ނަހުމާގެ ވާހަކަތައް އަހަން ނައިޝަމް އިނީ ހަރަކާތް ހުއްޓިފައިވާ ބުދެއް ހެންނެވެ. އޭނާގެ ސިކުނޑިއަށް ނަހުމާގެ ވާހަކަތަކުން އަސަރުކޮށްފިއެވެ. މަންމަ އާ އެދުވަހު ވާހަކަދެއްކުނީ ރަނގަޅަކަށް ނޫންކަން ހުދު އޭނާ ވެސް ގަބޫލުކުރެއެވެ. މައާފަށްއެދެންވެސް އޭނަ ބޭނުންވެއެވެ. އެހެންނަމަވެސް އަނެއްކާވެސް އެވާހަކަތައް މަންމަ ތަކުރާރުކޮށްފިއްޔާ ހަމަ ނިކުންނާނީ އެއް ނަތީޖާއެކެވެ. އޭނާގެ އަމިއްލަ ނަފްސަށް ހުދު އޭނާއަށް އިތުބާރެއް ނެތެވެ.

"ދެން މަންމަ ސެޓުކުރަން ކީއްކުރަންވީ؟" ނައިޝަމް ބުންޏެވެ.

އެހާ އަވަހަށް ނައިޝަމްގެ ސިކުނޑި އަނބުރާލެވުނީތީ ނަހުމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ހިތާހިތުން ﷲ އަށް ހަމްދުކޮށްލިއެވެ.

ނަހުމާ ތެދުވެގެން ހިނގައިގަތެވެ. ނައިޝަމް ވެސް ފަހަތުން ދިޔައެވެ. ދޮރާ ހަމައިން ނަހުމާގެ އަތުގައި ނައިޝަމް ހިފަހައްޓާލިއެވެ. ނަހުމާ ހުއްޓިފައި ނައިޝަމް އަށް ބަލައިލިއެވެ. ނަހުމާގެ އަތްތިލައިގައި ނައިޝަމް ބޮސްދިނެވެ. އޭނާ ބުނާ ކަހަލައެވެ. މަންމަ ރުއްސަން އޭނާ އަށް އެއްބައިވެވުނީ ހަމައެކަނި ދޮންތައަށް ޓަކައެވެ.

"ތެންކިޔު ދޮންތާ. ހިތަށް އަރަނީ ދޮންތަގެ ވާހަކަތައް ހުންނަގޮތަށް އެހެންމީހުންގެ ވާހަކަތައް ނުހުންނަނީ ކީއްވެގެންބާއޭ" ނައިޝަމް ބުންޏެވެ.

ދެކުދިން އެކުގަ ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. ނައިޝަމްގެ މޫޑު ރަނގަޅަށް ހުރި ވަގުތެއްގައި ވާހަކަދެކެވުމުން ނަހުމާގެ ނަފްސަށް ހަމަޖެހުމެއް ލިބިގެން ހިނގައްޖެއެވެ.

****

ރެސްޓޯރެންޓުން ނިކުތްގޮތަށް މާޔޫން އާއި ޒަމްރު ދިޔައީ ހޮސްޕިޓަލާ ދިމާލަށެވެ. ހެލީންގެ ފޯނު ނަންބަރު ނޭނގޭތީ ޒަމްރު އަށް ވެސް މާޔޫން އަށް ވެސް ގުޅަން ނޭނގުނެވެ. އެމެޖެންސީ ރޫމާ ދިމާލަށް ދިޔައިރު ދެމައިންގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސްކަމެވެ. އެއި މާޔޫންގެ ފޯނަށް ހަންނާންފާރޫގު ގުޅި ވަގުތެވެ. ކުއްލިއަކަށް ގާޔާ އަށް ދިމާވި ސިއްހީ ހާލަތާ ގުޅޭގޮތުން ހަންނާންފާރޫގު ސުވާލުކުރިއެވެ. ވީގޮތެއް ނޭނގޭ ކަމަށް ބުނެފައި މާޔޫން ފޯނު ބޭއްވިއެވެ. މިވަގުތު އޭނާ ހުރީ ފޯނުން މީހަކާ ވާހަކަދެކެވޭ ފަދަ ހާލަތެއްގައި ނޫނެވެ.

