަބަކުގައި އާވި އަރަމުންދިޔަ ދެ ކޮފީ މަގު ހުއްޓެވެ. ވަކި ހިސާބަކަށް ގޮސްފައި އެކުއްޖާ އަތުން މާޔޫން ތަށި އަތުލިއެވެ. ހެލީން އިން ދިމާލަށް އޭނާ ހިނގައިގަތެވެ.

"ބައެއްފަހަރު ކަންކަމާ މާބޮޑަށް ފިކުރުކުރެވެންޏާ މަންމަވެސް އައިސް އިންނަން މިތަނުގަ" މާޔޫން ބުންޏެވެ.

ހެލީން ބަލައިލީ ފަހަތުން އިވުނު އަޑަށެވެ. އެވަގުތު އޭނަގެ ނޭފަތުގައި ކޮފީ ގެ މީރު ވަސް ޖެހުނެވެ. މާޔޫން އަށް އޭނާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ހެލީން އަށް އޭނާ އެއް މަގު ދިއްކޮށްލިއެވެ. އޭގައި ހިފަމުން ހެލީން ޝުކުރުއަދާކުރިއެވެ.

"މަންމަ މިތާ އިށީނދެލިޔަސް ހެޔޮތަ؟" މާޔޫންގެ އަޑުގައިވަނީ ހިތްހެޔޮކަމެވެ. ހެލީން ބޯޖަހާލުމާއެކު މާޔޫން އިށީނެވެ.

ވާހަކަނުދައްކާ ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. ކޮފީތަށި ދުލު ކުރީގައި ޖައްސާވެސްނުލާ ހެލީން އިނެވެ.

"ތި ފިކުރުތަކުން މަންމައަށް ބައި އަޅާބަލަ. ދެމައިން ބަހާލީމަ ސިކުނޑިއަށް ލުއިވާނެ" މާޔޫން ބުންޏެވެ.

އެއްވެސް އަސަރެއްނެތް ގޮތަކަށް ހެލީން ހިނިތުންވެލިއެވެ.

"ސުވާލެއްކޮށްލަންތަ؟" ހެލީން ބުންޏެވެ.

"ކޮބްލަބަލަ. މަންމައަށް ޖަވާބު އެނގެންޏާ ޖަވާބުދޭނަން" މާޔޫން ބުންޏެވެ.

"އެމީހެއްގެ އިހުތިޔާރުގައި ނެތް ކަންކަން ކުރަން ހިތަށް މަޖުބޫރުވަނީ ކީއްވެ؟" ހެލީން ބުންޏެވެ.

ހެލީންގެ މޫނަށް މާޔޫން ބަލައިލިއެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ހެލީން އެ މަޖުބޫރީ ހާލަތުގައި ދިރިއުޅެން އޭނާއަށް ބާރުއެޅުނީހެން ހީވިއެވެ.

"މަޖުބޫރީ ބިނާވެފައި އޮންނަނީ އިންސާނާ އަމަލުކުރާ ގޮތެއްގަ މައްޗަށް" މާޔޫން ބުންޏެވެ.

"މިސާލަކަށް" ހެލީން އަހާލިއެވެ.

"މިސާލަށް ކަމަކަށް ހެލީ އަށް މަޖުބޫރު އެބަވެއޭ ހީވަންޏާ އެކަމަކުން އަވަހަށް ދުރުވޭ. އެހިސާބުން އެކަން ނިމުނީ. ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ކަންކަމުގަ ގޮތް ނިންމުމުގެ ބާރު އޮންނަންވާނެ" މާޔޫން ބުންޏެވެ.

"އެހާ ފަސޭހައެއްނޫން. މިކަމުގެ ތެރެއިން އަޅުގަނޑު ނިކުތަސް ސަލާމަތެއްނެތް. އެއްކޮޅަކުން ނޫން. ކީއްވެ އަހަންނަށް މިހެން ވާންވީ" ހެލީންގެ ދެލޮލުން ރޮނގެއްހެން ކަރުނައެއް ފައިބައިގެން ދިޔައެވެ. އެމަންޒަރު ފެނުމުން މާޔޫންގެ ހިތުގައި ރިއްސާލިއެވެ. އޭނާއަށް ކޮށްދެވޭނީ ކޮންކަމެއްބާއޭ ހިތަށް އެރިއެވެ.

