ބުމަރެއްގެން އައި ގާޔާ ގޮނޑިއެއް ދަމާލިގޮތަށް އިށީނދެފައި ގޮނޑީއަށް ދެފައި އަރުވާ ވަށްކޮށްލިއެވެ. ގާޔާ ގެ އެ އަމަލުން ހެލީން އަށް ހެވޭގޮތް ވިއެވެ.
"މިހާރު ދޮންބެދައްތަ އަޅުގަނޑާ ފްރެންޑްވީތަ ތި" މައުސޫމު ގޮތަކަށް ގާޔާ އަހާލިއެވެ.
ހެލީން ބޯޖަހާލިއެވެ. ގާޔާ އަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. އެހިނދު ގާޔާ ހީލިއެވެ. އޭނާގެ ދެ ކޯތާފަތުން ފާޅުވެގެން ދިޔަ އަޑިކޮޅު ހެލީންއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެ އަޑިކޮޅުން އެކަނިވެސް ގާޔާ ގެ ރީތިކަން އިތުރުކޮށްދިނެވެ.
"ގާޔާ ހާދަ ލޯތްބޭ މާޝާﷲ" ހެލީން ބުންޏެވެ.
ގާޔާ ލަދުގަނެފައި ޝުކުރުއަދާކޮށްލިއެވެ.
އެބައަންނަމޭ ކިޔާފައި ދުވެފައި ނިކުމެގެން ގޮސް އިރުކޮޅަކުން އައިސް ވަނެވެ. އޭރު ހެލީން ހުރީ ދެ ތައްޓަށް ނޫޑްލްސް އަޅައިގެން އައިސް މޭޒު ކައިރީގައެވެ.
"މިހިރީ ރެޑީވެފަ" ހެލީން ބުންނެވެ.
"އާނ އަދި ހޫނެއްނު. މިއުޅެނީ އެއްޗެއް ދައްކާލަންވެގެން" އަތުގައި އޮތް ދަބަސް ދައްކާލަމުން ގާޔާ ބުންޏެވެ. ހުދު ކުލައިގެ ހިތްތަކެއް ޖަހާފައިވާ ބޭބީ ޕިންކު ކުލައިގެ ދަބަހެކެވެ.
"ތިއީ ކޯޗެއް" ހެލީން އަހާލިއެވެ. ދަބަސް ހުޅުވާލަމުން ހެލީން އަށް ގާޔާ ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.
ދަބަސް ތެރެއިން ގާޔާ ނެގީ ހަމަ އެކުލައިން ކަރުދާސް ލައްވާފައިވާ ނޯޓު ފޮތެކެވެ.
"ގާޔޫ ވަރަށް ބޭނުން މި ފޮތުގަ ގާޔާ ލިޔެފައިވާ ހުރިހާ އެއްޗެއް ވަރަށް ގިނަމީހުން ކިޔަން. އެކަމު އަދި ފްރެންޑްސް ނޫނީ އެކަކުވެސް ނުކިޔާ. މަންމަ އާ ދޮންބެވެސް އަދި ނުކިޔާ. ބައްޕަ މިފަހަރު އައިމަ އެންމެން އެއްކޮށް ކިޔުއްވަން މިހުންނަނީ. އެކަމު މިފަހަރު ދޮންބެދައްތަ ކިޔާލަން މިދިނީ" ގާޔާ ބުންޏެވެ.