އެމެޖެންސީ ރޫމާ ދިމާލަށް ބާރު ހިނގުމުގައި އައި މާޔޫން އާއި ޒަމްރު ފެނުމުން ފާރުގައި ލެގިގެން ހުރި ހެލީން ކުރިއަށް ހެލިލިއެވެ.

"ގާޔޫ އަށް ކިހިނެއްވީ؟ ޒަމްރު އަހާލިއެވެ.

ޒަމްރު ސުވާލު ކުރި ނަމަވެސް ހެލީން އަށް ޖަވާބެއް ނުދެވުނެވެ. ރޮވިފައި އޭނާ އަށް ހުރެވުނީ މާޔޫން ގެ މޫނަށް ބަލާށެވެ.

"ގާޔޫ ރަނގަޅުތަ؟" މާޔޫންގެ އަޑު އައީ ކުރެހިގެންނެވެ.

ހެލީން އިސްޖަހާލިއެވެ. އެއާއެކު އޭނާގެ ދެލޮލުގެ ތެރެއިން ކަރުނަތައް އޮހިގަނެއްޖެއެވެ.

"ނޭނގެ ގާޔޫ ގެ ހާލެއް" ރޮވިފައިވި އަޑަކުން އިސްޖަހައިގެން ހުރެ ހެލީން ބުންޏެވެ. ހެލީންގެ ހަރަކާތްތަކަށް ބަލަން އިރުކޮޅަކު ހުރެފައި ޒަމްރު ވަނީ އެތެރެއަށެވެ.

"ގާޔޫ އަށް ކިހިނެއްވީ؟ މަންމަ އަށް ކިޔައިދީބަލަ" ހެލީން ގެ އަތުގައި ހިފަމުން މާޔޫން ބުންޏެވެ.

"ދެމީހުން އެކުގަ ނޫޑްލްސް ކައިގެން ޓީވީ ބަލަން ތިބީ. އިރުކޮޅަކުން ގާޔޫ ބުނެފި އެބައަންނަމޭ. ދެން ހަބަރެއްނުވެ ގިނައިރު ވާތީ ކޮޓަރިއަށް ބާލަލަން ދިޔައީ. ދިޔައިރު ނޭވާ ނުލެވިގެން އެނދުގަ އޮވެ ތެޅެނީ. ގައިގެ ކުލަ ބަދަލުވެފަ އޮތީ. މޫނުވެސް ދުޅަވެފަ. ބަނޑުވެސް ފުއްޕާފަ. އިނގިލިތައްވެސް ފުފިހަ ހުރީ" ހެލީން ކިޔައިދިނެވެ.

"ޔާރައްބީ މަގޭ ދަރި.... އެލާޖިކުވީ އެ" މާޔޫން ރޮއެގަތެވެ. އޭނާގެ ބޮލަށް އެނބުރުން އައިރަގެނެގެން އަރިއަޅާލިއެވެ. ވެއްޓެން ދިޔަ ވަގުތު ހެލީން މާޔޫންގެ އަތުގައި ހިފެހެއްޓިއެވެ. ގަޔާކައިރިކޮށްލައިގެން އައިސް ގޮނޑިއެއްގައި ބޭންދިއެވެ.

"އެކަމަކު ކީއްވެ؟ ނޫޑްލްސް އަކީ ގާޔޫ އަށް ނުކެވޭ އެއްޗެއްތަ؟" ހެލީން އަހާލިއެވެ.

"ނޫޑްލީހާ އެކު ކޮންމެސް އެއްޗެއް ކެވުނީ ކަމަށް ވާނީ. ގާޔޫ އަށް ނުކެވޭ އެއްޗެހީގެ ލިސްޓު ގޭގަ އޮންނާނެ" މާޔޫން ބުންޏެވެ.