"ކޮންކަމަކަށް ހެލީއަށް މަޖުބޫރުވަނީ. މަންމައަށް ކިޔައިދީބަލަ" މާޔޫން ބުންޏެވެ.

"މަންމަ އަހަރެންދެކެ ރުޅިއެއްނާދޭތަ؟ އަހަރެން ކިހާ ގޯސް" ހެލީންއަށް ރަނގަޅަށްވެސް ރޮވުނެވެ.

ހެލީން އަށް މާޔޫން ބަލައިލިއެވެ. ހެލީންގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.

"މަންމަ ރުޅިއެއް ނާދެއޭ ބުނެފިއްޔާ" މާޔޫން ބުންޏެވެ.

"އަޅުގަނޑަށް ގަބޫލުކުރަން ވަރަށް ދަތިވާނެ"

"މިދުނިޔޭގެ އެއްވެސް ތަނެއްގަ މަންމަ ނަފްރަތުކުރާ ނުވަތަ ރުޅިއަންނަ އެއްވެސް މީހަކު ނުހުންނާނެ. ކޮންމެ އިންސާނަކީ ވެސް މިޒާޖުގެ ގޮތުން ތަފާތު މީހެއް. އަހަރެމެން އެންމެންވެސް ހެއްދެވީ އެންމެ ފަރާތަކުން. އަހަރެމެން އެންމެންނަށް ވަނީ އުޅޭނެ ގޮތް އުނގަންނައިދީފަ. މީހުންނަށް ނަފްރަތުކޮށްގެން ދިރިއުޅޭކަށް މަންމަ ދަހެއް ނުކުރަން. އަމުދުން މަންމަގެ ދަރިއެއް ދެކެ" މާޔޫން ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

ހެލީން އާ ވާހަކަދެއްކުމުގައި އަދި އަމަލުކުރުމުގައި އޭނާ ގެންގުޅޭ މިންގަނޑު އެހެންމީހުންނާ ތަފާތެވެ. އޭނާ ދެކޭގޮތުގައި ހެލީން އަކީ އޭނާ ފާސްވާންޖެހޭ ބޮޑު އިމްތިހާނެކެވެ. އިމްތިހާނުގެ ގޮނޑީގައި އިށީނދެފައި ފެއިލްވެގެން ތެދުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާގެ ވާހަކަދެއްކުމުގައި ތެދުވެރިކަން އިސްކުރަންޖެހެއެވެ. ދުލުން ބޭރުކުރާ ކޮންމެ ލަފްޒަކާ މެދު ވިސްނަންޖެހެއެވެ. އޭނާގެ ވާހަކަތަކުންނާއި އަމަލުތަކުން ލޯބިވާވަރު ހެލީން އަށް އިހުސާސްކޮށްދޭން ޖެހެއެވެ. އޭނާ ހިތުގައި އޮތް މައިވަންތަ ލޯބި ނެރެ ސާބިތުކޮށްދެން ޖެހެއެވެ. ހެލީންގެ ފުރިހަމަ އިތުބާރު ހޯދަންޖެހެއެވެ. ދަރިފުޅަށް ލޯބި ހޯދައިދޭން މައިދާނަށް ނިކުތުމުގެ ކުރިން އޭނާ ކަޑައްތު ކުރަންޖެހޭ ރާސްތާ ބޮޑުކަން ހަނދާނުގަ ބަހައްޓަން ޖެހެއެވެ. އަމިއްލަ އެދުން އިސްކޮށް ޒަމްރުއަށް އެހިތުން ޖާގަދޭން ހެލީން އަށް މަޖޫބުރުކޮށްގެން ނުވާނެކަން އެންމެ ވަގުތުކޮޅަކަށްވެސް އޭނާގެ ސިކުނޑިން ފޮހެނުލައެވެ.