ފޮތް ހުޅުވާލާފައި ހެލީން ކިޔަންފެށިއެވެ. ރަހްމަތްތެރިންނަށް ގާޔާ ހިއްސާކޮށްފައިވާ ވާހަކަތަކެވެ. އޭނާއަށް ދުނިޔޭގައި ހުރި އެންމެ ރީތި ފަހަރި ލިބުނު ވާހަކައެވެ. ފަހަރި އާ އޭނާ ގުޅުން ބާއްވަން ބޭނުންވާ ވާހަކައެވެ. ފަހަރިދެކެ ލޯބިވާ ވާހަކައެވެ. ފަހަރި އާ އެކު އޭނާ ކުރަން ބޭނުންވާ ކަންކަމެވެ. ފަހަރި ގޮވައިގެން ކުރަން އޭނާ ރާވާފައިވާ ރޭވުންތަކެވެ. ރައްޓެހިންގެ ފަހަރިންގެ ވާހަކަދެއްކުމުން އޭނާ ދެރަވާ ވާހަކައެވެ. އެކަމަކު ފަހަރި އަދި އޭނާ އާ ރައްޓެހިނުވާ ވާހަކައެވެ. ފަހަރި ދުރުދުރުން އުޅޭ ވާހަކައެވެ. ފަހަރި އަށް އޭނާ ކަމުނުދާ ވާހަކައެވެ. ކޮންމެ ނަމާދަކަށް ފަހުވެސް ފަހަރި އޭނާ އާ ރައްޓެހިވޭތޯ ދުއާ ކުރާ ވާހަކައެވެ. އެއްދުވަހަކުން ފަހަރި ހުރިހާ ރައްޓެހިންނަށް ދައްކާލަން ގެންދާނެ ވާހަކައެވެ. އެންމެ ފަހަތުގައި ގާޔާ ލިޔެފައި ވަނީ މަންމަ އާ ފަހަރި ރައްޓެހިވި ވާހަކައެވެ. ގާޔާ ދުރުކޮށްލި ވާހަކައެވެ. ފޮތް ކިޔައި ނިންމާލާފައި ހެލީން ގާޔާ އަށް ބަލައިލިއެވެ. އޭނާ ދެރަވިއެވެ. ގާޔާ ކިހާ މައުސޫމު ހެއްޔެވެ؟ އެ މައުސޫމު ފުރާނައިގެ ޅަ ހިތުގައި އޭނާއަށްޓަކައި ފޮރުވިފައި އޮތް ލޯބި ފެނުމުން ހިތަށް ތަދުވެލިއެވެ. ގާޔާ އާ ބެހެއްޓުނު ދުރުކަން މިއަދު އޭނާ ދެރަކޮށްލައިފިއެވެ. ޒަމްރުދެކެ ހިތްހަމަނުޖެހުނުވަރުން އޭނާ އަށް ކުށެއްނެތް އެތައް ބައެއް ދުރުކޮށްލެވިއްޖެކަމުގެ އިހުސާސް ކުރުވިއެވެ.
"ގާޔާ ފަހަރިދެކެ ހަމަ އެހާ ލޯބިވޭތަ؟" ހެލީން އަހާލިއެވެ. ހީލަމުން ގާޔާ ބޯޖަހާލިއެވެ.
"އަނެއް ގަނޑުގަ ކޯޗެއް ލިޔުނީ. ވަރަށް ބަލާހިއްވެއްޖެ” ހެލީން ބުންޏެވެ.
އާ ގަނޑު ނޭއްލަން ގާޔާ އުޅުނެވެ. އެހެންނަމަވެސް ހެލީން ކުރުނުކުރުމުން އޭނާ ގަނޑު އެއްލިއެވެ. ފުރަތަމަވެސް ހެލީން އަށް ފެނުނީ ރޮވިފައިވާ މޫނެއް ކުރަހާފައި ހުރި ތަނެވެ. ދެން އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުންކޮޅެވެ. އޭނާ ފުރާނަ ފަދައިން ލޯބިވާ ފަހަރި އޭނަދެކެ ރުޅިއަންނަ ވާހަކައެވެ. ސަބަބު އޭނާއަށް ނޭނގޭ ވާހަކައެވެ. ފަހަރި ވާހަކަނުދައްކާތީ އޭނާ ދެރަވެ ރޮވޭ ވާހަކައެވެ. ގޭ އެންމެންވެސް ފަހަރިދެކެ ލޯބިވާ ވާހަކައެވެ. ފަހަރި އޭނާ އާ ވާހަކަދައްކާނެ ދުވަހަކަށް އިންތިޒާރުގައި ހުރި ވާހަކައެވެ. ފަހަރި އޭނާ އާ އެކު މޭޒު ކައިރީގައި ކާން ނީންނަ ވާހަކައެވެ. ފަހު ވާހަކައަކަށް ލިޔެފައި އޮތީ ފަހަރި އޭނާދެކެ ރުޅިއަންނަނީ ދޮންބެ ސަބަބުން ހީވާ ކަމަށެވެ. އެކަމަކު އޭނާ ދުރުކޮށްފައި މަންމަ އާ ފްރެނޑްވީތީ އޭނާގެ ހިތް ހަލާކުވި ވާހަކައެވެ.