ހެލީން އިންތިހާ އަށް ދެރަވެއްޖެއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ގާޔާ އަށް އެކުގައި ނޫޑްލްސް ކާން ދައުވަތު ދެވުނީތީއެވެ. ގާޔާ އާ މެދު ހިތުގައި ޝަކުވާވެސް އުފެދުނެވެ. ނުކެވޭ އެއްޗެއް ހުރި ނަމަ ގާޔާ ނުބުނީ ކީއްވެ ހެއްޔެވެ؟ ހެލީން ހަނދާންވިއެވެ. މަޝްރޫމު ތަށި ދައްކާފައި ގާޔާ ސުވާލުކުރި ހަނދާނެވެ.

"އައިމް ސޮރީ މަންމާ" ހެލީން ބުންޏެވެ.

"އެއީ ދަރިފުޅުގެ މައްސަލައެއް ނޫން" މާޔޫން ބުންޏެވެ. "ފަހުން ޑޮކްޓަރުގެ ހަބަރެއް ވިތަ؟"

ހެލީން ދެފަރާތަށް ބޯ ހޫރާލިއެވެ. ގާޔާ އަށް ވެފައި އޮތްގޮތް އަދިވެސް ހެލީންގެ ސިކުނޑިން ފިލައިގެން ނުދެއެވެ. އޭނާ ހުރީ ބިރުގެންފައެވެ. ދުވަހަކުވެސް އިންސާނަކަށް ކުއްލި ސިއްހީ ހާލަތެއް ދިމާވެގެން އުޅުނު މަންޒަރު އޭނާއަށް ފެނިފައި ނުވެއެވެ. އެމެންޖެންސީކޮށް ގާޔާ ގޮވައިގެން އަންނަންޖެހުމުން އޭނާ ވެސް ހުރީ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތިފައެވެ. ފައިވާން ވެސް ނެތްކަން އެނގުނީ އެމްބިޔުލާންސް ތެރޭގައެވެ.

"މަންމާ" މާޔޫން ބަލައިލީ ޒަމްރުގެ އަޑަށެވެ. މާޔޫންއަށް ސަމާލުވެގެން ހުރި ހެލީންވެސް ޒަމްރުއަށް ބަލައިލިއެވެ. މިފަހަރު ޒަމްރުގެ މޫނުން ނަޒަރު ވަކިކޮށްލަން ހެލީން ނޫޅުނެވެ. ގާޔާ ގެ ހަބަރެއް އެނގެން އޭނާ ހުރީ ބޭނުންވެފައެވެ.

"ގާޔޫ ގެ ހާލު ކްރިޓިކަލް. ވަރަށް ބޮޑު އެލާޖިކެއް ކަމަށް ބުނީ. އައިސީޔޫ އަށް ގެންދަން ނެރެނީ މިހާރު" ޒަމްރު ބުންޏެވެ.

މާޔޫން ރޮއެގަތެވެ. ޒަމްރު ލައިގެން ހުރި ޓީޝާޓުގެ ދެފަރާތުގައި ހިފާލިގޮތަށް މާޔޫން ބޯ އެޅީ ޒަމްރުގެ މޭގައެވެ.

"ރަނގަޅުވާނެ މަންމާ. ދެރަނުވޭ" ޒަމްރު ބުންޏެވެ.

މާގިނަ ވަގުތު ނުވަނީސް ގާޔާ ނެރެފިއެވެ. އެކުއްޖާގެ މޫނާ ދެއަތް ނޫނީ ހުރިހާ ތަނެއް ވަނީ ހުދު ފޮތިގަނޑަކުން ނިވާކޮށްފައެވެ. ގާޔާގެ ހަށިގަނޑާ ގުޅާފައިވާ ހޮޅިތައް ފެނި މާޔޫންގެ ހެއަށް ގޮތްވިއެވެ. ޒަމްރު ސަމާލުވީ މަންމަ އަށެވެ. އެނދު ފަހަތުން ދިޔައީ ރޮވިފައި ހުރި ހެލީން އެވެ.