"މަންމަ ވަރަށް ލޯބިވޭ ހެލީދެކެ. މަންމަގެ ދަރިއަކު އެހާ ލޯބިވާ އެއްޗެއްދެކެ މަންމައަށް ނަފްރަތުވެވޭނީ ކިހިނެއް؟ މާޔޫން ބުންޏެވެ.

ހެލީން އިސްޖަހާލިއެވެ. މާޔޫންގެ ކުރިމަތީގައި އޭނާ ލަދުގަނެއްޖެއެވެ. ކުރިމަތީގައި ކިތަންމެ ހިތްހެޔޮވެފައި ވާހަކަދެއްކި ނަމަވެސް މާޔޫންގެ ހިތުގެ ކަނެއްގައި އޭނާ އާ މެދު ކޮންމެވެސް ސިފައެއްގައި ރުޅިވެރިކަމެއް ވާނޭ ހިތް ބުނާ ސަބަބަކީ އެއީއެވެ.

"ސޮރީ މަންމާ" ހެލީން ބުންޏެވެ.

"ހެލީ ނުޖެހޭނެ މަންމަ ކައިރިން މަޢާފުހޯދާކަށް. މަންމަ ދަރިފުޅަށް ވައުދުވަން. ތިގޮތަށް ދަރިފުޅު ކިތަންމެ ދުވަހަކު ހުއްޓަސް އެއްވެސް ކަމަކަށް ދަރިފުޅަށް ޒަމްރު މަޖުބޫރެއް ނުކުރާނެ. އެފަދަ ކަމެއް ޒަމްރުގެ ފަރާތުން ފެނުނަސް މަންމަ ކައިރީގަ ބުނަންވާނެ. މިގޭތެރޭގަ ދަރިފުޅު ބޭނުން ގޮތަކަށް އުޅެވޭނެ. ދަރިފުޅުގެ މިނިވަންކަމަކީ ދަރިފުޅުގެ ހައްގެއް. މިގޭގަ ދަރިފުޅަށް އުނދަގޫވާ އެއްވެސް ކަމެއް އުޅޭތަ؟ މަންމަ ކައިރީގަ ބުނޭ. ދަރިފުޅުގެ ދިރިއުޅުން ލުއިފަސޭހަ ކޮށްދޭނަން. ދަރިފުޅު ބޭނުން ކޮންމެ ކަމެއްގެ ވާހަކަ މަންމައަށް ކިޔައިދެވޭނެ. އަބަދުވެސް މަންމަ ހުންނާނީ ދަރިފުޅާ އެންމެ ގާތުގަ"

މާޔޫންގެ އޯގާތެރި ބަސްތަކުން ހެލީންއަށް އިތުރަށް ރޮވުނެވެ. ލަދުވެސް ގަތެވެ. މާޔޫންގެ ކުރިމަތީގައި އޭނާގެ އަގުވެއްޓިއްޖެއެވެ. މަންމަގެ ދަރިއަކާ ކައިވެނީގެ ގޮތުން ގުޅިގެން ހުރެ އެކައިވެނި މަތީގައި ދެމިހުރުން އޭނާއަށް އަޒާބަކަށްވި ވާހަކަ ދުރުދުރުން އެތައްފަހަރަކު ބުނެވިއްޖެއެވެ. ކައިރީގައި ހުރި އަށިގަނޑުމަތީގައި ކޮފީތަށި ބަހައްޓާފައި ހެލީންގެ ދެއަތްތިލައިގައި މާޔޫން ހިފަހައްޓާލިއެވެ.

"މަންމައަށްޓަކައި ތިއީ ޒަމްރުގެ އަނބިމީހާއެއް ނޫން. ތިއީ ޒަމްރު އާ ގާޔާ އާ ދެމެދަށް މަންމައަށް ލިބުނު އަންހެންދަރިފުޅު" ހިނިތުންވެލަމުން މާޔޫން ބުންޏެވެ.