ފޮތުގައިވާ ލިޔުންތައް ކިޔާލާފައި ހެލީންއަށް ރޮވުނެވެ. ޖަޒުބާތީވެވުނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނާއަށް ވުރެ އެތައް ތަނެއް އުމުރުން ހަގު ކުއްޖަކު އޭނާދެކެ ވާ ލޯބި ފެނުމުން އަމިއްލަ ނަފްސަށް ލަދުގަތެވެ. ހަގީގަތުގައިވެސް ޒަމްރުއަށް ކުރެވުނު ނަފްރަތު ކުށެއްނެތް އެ މައުސޫމު އަންހެންކުއްޖާ އަށް ބޭލުނީތީ އޭނާ ދެރަވިއެވެ.
"ސޮރީ. އޭރު ދޮންބެދައްތަ އުޅުނީ ކުޑަކޮށް ބަލިކޮށް. އެހެންވެ އެހެން އުޅެވުނީ. ދެން އެހެން ނުވާނެ. އައި ޕްރޮމިސް"
ގާޔާގެ މޫނުގައި ހެލީން ފިރުމާލިއެވެ. ނިތްކުރި ކައިރިއަށް ވެއްޓިފައިވާ އިސްތަށިކޮޅު ގެންގޮސް ކަންފަތް ބިއްދޮށަށް ލައްވާލިއެވެ. ގާޔަގެ ގައިގައި ބައްދާލިއެވެ. މަޑު ހެވާކޮޅެއް ފަދަ ފިނިފިނި ގާޔާގެ ދެއަތްތިލައިގައި ހިފަހައްޓާލިއެވެ.
"ދޮންބެދައްތަގެ ހުރިހާ ވަގުތެއް ހެލީ އަށް ހުސްކޮށްފިން" ހެލީން ބުންޏެވެ.
ގާޔާ ހީލިއެވެ. ދެލޮލުން ކަރުނަ ނީރާލާ މިންވަރަށް އޭނާ ހިތްހަމަޖެހުނެވެ.
ދަބަހުގެ ތެރެއަށް ނޯޓު ފޮތް ކޮށްޕާލާފައި ޖެހިގެން ހުރި ގޮނޑި މަތީގައި ބޭއްވިއެވެ. އާވި އަރަމުން ދިޔަ ނޫޑްލްސް ތައްޓަށް ގާޔާ ބަލައިލިއެވެ. ވަސްގަނޑު ރަނގަޅެވެ. ހުރީ ވެސް ކުޅުދިޔާވާކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ކާން ގާޔާ ފަސްޖެހުނެވެ. ވާނެގޮތެއް ނޭނގޭތީއެވެ.
"މީރުވާނެއޭ. ކާލަބަލަ" ގާޔާ އިންގޮތުން ހެލީން ބުންޏެވެ.
ގާޔާ އެއް ސަމްސާ ކާލިއެވެ. ވަރަށް މީރޭ ބުނެ ބޮޑުވައި އިނގިލިން ކޮށްލި އިޝާރާތަކާއެކު އޭނާ ނޫޑްލްސް ތައްޓަށް ބަލައިލިއެވެ. ގާޔާގެ މޫނުމަތިން ފެނުނު ޖެހިލުންވުމުގެ އަސަރުތައް ހެލީން އަށް ނުފެނެއެވެ.
"މާދަމާ ގޭގަ ބައްޕަގެ އުފަންދުވަސް ފާހަގަކުރާނެ. ކޭކު އަޅަނީ މަންމަ. މަންމަ ވަރަށް މޮޅުވާނެ އެކަން ކުރަން. އެންމެން ބައްޕައަށް ގިފްޓު ދޭނެ. އަޅުގަނޑވެސް މިރޭ ގިފްޓު ގަންދަންދާން ކިޔައިގެން މިއުޅެނީ. ދޮންބެދައްތަވެސް ދާންވާނެ. ދެކުދިން އެކަނި ބޭރުގަ އުޅެލަން ވަރަށް މަޖާވާނެއްނު" ގާޔާ ބުންޏެވެ.
ހެލީން ގަޔައެއް ނުވިއެވެ. އެހިނދުކޮޅުގައި އޭނާގެ ހިތަށް ވިސްނައިދިނީ އެކަމަކީ އޭނާއަށް މުހިންމު ކަމެއް ނޫންކަމެވެ. އެހެންނަމަވަސް ގާޔާގެ އުފަލަށްޓަކައި އޭނާ ބޯޖަހާލިއެވެ.