****

ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން ފަހުމީ ދޮރު ހުޅުވިއެވެ. ކުރިމަތީގައި ތިބީ ނަހުމާ އާއި ނައިޝަމް އެވެ. ދެ ދަރީންނަށް ފަހުމީ ހިނިތުންވުމެއް ދިނެވެ. އޭނާގެ ހިތަށް ފިނިކަން ގެނެސްދިނީ ނައިޝަމްގެ އުޖާލާވެފައިވާ މޫނު ފެނިފައެވެ. އެއީ ނަހުމާގެ މަސައްކަތެއްކަން ފަހުމީ އަށް އނގުނެވެ. އޭނާ ނަހުމާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

"ދަރިފުޅުމެން ކަމަކުތަ؟" ފަހުމާ އަހާލިއެވެ.

"އާނ. މަންމަ ކޮބާ؟" ނަހުމާ އަހާލިއެވެ.

އެ އަޑަށް ލޯގަނޑު ކައިރީގައި މޫނުގައި ނައިޓް ކުރީމް ހާކަން ހުރި ނިގާރު ބަލައިލިއެވެ. ނައިޝަމް އާއި ނަހުމާ ފެނިފައި އޭނާއަށް މާބޮޑު ހިތްހަމަޖެހުމެއް ނުލިބުނެވެ. ފަރުވާކުޑަ ގޮތަކަށް އޭނާ މޫނު އަނބުރާލިއެވެ.

"މިއުޅެނީ އެއްޗަކަށް އޯޑަރުދޭންވެގެން. މަންމަ ބޭނުމީ ކޮން ވައްތަރެއް" ނަހުމާ ބުންޏެވެ.

"އެހެންތަ؟ އަނެއްކާ ކޯޗަކަށް؟ ބައްޕަ އަށް ނުދޭނަންތަ؟" އެނދުގައި އިށިން ފަހުމީ ބުންޏެވެ.

"އެންމެންނަށް. އެކަމަކު ހާއްސަކޮށް މަންމަ އަށް ދޭ އެއްޗެއް މީ" ނައިޝަމްގެ އަޑު އިވުނެވެ.

"މަށެއް ނޫޅެން ކާން" ނިގާރު ބުންޏެވެ.

ނަހުމާ އާއި ނައިޝަމް އެކަކު އަނެކަކަށް ބަލައިލިއެވެ. ދެން ހިނގާފައި ގޮސް ނިގާރުގެ ފަހަތުން ހުއްޓިއްޖެއެވެ. ނަހުމާ ނިގާރުގެ ގައިގައި ފަހަތުން ބައްދާލިޔަސް ދިމާ ސީދަލަށް ހުރި ކައްޓެއްހެން ނައިޝަމް ހުރީ ކޮޅަށެވެ. ނަހުމާގެ ހުންނަ އެބައެއް ނައިޝަމްގެ ނެތެވެ.

"އަޅެ.... ސޮރީ އޭ މަންމާ. ދެން އެހެނެއްނުވާނެ" ނަހުމާ ބުންޏެވެ.

"މަންމައަށް ހީވަނީ ސޮރީ ބުނަންޖެހޭނީ ހަމައެކަނި ނަހުމާއެއް ނޫންހެން" އިނގިލިތަކުގެ ކޮޅުން މޫނުމަތީގެ މަސްތައް މަސާޖުކުރަން ހުރި ނިގާރު ބުންޏެވެ. އެހިނދު ނަހުމާ ނައިޝަމް އަށް ބަލައިލިއެވެ.

"ސޮ... ސޮރީ ..... މަންމާ" ނައިޝަމް ބުންޏެވެ.

ވަގު ލޮލުން ނައިޝަމްގެ މޫނަށް ނިގާރު ބަލައިލިއެވެ. ނައިޝަމް ހުރި އެހެން ދިމާލެއް ބަލަހައްޓައިގެންނެވެ.