"އަޅުގަނޑު ކަމަކު ކިޔަންތަ މަންމާ" ހެލީން ބުންޏެވެ.

"އަވަހަށް ބުނޭ. މަންމަގެ ހުރިހާ ވަގުތެއް ދަރިފުޅަށް. ހިތުގަ އޮތް ހުރިހާ އެއްޗެއް ބޭރުކުރޭ. ފަސްޖެހޭނެކަމެއް ނެތް" މާޔޫން ބުންޏެވެ.

"އަޅުގަނޑު އުފަންވީ އާދައިގެ ދިރިއުޅުމެއްގެ ތެރެއަށް. އެބަޔަކަށް ﷲ ދެއްވި ތަނަވަސްކަމުގެ ތެރެއިން ހޭދަކޮށްގެން ދިރިއުޅުމަކީ މައްސަލައެއްނޫން. އެކަމަކު އަޅުގަނޑަށް ވަރަށް އުނދަގޫ. މިބުނީ މިގޭގަ މިއުޅޭ ކުދިން. އެކުދިން ކައިރީގަ ބުނެވިދާނެތަ އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ކަންކަން ކުރެވޭނޭ. މިސާލަކަށް ކާން ހަދައިދިނުމާ ކައްކައިދިނުމާ ބޭރުން އައިސް ވަންނައިރަށް ދަބަހުގަ ހިފައިދިނުމާ އަޅުގަނޑުގެ ފައިވާން ދޮވުމާ މިކަންކަން"

"ތީކީ މައްސަލައެއްނޫން. ހެލީ ބޭނުންވާ ގޮތަކަށް އެކަމެއް ވާނީ. މަންމަ ތިކަން ހަމަޖައްސައިދޭނަން އިނގޭ" މާޔޫން ބުންޏެވެ.

****

އާ ދުވަހެކެވެ. ގަޑިން ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. ދޮރާށި ކައިރީގައި މަޑުކޮށްގެން ހުރީ ނަހުމާ އެވެ. އޭނާ ފޯނަށް ބަލައިލާފައި އިރުކޮޅަކުން ދޮރާށި އެތެރެއަށް ޖެހިލިއެވެ. އެތަނުގަ ހުންނަތާ އިރުކޮޅެއްފަހުން ގޭތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެފައި ދެން ނިކުމެލީ ބެލްކަންޏަށެވެ. މަގުމަތި ފެންނާނެހެން އޭނަ ހުއްޓެވެ. ހިނދުކޮޅަކަށްވެސް އޭނާގެ ނަޒަރު ދޮރާށިން ނުނެއްޓެއެވެ. ނައިޝަމްގެ ނަންބަރަށް ގުޅި އެވެ. ޖަވާބެއް ނުލިބުނެވެ. ފަހަތުން މީހަކު ކަރު ކެހިލިހެން ހީވުމުން ނަހުމާ ބަލައިލިއެވެ. ކޮފީ ތައްޓެއް ހިފައިގެން ހެވިފައި ހުރި ނާމީ އަނެއް ކޮފީ ތަށި ނަހުމާ އަށް ދިއްކޮށްލިއެވެ. އެ ތަށީގައި ނަހުމާ ހިފީ ހިނިތުންވެލަމުންނެވެ.

"ވަރަށް މީރު" ކޯވަރެއް ބޯލާފައި ނަހުމާ ބުންޏެވެ.

"މަށޭ ހެދީ" ހީލަމުން ނާމީ ބުންޏެވެ.

ދެ ކޯވަރު ބޯލާފައި އަނެއްކާވެސް ނަހުމާގެ ނަޒަރު އަމާޒުކޮށްލީ ބެލްކަނިން ބޭރަށެވެ. ނާމީ ވެސް ކައިރިއަށް ޖެހިލާފައި ބޭރު ބަލައިލިއެވެ.

"ކާކު ތިހޯދަނީ؟" ނާމީ އަހާލިއެވެ.