****
ވިޔަފާރިކޮށް ނިމުމުން މާޔޫން ގޮވައިގެން ޒަމްރު ވަނީ ރެސްޓޯރެންޓަކަށެވެ. އެއީ އޭނާގެ އާދައެވެ. މަންމަ ގޮވައިގެން ވިޔަފާރިކޮށްލުމަށްފަހު ފިނި އެއްޗަކުން ޝޮޕިންގ ނިންމާލުމަކީ އޭނާ އެންމެ އުފާވާ ކަމެވެ. ބައެއްފަހަރު މުޅި އާއިލާ ގޮވައިގެންވެސް އޭނާ ނިކުމެއެވެ. އެހެންނަމަވެސް މުޅި އާއިލާ ގޮވައިގެން އޭނާ އަށް ބޭރުން ކައި ނުލެވޭތާ ކައިވެންޏަށް ވީ ދުވަހެއް ވެއްޖެއެވެ. ހެލީން ގަޔާނުވާނެކަން އެނގޭތީ އޭނާ އެކަމާ ނުވެސް އުޅެއެވެ.
"ގާޔޫ އަށް އެއްޗެއް ހިފައިން ދޯ ދާނީ" ގޮނޑީގައި އިށިންގޮތަށް ލައިގެން ހުރި އަތްދިގު ނޫ ކުލައިގެ ޓީޝާޓުގެ އަތްކުރި މައްޗަށް ޖައްސައިލަމުން ޒަމްރު ބުންޏެވެ.
ފޯނަށް ބަލަހައްޓައިގެން އިން މާޔޫންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ވަގުތުން އޭނާގެ ނަފްސަށް ވެރިވެފައިވި ވަރުބަލިކަން މުޅިންހެން ކެނޑިއްޖެއެވެ. ބޮލުން ހީވީ ބުރައެއް ނެއްޓިގެން ދިޔަހެންނެވެ. ޒަމްރުގެ މޫނަށް އޭނާ އަށް ބަލައިލެވުނީވެސް ހިނިތުންވަމުންނެވެ.
"މަންމައަކަށް ހިއެއްނުވޭ ޕިއްޒާ ގެންދިޔަސް މިރޭ ގާޔޫ ކާނެހެނެއް" ހީލަމުން މާޔޫން ބުންޏެވެ.
"ޕިއްޒާ ނުކައި ނުހުންނާނެން ޔަގީން" ޒަމްރު ބުންޏެވެ.
"ބަލާބަ މިތިބީ ކޮންބައެއް" މާޔޫން ބުންޏެވެ.
މާޔޫން ދިއްކޮށްލި ފޯނަށް ޒަމްރު ބަލައިލިއެވެ. ގާޔާ ގެ ނަންބަރުން ފޮނުވާފައި ހުރި ފޮޓޯތަކެވެ. އުނދުން ކައިރީގައި ހެލީން ކައްކަން ހުއްޓައެވެ. ބައެއް ފޮޓޯތަކުގައި ހެލީންގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ބޭއޮހްތިޔާރުގައި ޒަމްރުގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެންމެ ފަހަތަށް އިނީ ގާޔާ ފޮނުވާފައި ހެލީން އާއެކު ނަގާފައި އިން ސެލްފީއެކެވެ. އޭގެ ކެޕްޝަނުގައި ލިޔެލާފައި އިނީ އޭނާ މިހާތަނަށް އެންމެ ކާހިތުން ކާ ނޫޑްލްސް ކާ ވާހަކައެވެ. ފަހަރި އަކީ އެންމެ ބެސްޓް އޭ ލިޔެލާފައިވެސް އިނެވެ. މަންމަ އާއި ދޮންބެ ކިތަންމެ ލަހުން އަޔަސް ގާޔާ އަށް މައްސަލައެއްނެތް ކަމުގައި ބުނެފައި އިނެވެ.
ޒަމްރު ހީލީ އަޑު އިވުނެވެ. އެކަން ވެގެން ދިޔައީ މާޔޫން ގެ ހިތަށް ހިތްހަމަޖެހުން ގެނުވި ކަމަކަށެވެ.
"ވަރަށް އުފާވެއްޖެ" މާޔޫން އަތަށް ފޯނު ދިއްކޮށްލަމުން ޒަމްރު ބުންޏެވެ.