"ދެން އެކުދީންނަށް މައާފްދީބަލަ. ނިގީ ތިހެން ދެރަވެފަ ހުންނާތީއެއް ނޫންތަ އެކުދީން މައާފަށްއެދުނީ؟" ފަހުމީ ބުންޏެވެ.

"އެކުދީން އަބަދުވެސް ކަންކުރަނީ އެހެން" ނިގާރު އައިސް އެނދުގައި އިށީނެވެ.

"ދެން ބުނޭ އޯކޭ އޭ" ނިގާރު ގެ އުނގުގައި ދެއަތް ބާއްވައިގެން ކާޕެޓްމަތީގައި އިށީންނަމުން ނަހުމާ ބުންޏެވެ. ނައިޝަމް ހުރީ ހަމަ ހުރިތަނުގައެވެ.

"ހޫން... އެންމެ ރަނގަޅޭ. ތިގެންނަ އެއްޗެއް ގެނޭ. އެކަމަކު މަށެއް ނުކާނަން. މިހާ ދަންވީމަ ކައިގެން ހަށިގަނޑުގަ ފެޓްސް ގިނަވާނީ. ނަހުމާއަށް އެނގެއެއްނު މަންމަ މިއުޅެނީ ވަރަށް ހަރުކަށި ޑައިޓެއްގަކަން" ނިގާރު ބުންޏެވެ.

ނިގާރުގެ ވާހަކަތައް އަހަން އިން ފަހުމީ ދެފަރާތަށް ބޯހޫރާލިއެވެ.

"ކާކު ބުނީ މަންމަ ހުތުރޭ. މިހާރުވެސް މަންމަ ހީވަނީ އުމުރުން ތިރީސް އަހަރުނުވާ ޅަ ކުއްޖެއްހެން. ކާކު ބުނާނީ މަންމަ ތީ ދަރީން ވިހާފަ ހުރި މީހެކޭ" ނަހުމާ ބުންޏެވެ.

ނިގާރު ގެ މޫނުމަތިން ފޮނި ގޮތެއް ދައްކާލިއެވެ. މީހަކު އޭނާގެ ރީތިކަމަށް ތައުރީފު ކުރުމަށްފަހު ދެން އެމީހަކާ ރުޅިވެގެން އޭނާއަށް ނުހުރެވޭނެއެވެ. ނިދުމާ ހަމައަށް އޭނާގެ ހިތް އޮންނާނީ އުފަލުން ފޮޅިފޮޅި އެވެ. އުފަލާ ހިތްހަމަޖެހުމުގައި ހުވަފެނީ ދުނިޔޭގައި އޭނާ އަށް ވުރެ އުފާވެރި އެއްވެސް މީހަކު ނުހުންނާނެއެވެ. ނިގާރު ގެ ތުންފަތުގައި ދުވެލަ ދުވެލަ ހުރި ހިނިތުންވުން ލޮލުގެ އިޝާރާތުން ފަހުމީ ނަހުމާ އަށް ދައްކާލިއެވެ. އެހިނދު ނަހުމާ އަށް ވެސް ހެވިއްޖެއެވެ.

"މަންމަ ކަހަލަ ރީތި އަންހެނަކު ލިބުނީމަ ނަސީބުގަދައީ ބައްޕައެއްނު. ބައްޕަ ނިކަން ޝުކުރުއަދާކޮށްބަލަ މަންމަ އަށް" ނަހުމާ ބުންޏެވެ.

"ދެން ހެވޭ. ތިގެންނަ އެއްޗެއް ކަލޭމެންގެ ތިންކުދިން ކައިގެން ނިދަން އުޅޭ. މަންމަ މިރޭ ދެން ނުކާނަން" ނިގާރު ބުންޏެވެ.

ނިގާރަށް ޝުކުރުއަދާކޮށްފައި ނަހުމާ އާއި ނައިޝަމް އައީ ކޮޓަރިން ނިކުންނާށެވެ. އެވަގުތު ނިގާރު ގޮވާލީ ނައިޝަމް އަށެވެ.