"ނައި ބޭރުގަވީމަ. އާދޭތޯ މިބަލަނީ. ނުނަގަ ފޯނެއްވެސް" ނަހުމާ ބުންޏެވެ.

"ދޮންބެ އަންނާނެއްނު. ދޮންތަމެން ތިގަންނަ ބިރެއްދޯ ދޮންބެ ބޭރަށް ނިކުތީމަ" ނާމީ ބުންޏެވެ.

"ބިރުގަންނާނެއްނު. އަބަދު ކުރެވެނީ ނައި ގެ ފިކުރު. ހިތަށްއަރަނީ ބޭރަށް ނިކުތިއްޔާ ފުލުހުންގެ އަތްދަށުނުވެ ގެއަށް ވަންނާނެބާއޭ" ނަހުމާ ބުންޏެވެ.

"ދޮންބެގެ ވާހަކަ މަންމަ ކިޔައިދިން. މަންމަ ހުރީ ދޮންތަ އާ ދޮންބެ ކަންތަކާ އަދިވެސް ދެރަވެފަ" ނާމީ ބުންޏެވެ.

"އެދުވަހު ކަންތައްވީގޮތުން އެއީ. ނާމީ އަޅާނުލާ. ދޮންތައަށް އިނގޭ މަންމަ ރުއްސަން" ނާމީގެ ކޮނޑުގައި އަތް ބާއްވާލަމުން ނަހުމާ ބުންޏެވެ.

"ނިއިޔޯކް ގަ ޒައިދުބެ މިވަގުތު އެބަހުރި. އަދި އަހަރެއްވާނެ މިކޮޅަށް އަންނަން. ދޮންބެ ފޮނުވަންވީނު. ދޮންތައަކަށް ހިއެއްނުވޭތަ އެންގަރ މެނޭޖަމްނޓް ތެރަޕީ ދީގެން ދޮންބެ ނޯމަލް މީހަކަށް ހެދިދާނެހެއްނެއް" ނާމީ ބުންޏެވެ.

ނަހުމާ ފުން ނޭވައެއް ދޫކޮށްލިއެވެ. ކޮފީ ތަށި ހިފައިގެން ގޮސް މޭޒު ކައިރީގައި ހުރި ގޮނޑީގައި އޭނާ އިށީނެވެ. އިރުކޮޅަކުން ނާމީ ވެސް އައިސް ކައިރީގައި އިށީނެވެ.

"ދޮންތަ މިހިރީނު. ދޮންތައަކީ ނައި ގެ ތެރަޕިސްޓަކީ. ނައި އެ ރުޅިގަނޑުގެ ތެރެއިން ދޮންތަ ނެރޭނަން. ދުވަސްކޮޅަކުން ޒައިދުވެސް ހުންނާނެއްނު. ނައި އަކީ ކޮންމެ، ކޮންމެ ކަމެއްގަ ރުޅި އިސްކުރާ މީހެއް ނޫން. މަޖުބޫރުން ކަންކަން ކުރުވަން މަންމަ އުޅޭތީ ރުޅިއަންނަނީ. އެހެންނޫނަސް ތިކަހަލަ ވާހަކައެއް ނައި އިވޭ ހިސާބެއްގަ ނުދައްކާތި. އެންމެން ގުޅިގެން ލޯބިން އުޅުނިއްޔާ ވަރަށް ތަފާތު މީހެއް ނައި އަކީ" ނަހުމާ ބުންޏެވެ.

"ބޮޑަށް ދޮންތައަށް އެނގޭނީ. އެކަމަކު ހަމަ ފާހަގަވޭ ދޮންބެ އެހެންފަހަރުތަކާ ހިލާފުކަން. އެހާ ގުޅުމެއްވެސް ނުބާއްވާ މިފަހަރު. ވާހަކަދައްކަނީވެސް ވަރަށް މަދުން" ނާމީ ބުންޏެވެ.

"ފަހުން ރަނގޅުވާނެ" ނަހުމާ ބުންޏެވެ.