"ކޮންމެ ކަމަކަށްވެސް ވަގުތު ބޭނުންވާނެ. އެކަމެއް ވާން އޮންނަ އެންމެ ރަނގަޅު ވަގުތުގައި އެކަމެއް ވާނީ. މަންމަ ކުރިން މިކަން ކުރަން އުޅުނު ނަމަ ހެލީގެ ހިތް މާކުރިން ރުއްސުނީސް. ހަގީގަތަކީ ހެލީން އަކީ ވަރަށް ނާޒުކު ހިތެއްގެ ވެރި އަންހެން ކުއްޖެއް. އެހިތާ ކައިރިވީމަ ނޫނީ އެކަން އެކަކަށްވެސް ނޭނގޭނެ" މާޔޫން ބުންޏެވެ.
"ހިތަށް އަރަނީ އަޅުގަނޑުގެ އިންތިޒާރަށް ނިމުން އަންނާނީ ކޮންއިރަކުބާއޭ" ޒަމްރު ބުންޏެވެ.
ޒަމްރުގެ މޫނަށް މާޔޫން ބަލައިލީ މާޔުސީ ބެލުމަކުންނެވެ. ޒަމްރުގެ ހިތަށް ވާނެ ތަދު އޭނާއަށް އަންދާޒާ ކުރެވެއެވެ.
"ބޮޑެތި ކަންތައްތައް ވާނީ ލަހުން" މާޔޫން ބުންޏެވެ.
"މަންމަ އަބަދުވެސް ޒަންމުއަށް އަށް ދޭނީ ހެޔޮ ނަސޭހަތް. މަންމަ ބުނާ ގޮތަށް ކަންތައްކޮށްފިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ. ފުރަތަމަ ކަމަކީ އެއްވެސް ކަމެއްގައި އަވަސް އަރުވާލައިގެން ނުވާނެ. ހެލީނު އަށް އެއްވެސް ކަމަކަށް މަޖުބޫރުކޮށްގެން ނުވާނެ. ހެލީންގެ ފުރިހަމަ މިނިވަންކަމާއެކު ކޮޓަރީގަ އުޅެވެންވާނެ. ޒަންމު ބަދަލުވޭ ޖެހިގެން ހުރި ކޮޓަރިއަށް" މާޔޫން ވާހަކަދެއްކިއެވެ.
"ކީއްވެ ޖެހިގެން ހުރި ކޮޓަރިއަށް" ޒަމްރު އަހާލިއެވެ.
"ތިގޮތަށް ކަންތައްކުރީމަ ހެލީން ދާނީ އަޅުގަނޑާ ދުރަކަށްނު"
"ހެލީނު އަށް ސާބިތުކޮށްދޭން ތިމަންނައަކީ ކެތްތެރި ފިރިއެއްކަން" މާޔޫން ބުންޏެވެ.
"ނޯކަރެއްގެ އެއްވެސް އެހީތެރިކަމެއް ހެލީނު ބޭނުމެއްނުވޭ. ހެލީން ލޯބިކުރަނީ އާދައިގެ ދިރިއުޅުމަކަށް. މަންމަ ހުރިހާ ނޯކަރުންނަށް އަންގައިފިން ހެލީން ފަހަތުން މެއްސެއްހެން ނޭނބުރެން. އޭނަ އަމިއްލަ މިނިވަންކަމުގަ ބަދިގޭގަ މިރޭވެސް އެ އުޅުނީނު. ހެލީން އަކީ ތަފާތު އަންހެންކުއްޖެއް. ސާދާ ގޮތެއް ހުންނަ މުރާލި ކުއްޖެއް. މަންމައަށް އެކަން ފެނިއްޖެ" މާޔޫން ވާހަކަދެއްކިއެވެ.
"ތިކަން އިހުސާސްވޭ. އެކަމަކު ހިތް ބިރުގަނޭ. މިއަދު ނޫނީ މާދަމާ ކަންނޭނގެ މިނިވަންވާން ހެލީ ތެޅިގަންނާނީ. އެދުވަހަކުން އަޅުގަނޑަކަށް ހެލީ ދޫކޮށެއް ނުލެވޭނެ. އެދުވަހަކުން އަޅުގަނޑަށްވެސް ދެއްކޭނީ ހަރުކަށިކަން ނޭނގެ. ދެރަވޭ މިހެން ބުނަންވެސް. އެކަމަކުވެސް... މަންމައަށް އެނގެއެއްނު ހެލީ އަކީ އަޅުގަނޑުގެ ކުޑައިރުގެ ލޯބި ކަން" ޒަމްރު ބުންޏެވެ.