"ނައި ހީނުކުރައްޗޭ މަންމަ ދަރިފުޅުގެ ކައިވެނީގެ ވާހަކަތައް ނުދައްކާ ހިމޭނުން ހުންނާނޭ" ނިގާރު ބުންޏެވެ.

ނައިޝަމްގެ ނިތްކުރިމައްޗަށް އެހިނދު ރޫތައް ގިނަވެލިއެވެ. ތުންފަތަށް ވެރިވެފައިވި ފަނޑު ހިނިތުންވުން އިހުނަށް ވުރެވެސް ފަނޑުވިއެވެ. އެއްޗެއް ބުނަން އުޅުމުން ހިމޭންވީ ނަހުމާ އަތުގައި ހިފަހައްޓާލުމުންނެވެ.

"ދެން ދޭ އަވަހަށް. ތިކުރާ ކަމެއް ކޮށްގެން ދަރިފުޅުމެން އަވަހަށް ނިދާތި" ދެ ދަރީން ކޮޓަރިން އަވަހަށް ނެރުމުގެ ބޭނުމުގައި ފަހުމީ ބުންޏެވެ.

ކޮޓަރި ދޮރުލައްޕާލާފައި އައިސް ފަހުމީ ހިތްހަމަނުޖެހިފައި ނިގާރަށް ބަލައިލިއެވެ. މާބޮޑު ކަމަކަށް ނިގާރު ނެހެދިއެވެ. މިރޭ ދެން އެއްވެސް މީހަކަށް އޭނާ ރުޅިއަރުވައެއް ނުލެވޭނެއެވެ. އޭނާ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ނިދާ ހެދުމުގެ މަތިން ލައިގެން ހުރި ޖެކެޓް ހަށިގަނޑާ ވަކިކޮށްލުމަށްފަހު އޭނާގެ ހަށިގަނޑަށް ބަލައިލިއެވެ. އޭނާގެ ހިނދި ބަނޑުގައި އަތްޖައްސާލިގޮތަށް މޫނުގައި ދެއަތް އެޅިއެވެ.

"ދަރީންނާ ގުޅުން ވަރުގަދަކޮށް ގޭތެރޭގެ މަސްލަހަތު ހިފަހައްޓަން ނިގި ބޭނުމެއްނުވޭތަ؟ ހެޔޮނުވާނެ ކުޑަދުވަސްކޮޅެއް ވަންދެން ނަމަވެސް ނައިޝަމް ރުޅިއެރުވުން ހުއްޓާލަންވެޖެއްނު. ކީއްތަވާނީ އޭނަ ލޯބިވާގޮތަށް އުޅުނިއްޔާ" ފަހުމީ ބުންޏެވެ.

"ކިރާނުލާތާ މާދަމާ އަށް ހަފްތާއެއް ވާނެ. ވަރަށް ފަތިހާ ހޭލަންޖެހޭނެ" ނިގާރު ބުންޏެވެ.

"ނިގާރަށް އަހަރެން މިދައްކާ ވާހަކަ އެބައިވޭތަ؟ ނޫނީ ނީވޭ ކަމަށް ހަދަނީތަ؟" ފަހުމީ ބުންޏެވެ.

"ހާދަ ހިތްވަރުގަދަ މީހަކަށޭ ދުވަހެއްގެ މައްޗަށް އެތައް ކެލޮރީސް ހަށިގަނޑުން ދުއްވާލެވޭނީ" ނިގާރު ބުންޏެވެ.

ފަހުމީ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ ހަނދާންވިއެވެ. ނިގާރު ގެ ރީތިކަމަށް ނަހުމާ ތައުރީފު ކުރުމުން ދެން މިރޭ އެހެން ކަމެއް ނިގާރު ގެ ސިކުނޑީ ގައި ނޭނބުރޭނެއެވެ. ވާހަކަދެއްކުމަކީ ބޭކާރު ކަމެކެވެ.