އެހިނދު އެއީ ހުޅުވާފައި ހުރި ދޮރުގެ ބޭޜުން ކޮޓަރިއަށް ދިޔުމަށް ނައިޝަމް ހުރަސްކުރި ވަގުތެވެ. ނައިޝަމް ގެއަށް އައީކަން ނަހުމާއަށް އެނގުމުން ހިނިތުންވެލިއެވެ.

****

ސިޑިން ފައިބައިގެން އައި ހެލީން އަށް ބަލަހައްޓައިގެން ގާޔާ އިނެވެ. ގަޑިން އޭރު ރޭގަނޑު ނުވައެއް ޖަހައިފިކަން ގަޑތަކުން އިއުލާން ކުރަމުން ދިޔައެވެ. ގާޔާ އަށް ބަލައިވެސްނުލާ ހެލީން ވަނީ ބަދިގެއަށެވެ. ފެންތައްޓެއް ބޮއެގެން ނިކުންނަން އުޅެނިކޮށް ކާމޭޒު މަތީގައި އަޅާފައިވާ ރަބަރުގަނޑުގައިވާ ކުރެހުން އޭނާއަށް ފެނުނެވެ. ވަގުތުން އޭނާ ކުޅު ދިޔާވިއެވެ. ރަތްކޮށް ނޫޑްލްސްގަނޑެއް ކައްކައިގެން ކާހިއްވިއެވެ. ރަނގަޅު ވަގުތެކޭވެސް ހިތަށް އެރިއެވެ. ގޭތެރެއިން މީހަކު ނުފެނެއެވެ. ނޯކަރު ކުދިންގެ އުނދަގޫވެސް ކުޑަވެއްޖެއެވެ. މިނިވަންކަމެއް ލިބުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. އައިސް އަލަމާރި ކައިރިއަށް ގުދުވެ ކޮށާ ސަމާނު ނަގަން އުޅެނިކޮށް މަސައްކަތު ކުއްޖަކު އައިސް އެހީވާން އުޅުނެވެ. އެހިނދު ހެލީން މަނާވެގަތެވެ. އޭނާ ކަމަކަށް ބޭނުންވެގެން އެދެންދެކަށް ދުރުގައި ހުރެދޭށޭ ބުންޏެވެ. ކެބިނެޓް ކައިރީގައި ހުރެ ފަރިތަކަމާއެކު ފިޔާ ކޮށަމުން ދަނިކޮށް ގާޔާ އައެވެ. އެއްފަހަރު ގާޔާ އަށް ބަލައިލާފައި ހަމަ އެހާ އަވަހަށް ހެލީން އަޅައެއް ނުލިއެވެ. ހެލީން އަނގައިން ނުބުނާތީ ގާޔާ ހުންނަނީ ވާހަކަދައްކަން ނުކެރިފައެވެ. ވާހަކަދައްކަން ބޭނުންވެ ހުރެ ހެލީން އަށް އޭނާގެ ފުށުން އުނދގުލެއްވެދާނެތީ ހިމޭނުންނެވެ. ކުޑަނަމަވެސް ފަހަރި ހިތްނުރުހޭ ކަމެއް ނުކުރުމަށް މާޔޫން އޮތީ ބުނެފައެވެ. ހެލީން އަށް ބަލަމުން އައިސް ގާޔާ ހުއްޓުނީ އައިސް އަލަމާރި ކައިރީގައެވެ. ގްރޭޕްސް ތަށި ހިފައިގެން އޭނާ ހިނގައިގަތެވެ. އަނެއްކާވެސް ހެލީން އަށް ބަލައިލިއެވެ. ހެލީންގެ ސަމާލުކަން ނުލިބުމުން ގާޔާ ހިތުގައިޖެހި ރޮވޭގޮތްވިއެވެ. ތުންފަތުގައި ބާރަށް ދަތްއަޅައިގެން ހުރެ އޭނާ ނިކުންނަން އައީ ބާރަށެވެ.