"މަންމައަށް އެނގޭ. އެކަމަކު ހެލީ ކީއްވެ މިނިވަންވާން ތެޅިގަންނަންވީ. ހެލީ ލޯބިވާ މީހަކު ހުރީތަ؟ އެހެން ބުނިތަ؟" މާޔޫން ބުންޏެވެ.
"ނުބުނޭ. އެކަމަކު ނެތް ކަމެއްވެސް ނޭނގޭ. ފަހަރެއްގަ.... ފަހަރެއްގަ ހެލީ ގެ އުޅެދާނެއްނު" ޒަމްރު ބުންޏެވެ.
"ކައިވެނިކުރި ދުވަހު އެ އައި ޒުވާނާއަކީ އަނެއްކާ ހެލީން ގެ ލޯބިވެރިޔާ ނޫންބާ؟ މާޔޫންގެ ސިކުނޑީގެ ކަނެއްގައި އެދުވަހުގެ މަންޒަރުތައް ރޯލުވާން ފެށިއެވެ.
"ހިއެއްނުވޭ. ނޭނގޭ ކޮންތާކުން އައި ނަގޫ ރޯޅިއެއް ކަމެއް އެއީ. އެއީ ހެލީ އާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން. މަންމަ ނުދެކެންތަ ހެލީ ބިރުން އަހަރެންގެ ދެއަތުގެ ތެރެއަށް ވަތް ތަނެއް. އެހެންނޫނަސް ސާލިމްބެ އާ ޒުނީއްތަ ބުންޏެއްނު ހެލީ އާ ހެދިގެން އުޅޭ ސިކުނޑި ހަމަނުޖެހޭ މީހެކޭ އެއީ. ޒަމްރު ބުންޏެވެ.
"އާނ ބުނި ޒުނީނު" މާޔޫން ބުންޏެވެ.
"ދެން ގޯސްގޮތަކަށް ނުވިސްނަމާ. ދަރިފުޅު ކައިރިން ވަރިވާން ހެލީ ތެޅިގަންނާނެ ދުވަހެއް ނާންނާނެ. ﷲ އިރާދަކުރެއްވިއްޔާ އޭގެކުރިން ހެލީގެ ހިތް ދަރިފުޅުގެ މައްޗަށް ސާފުވާނެ. މަންމަ ދުއާކޮށްދޭނަން" މާޔޫން ބުންޏެވެ.
މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން މާޔޫން ބަލައިލިއެވެ. ޝައިލީ އަކީ ގޭގައި ގާޔާ ގެ ކަންތަކަށް ހާއްސަވެފައި ހުންނަ ނޯކަރެވެ. މިނޫނީ ޝައިލީ އޭނާ ބޭރުގައި އުޅެނިކޮށް ގުޅާފައެއް ނެތެވެ. މާޔޫން ގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ހިނގާލިއެވެ.
"ގާޔޫ ގެ ކަންކަމާ ހަވާލުވެހުރި ކުއްޖާ ދޯ. ކީއްކުރަން އެގުޅަނީ؟" ޒަމްރު ބުންޏެވެ.
****
ނައިޝަމްގެ ކޮޓަރި ދޮރާ ހަމަވިއިރު ދޮރު ހުރީ އެއްކޮށް ނުލެއްޕިއެވެ. ނަހުމާ ބޭރުގައި ހުރެފައި ގޮވާލިއެވެ. އެތެރެއަށް އެބަވަންނަމޭ ބުނެފައި އޭނާ އެތެރެއަށް ދޮރު ހުޅުވާލިއެވެ. ކޮޓަރި ތެރެއިން ނައިޝަމް ފެންނާކަށް ނެތެވެ. ފާހާނައިގަ ނައިޝަމް އުޅޭކަން އަންގައިދިނީ އެއްފަހަރު ނައިޝަމް ކަރުކެހިލި އަޑު އިވުމުންނެވެ. ނަހުމާ ހުއްޓުނީ ނައިޝަމްގެ ކުރަހާ ހަރުގަނޑު ކައިރީގައެވެ. ނައިޝަމްގެ ހުނަރުވެރިކަމަށް އޭނާ ހިތާހިތުން ތައުރީފުކޮށްލިއެވެ. އެނދުމަތީގައި އޮތް ކެމެރާ ނަހުމާގެ ލޮލުގައި އަޅައިގަތެވެ. މިއަދު ނައިޝަމް ބޭރަށް ދިޔައީ ކެމެރާ ހިފައިގެންނެވެ. ދިޔައީ ކޮންތަނަކަށްކަން ނޭނގުނު ނަމަވެސް ބޭރުގައި އުޅުނީ ކީއްވެގެންކަން ނަހުމާ އަށް ސާފުވިއެވެ. ނަގާފައި ހުރި ފޮޓޯތައް ބަލައިލަން ނަހުމާ އުޅުނު ވަގުތު ނައިޝަމް ކޮޓަރިން ނިކުތެވެ. އެނދުގައި އިށީނދެގެން އިން ނަހުމާ ފެނުމުން ނައިޝަމް ހީލިއެވެ. ކެމެރާ ނަގައިގެން އައިސް އޭނާ ނަހުމާ ގެ ގާތުގައި އިށީނެވެ.