****

ގަދަ ނިދީގައި އޮތް ސޮބާހު ލޯ ހުޅުވާފައި ބަލައިލިއެވެ. އޭނާގެ ފޯނަށް ފޯނެއް ނާދެއެވެ. ކައިރީގައޮތް ސަބްރާ އަށް ސޮބާހު ގޮވާލިއެވ.

"ސަބީގެ ފޯނު ކަންނޭނގެ. ބަލާބަލަ" ސައިޑްކަބަޑު މަތީގައި އޮތް ފޯނު ސަބްރާ ނެގިއެވެ.

"ކާކު މިގަޑީގަ ގުޅަނީ؟" ހަލްފާނު އަހާލިއެވެ.

"ހެލީ" ސަބްރާ ބުންޏެވެ.

ސޮބާހު ގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. އޭނާ ފޯނުން ގަޑި ޗެކްކޮށްލިއެވެ. ދޭއް ޖަހައި ބޮޑުވެއްޖެއެވެ. މިފަދަ ދަން ގަޑިއެއްގައި ހެލީން ގެ ފޯނެއް އަންނަންވީ ކީއްވެ ހެއްޔެވެ؟

"ބޮޑުކަމަކު ކަންނޭނގެ. ނަގާބަލަ" ސޮބާހު ބުންޏެވެ.

ސަބްރާގެ މޫނުމަތިން ވެސް ކަންބޮޑުވުމެއް ފެނުނެވެ. ހެލީން އަށް އަނެއްކާ ކަމެއް ވީ ހެއްޔެވެ؟ ކޯލު ކެނޑުމުގެ ކުރިން ނަސީބަކުން އޭނާ ފޯނު ނެގިއެވެ.

"ހެލީ" ސަބްރާ ބުންޏެވެ.

"ކީކޭ...؟ މިގަޑީގަ... އާނ އެބަދަން" ސަބްރާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ.

އެނދުން ފައިބާފައި ނިދާ ހެދުން ސަބްރާ ބަދަލުކޮށްލިއެވެ. ހިތުގައި ސުވާލު އުފެދިފައި އިން ސޮބާހަށް ސަބްރާ ބަލައިލިއެވެ.

"ހެލީ ބޭރުގަ ހުރީ. ވަރަށް ރޮއޭ އެބަ. ސޮއްބެ ނިދާލާ. މިއަންނަނީ" ސަބްރާ ބުންޏެވެ. އޭނާ މަޑުމަޑުން ކޮޓަރި ދޮރުލައްޕާލާފައި ނިކުތެވެ. އެޕާޓުމަޓުންގެ ދޮރުހުޅުވާލުމާއެކު ކުރިމަތީގައި އިސްޖެހިފައި ހުރި ހެލީން އޭނާގެ ލޮލުގައި އަޅައިގަތެވެ. ހެލީންގެ އަތުގައި ސަބްރާ ހިފާލިއެވެ. ސުވާލެއް ކުރުމުގެ ކުރިން އޭނާ ހެލީން ގޭތެރެއަށް ވެއްދިއެވެ. ސޯފާގައި އިށީނދެފައި ވެސް ހެލީން އިނީ ހިމޭނުންނެވެ.

"ތެމި ފޯވެފަ. ވާރޭގަ ޖެހުނީ ދޯ" ސަބްރާ ބުންޏެވެ.

އިރުކޮޅަކުން ސަބްރާ ތުވާއްޔެއް ހިފައިގެން އައިސް ހެލީންގެ ގައި ހިއްކަން ފެށިއެވެ. އަދިވެސް ހެލީން އިނީ ހިމޭނުންނެވެ. ރޮއެފައި ހުރިކަން އޭނާގެ ދެލޮލާއި މޫނުމަތިން ހެކިދެއެވެ. ސަބްރާ ދިއްކޮށްލި ފެން ތަށި ވެސް ހެލީން ދުރުކޮށްލިއެވެ.