"ނޫޑްލްސް ކާނަންތަ؟"

ގާޔާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ހެލީން ވާހަކަދެއްކީ އޭނާ އާ ކަން ޔަގީންކުރަން ބޭނުންވިއެވެ. ފަހަތަށް އެނބުރިނުލާ ގާޔާ ހުއްޓެވެ. އަދި އެއްފަހަރު އެ އަޑު އިވޭނެކަމަށް އުންމީދުގައެވެ.

"ގާޔާ އާ މިވާހަކަ ދެއްކީ" ހެލީން ބުންޏެވެ.

ފުރަތަމަ ފަހަރަށް ހެލީން ވާހަކަދެއްކުމުން ގާޔާގެ ދެތުންފަތް ދެލޮލުގެ އަރިމައްޗަށް ހަމައަށް ދެމިގެން ދިޔައެވެ.

"ނޫޑުލްސް ކާނަންތަ؟" ހުއްޓިހުރެ ވެސް ގާޔާ އަނގައިން ނުބުނުމުން ހެލީން އަނެއްކާވެސް އަހާލިއެވެ.

"އަޅުގަނޑާތަ ތިވާހަދައްކަނީ؟" އެނބުރިލާފައި ގާޔާ އަހާލިއެވެ.

"އާނ. ގާޔާ އެއްނޫންތަ ތިއީ. ނުބައިކޮށްތަ ނަން ކިޔުނީ އަނެއްކާ. ނޫޑްލްސް ކާނަންހޭ މިއަހާލީ" ހެލީން ބުންޏެވެ.

"ލައްބަ ކާނަން. އަޅުގަނޑު ދަންތަ ދޮންބެދައްތައަށް ހެލްޕުކޮށްދޭން" ގާޔާ ހުރީ އުފަލުންނެވެ.

ހެލީން ބޯޖަހާލުމުން ގާޔާ އައެވެ. ހެލީން ގާތުގައި ހުއްޓުނެވެ. ކެއްކުމަށް ހެލީން މޭޒަށް ނަގާފައި ހުރި އެއްޗެއްސަށް ބަލައިލިއެވެ. އެއް ތަށީގެ އެތެރޭގައި ހުރި އެއްޗެއް ފެނުމުން ގާޔާ ގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. މާޔޫސީ ބެލުމަކުން ހެލީން އަށް ގާޔާ ބަލައިލިއެވެ.

"ކިހިނެއްވީ؟ ނުކާނަންތަ ތިގޮތަށް ތިބަލާލީ. ވަރަށް މީރުކޮށޭ ކައްކާނީ" ހެލީން ބުންޏެވެ.

"ކާނަން" ގާޔާ ބުންޏެވެ.

ދޮންބެދައްތާ އޭ ކިޔާފައި ގާޔާ މުހާތަބު ކުރުމުން ހެލީން އަށް އުނދަގުވިއެވެ. ގާޔާގެ ފުށުން އެކަން މަނާކުރަން ބޭނުންވިއެވެ. ޒަމްރު އާ އޮތް ގުޅުމަށް ނިސްބަތްކޮށް އޭނާ އާ ގޮވުން އޭނާއަށް އަދި އުނދަގުލެވެ. ބަލައިގަންނަން ދައްޗެވެ. އެހެންނަމަވެސް ހުރިހާކަމަކުން އެންމެންނަށް އުނދަގުކުރަން އޭނާ ބޭނުމެއް ނުވިއެވެ. ތުންފަތަށް އޭނާ ހިނިތުންވުމެއް ވެރިކޮށްލީ ގަދަކަމުންނެވެ.

"އަޅުގަނޑު ކޮންކަމެއް ކޮށްދޭންވީ؟ ހަޑި ތަށިތައް ދޮވެލަންތަ؟" ގާޔާ ބުންޏެވެ.