"މިއަދު ނެގި ފޮޓޯތައް. ތަފާތު ދޯ" ނެގި ފޮޓޯތައް ނައިޝަމް ނަހުމާ އަށް ދެއްކިއެވެ. މުޅިންވެސް ގުދުރަތުގެ ރީތި މަންޒަރުތަކެވެ. ތަފާތު ފޮޓޯއަކަށް އުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނެއްގެ ފޮޓޯ އިނެވެ. ކްލޯޒްއަޕް ކޮށް ނަގާފައި އިން އެ ފޮޓޯ ވީ ނަހުމާ އަށް އެންމެ ކަމުދިޔަ ފޮޓޯއަށެވެ.
"ތަންކޮޅެއް ޕްރޮފެޝަނަލްކޮށް މިކަމާ ނައި އުޅެން ދޮންތަ އަށް ފެންނަނީ" ނަހުމާ ބުންޏެވެ.
"އެބަ ވިސްނަން. ޑްރީމް އެއް އެއީ. ހެލީ ވެސް ބުނާނެ އަބަދު ދޮންތަ ތިބުނާހެން" ނައިޝަމް ބުންޏެވެ.
"ކޮންކަމެއް އޮތީ؟" ނަހުމާ ބުންޏެވެ.
"އޮފީހަށް ވަދެލަން ދާން އުޅުނީ. އެކަމު މިހާރު ވިސްނުން ބަދަލުވެއްޖެ. މި ޓައިމް ދޮންތައަށް މިދިނީ" ނައިޝަމް ބުންޏެވެ.
ނަހުމާ ބަލައިލިއިރު ނައިޝަމް އިނީ ހިނިއައިސްފައެވެ. މިއީ މަދުން ނައިޝަމްގެ ފަރާތުން ފެންނަ ކަމެކެވެ. ވަރަށް އަމާން އޮމާންކޮށް ނައިޝަމްގެ ހަޔާތުން ހަފްތާއެއްގެ މުއްދަތު ފާއިތުވެއްޖެއެވެ. އެގޮތަށް ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ނައިޝަމްގެ ސިކުނޑިއަށް ލިބޭ ތާޒާ ކަމެކެވެ.
"ވިސްނަނީ ޑަމްޕްލިންގްސް އޯޑަރުކުރަން" ނަހުމާ ބުންޏެވެ.
"މީރު އެއްޗެއް" ނައިޝަމް ބުންޏެވެ.
"ކުރަނީ އެހެންވީމަ" ނަހުމާ ބުންޏެވެ.
"ނާމީ ކައިރީގަ ނުބުނަންތަ؟" ނައިޝަމް ބުންޏެވެ.
"ބުނިން. ބުނީ ނައި ވެސް ބައިވެރިވަންޏާ އޭ ބައިވެރިވާނީ. އެބައޮތް ސީރީޒް ބަލަން ކޮޓަރީގަ. އެތަނަށް ވަނީމަ ދޮންތަ އަށް ހީވީ ސިނަމާ އަކަށް ވަދެވުނުހެން" ހީލަމުން ނަހުމާ ބުންޏެވެ.
"އެކަމު އޭގެކުރިން އެބަޖެހޭ މަންމަ ސެޓުކުރަން" ނަހުމާ ބުންޏެވެ.