"ވަރަށް ބޮޑު ކަމެއް ހިނގައިފިކަން ޔަގީން. ތިހެން އެއްޗެއް ނުބުނެ އިނަސް ނޭނގޭނެ ހެލީ" އޯގާތެރިކަމާއެކު ސަބްރާ ބުންޏެވެ.

"އަހަންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ ސަބީ" ހެލީން ބުންޏެވެ.

"ކިހިނެއްވީ އަނެއްކާ؟ ކިޔާބަލަ. މިގަޑީގަ ހެލީ... ޒަމްރު އަނެއްކާ އަނިޔާކުރީތަ؟" ސަބްރާ ގެ އަޑުގައިވީ ކަންބޮޑުވުމެވެ.

"އެއީ މީހަކު ލޯބިން މަރުވާނޭ ފަދަ މައުސޫމު ކަމެއް ލިބިފައިވި ކުއްޖެއް. އެގޭ މަންމަގެ ހުރި ހަމައެކަނި އަންހެންދަރިފުޅު. އަހަންނަށް... އެކުއްޖާ ސާބިތުކޮށްދިނީ އަހަރެންދެކެ ލޯބިވާ މިންވަރު. މަޝްރޫމް އަށް އެލާޖިކްވާ ވާހަކަ ކީއްވެ ގާޔާ ނުބުނީ؟ އަހަންނަކަށް ނޭނގެ މި ސުވާލު ކުރަން ދެން އެކުއްޖާ އަލުން މިދުނިޔެ އަށް ލޯ ހުޅުވާލާނެ ކަމެއްވެސް" ހުއްޓާނުލާ ހެލީން ރޮމުން ދިޔައެވެ.

"ޔާރައްބީ. މާތްﷲ އެ މައުސޫމު ފުރާނައަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި..." ސަބްރާ އަސަރާއެކު ބުންޏެވެ.

"ހޮސްޕިޓަލު. ވެންޓިލޭޓަރުގަ. ޒަމްރު ހޮސްޕިޓަލުގަ. އޭނަ މަންމަ އަހަރެން ކައިރީގަ އެހި ދެކުދިން ކެއީ ކޯޗެއްހޭ. އަހަރެން ބުނީމަ ފަހުން އެކަކުވެސް ބަހެއްނުބުނެ ހިމޭނުން ތިބީ. އެމީހުން އަހަންނަށް ހާދަ ނަފްރަތެއްކުރާނޭ މިހާރު. ހިތަށް އަރާފާނެ އަހަރެން ގަސްތުގަ ކުރި ކަމެކޭވެސް. އެކުއްޖާ މަރުވެދާނެތީ ހިތް ބިރުގަންނަވަރުން ގޭގަ ނޯވެވިގެން މިއައީ. ހިތަށް އެރީ ހޮސްޕިޓަލަށް ދާން. އެކަމު އެތަނުގަ ޒަމްރު އާ އޭނަ ބައްޕަ އެބަހުރި. އަހަރެން ކިހިނެއް އެމީހުންނާ ކުރިމަތިލާނީ. އެމީހުންނަށް ހީވާނީ އަހަރެން ގަސްތުގަ ކުރި ކަމެކޭ ދޯ. އެކަމު އަހަރެން ސަބީއަށް ދޮގެއް ނަހަދާން. އަހަރެން ތެދަށް މިބުނީ"

ހެލީންގެ ދެލޮލުން ފޭދިފައިވާ ކަރުނަތައް ސަބްރާ ފޮހެދިނެވެ. އެކަކު ނުކުރިޔަސް އޭނާ ހެލީން އަށް އިތުބާރު ކުރާނަމޭ ބުންޏެވެ. އެއްވެސް ކަމެއް ގޯސް ގޮތަކަށް ނުވިސްނާ ގާޔާއަށް ހެޔޮ ދުއާ ކުރުމަށް ސަބްރާ ބުންޏެވެ.

(ނުނިމޭ)