"ސަމްސާ މިތަނުން ނަގަންތަ؟"

ގާޔާ ހުރީ އުފަލުންނެވެ. ހެލީން ކަމަކު ބުނޭތޯ އިންތިޒާރުގައެވެ. ހެލީންގެ އަތް ފޮހެން ނެގި ޓިޝޫކޮޅު ޑަސްބިނަށްލަންތޯ ސުވާލުކުރިއެވެ. ހެލީންގެ ނިތްމަތިން އުދާސްތައް ވިދަން ފެށުމުން އައިސް ފެން ތައްޓެއް ގެނެސްދިނެވެ.

"ގާޔާ ތިތަނުގަ ހުރޭ. އޭރުން ރަނގަޅުވާނެ" ހެލީން ބުންޏެވެ.

"މި.... މީތި އަޅައިގެންތަ ކަނީ" ކޮށާފައި ހުރި މަޝްރޫމް ތަށި ފެނުމުން ގާޔާ އަހާލިއެވެ.

"ހޫމް... ވަރަށް މީރުވާނެ. ނުކަންތަ ތި އަޅައިގެން" ހެލީން އަހާލިއެވެ.

"އުނހު. ކާނަން. ދޮންބެދައްތަ ހެދި ކޮންމެ އެއްޗެއްވެސް ކާނަން" ގާޔާ ބުންޏެވެ.

ހަގީގަތަކީ އެއީ އޭނާ ގަޔާނުވާ އެއްޗެއް ކަމެވެ. އެހެންނަމަވެސް ހެލީން އެހާ ގާތްކޮށް ހިތްހެޔޮކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރަށް ވުމުން އޭނާ ހުރީ ހެލީން ޒަހަރެއް ދިން ނަމަވެސް ކާން ތައްޔާރަށެވެ.

"އިރުކޮޅަކުން ކެކިދާނެ" މަތިޖަހާފައި އުނދުނުގެ ގިނި މަޑުކޮށްލަމުން ހެލީން ބުންޏެވެ.

އޭނާ ގޮސް އިށީނީ މޭޒު ކައިރީގައެވެ. ދުރުގައި އިނދެވެސް ގާޔާގެ ހަރަކާތްތަކަށް ބަލަން އޭނާ އިނެވެ. ގާޔާއަކީ ކޮނޑާ ހަމައަށް ހުންނަ ފަން އިސްތަށިކޮޅެއްގެ ވެރި ދޮން ބައްޓެއް ކަހަލަ މައުސޫމު އަންހެން ކުއްޖެކެވެ. މުޅި ގޭތެރޭގެ ދިރުމެވެ. އަނގަގަދަ ހަލަނި ކުއްޖެކެވެ. އެކަމަކު ހެލީން އާ އެކު އެކަނިވުމުން ފާހަގަވީ ގާޔާގެ މަޑުމައިތިރިކަމެވެ. ފަހަރެއްގައި ހެލީން ބަހައްޓަމުން އައި ދުރުމިނަށް ގާޔާ ނުހޭނެނީ ކަމަށްވެސް ވެދާނެއެވެ. ގޮތެއް ނިންމާކަށް ހެލީން އަށް ނޭނގުނެވެ. ކެބިނެޓުގައި އަތް އަޅުވާލައިގެން ހުރި ގާޔާ ދެފަހަރަށް ހެލީން އަށް ބަލައިލިއެވެ. ކޮޅަށް ހުރެ ދެފައި އައްސި ވިއިރުވެސް ހެލީން ނުބުނާތީ އޭނާއަށް ކައިރިއަށް ގޮސް އިށީންނާކަށް ގާޔާ އަށް ނުކެރުނެވެ.

"އާދޭ އިށީންނަން" ހެލީން ބުންޏެވެ.

ބުމަރެއްގެން އައި ގާޔާ ގޮނޑިއެއް ދަމާލިގޮތަށް އިށީނދެފައި ގޮނޑީއަށް ދެފައި އަރުވާ ވަށްކޮށްލިއެވެ. ގާޔާ ގެ އެ އަމަލުން ހެލީން އަށް ހެވޭގޮތް ވިއެވެ.

(ނުނިމޭ)