ނައިޝަމްގެ މޫނުމަތިން ގަޔާނުވާކަމުގެ އަސަރެއް ފެނިލިއެވެ. ނަހުމާ ހީލިއެވެ. ނައިޝަމްގެ ފައި މަތީގައި އަތް ބޭއްވިއެވެ.
"އެއީ މަންމަ. ބައެއްފަހަރު ދަރީންނާ ދިމާލަށް ނުރުހިފައިވެސް އެއްޗެހި ބުނާނެ. ހަގީގަތަކީ އަހަރެމެން ތިންބެއިން ދެކެވެސް މަންމަ ލޯބިވޭ. އެދުވަހުގެ ފަހުން ދޮންތަ އަކާވެސް މަންމަ އަނގައިން ނުބުނޭ. ދޮންތަ އެއްޗެއް ބުނިއްޔާ ނޫނީ ބަލައިވެސްނުލާ. އަހަރެމެންނަކީ ދަރީންނަށް ވިއިރު ގޮތްދޫކުރަންޖެހޭ ބަޔަކީ އަހަރެމެން. މަންމަ އަހަރެމެންނަށްޓަކައި ވި ގުރުބާނީ ހަނދާންކުރަންޖެހޭނެ ބަޔަކީ ހަމަ އަހަރެމެން. ނައި ގަބޫލެއްނުކުރަންތަ އަހަރެމެން ދެމީހުންވެސް އެގޮތަށް މަންމަ އާ ވާހަކަދައްކަން ނުޖެހޭނެ ކަމަކަށް" ނަހުމާ ވާހަކަދެއްކިއެވެ.
"ކ.ތުލުސްދޫ ގަ ވެސް އެބައިން އަހަރެމެންގެ މީހެއް. ދޮންތަ ހަނދާން އެބަހުރިތަ؟" ނައިޝަމް ބުންޏެވެ.
"އެބައިން. ކިހިނެއް ހަނދާންނެތޭނީ؟ ﷲ އިރާދަކުރެއްވިއްޔާ ސާފު ހުދު ގަނޑެއްހާ ލޯބި ގުޅުމެއް އެއީ. އޭގައި ހައްލުކުރަންޖެހޭ މައްސަލައެއްނެތް. މިދައްކަނީ މިތަނުގެ ވާހަކަ. މަންމަގެ ހިތް ރުއްސަންޖެހޭ ވާހަކަ" ނަހުމާ ވާހަކަދެއްކިއެވެ.
ނަހުމާގެ ވާހަކަތައް އަހަން ނައިޝަމް އިނީ ހަރަކާތް ހުއްޓިފައިވާ ބުދެއް ހެންނެވެ. އޭނާގެ ސިކުނޑިއަށް ނަހުމާގެ ވާހަކަތަކުން އަސަރުކޮށްފިއެވެ. މަންމަ އާ އެދުވަހު ވާހަކަދެއްކުނީ ރަނގަޅަކަށް ނޫންކަން ހުދު އޭނާ ވެސް ގަބޫލުކުރެއެވެ. މައާފަށްއެދެންވެސް އޭނަ ބޭނުންވެއެވެ. އެހެންނަމަވެސް އަނެއްކާވެސް އެވާހަކަތައް މަންމަ ތަކުރާރުކޮށްފިއްޔާ ހަމަ ނިކުންނާނީ އެއް ނަތީޖާއެކެވެ. އޭނާގެ އަމިއްލަ ނަފްސަށް ހުދު އޭނާއަށް އިތުބާރެއް ނެތެވެ.
"ދެން މަންމަ ސެޓުކުރަން ކީއްކުރަންވީ؟" ނައިޝަމް އަހާލިއެވެ.
(ނުނިމޭ)
އިހުތިޔާރެއް ނެތޭ ހިތަކަށް ހުވާ
ޒަމްރުދެކެ ހެލީންއަދިލޯބިވާނެ މިގޮތަށްއަންހެންކުއްޖާޔަށް މަޖުބޫރުކޮށްގެންކުރާ ކައިވެނިތަކުގަވެފައެބަހުރި ފިރިހެންކުއްޖާކެތްތެރިނަމަ އެހެންނޫންނަމަ ޒާރާ ވާހަކައިގަ ޒާރާއެއް އިމްރާންދެކެ ލޯތްބެއްނުވީސް ވަރަށްރީތިމިބައިވެސް މާށާﷲ
ފާތު - 1 އަހަރު ކުރިން