އިސްރާއީލުން އިންޒާރު ދިނަސް އަމާން ނުދޭނެ ކަމަށް ހިޒްބުﷲ އިން ބުނެފިއެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ މިލިޓަރީ ގުރޫޕް ހިޒްބުﷲގެ ލީޑަރު ނައިމް ގައްސާމް ލުބުނާނުގެ ޓީވީ މެދުވެރިކޮށް އާންމުންނަށް ދިން މެސެޖެއްގައި ބުނީ އިސްރާއީލުން ދެމުންދާ އިންޒާރަށް ހިޒްބުﷲ އިން އަމާން ނުދޭނެ ކަމަށާއި އެމީހުންގެ ކުރިމަތީގައި ހަތިޔާރުވެސް ނުބަހައްޓާނެ ކަމަށެވެ.

ނައިމް ގައްސާމް މިހެން ބުނެފައިވާއިރު އެމެރިކާގެ ހާއްސަ އެންވޯއީއެއް މިއަދުގެ ވަގުތެއްގައި ލުބުނާނަށް ޒިޔާރަތްކޮށް ލުބުނާނުގެ ސަރުކާރާއެކު މަޝްވަރާތައް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އޮފިޝަލުން ބުނެފައިވާގޮތުގައި އެ މަޝްވަރާތަކުގައި ލުބުނާނުގެ ސަރުކާރުން މި އަހަރު ނިމުމުގެ ކުރިން ހިޒްބުﷲ ނައްތާލުމަށް އެދޭނެ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ދިން ހަމަލާއެއްގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އަވަހާރަކޮށްލާފައިވާ ހިޒްބުﷲގެ ކުރީގެ ލީޑަރު ހަސަން ނަސްރުﷲ އަށް ފަހު ހިޒްބުﷲގެ ލީޑަރުކަމާ ހަވާލުވެފައިވާ ނައިމް ގައްސާމްގެ ބެލުމުގެ ދަށުން ވަނީ އިސްރާއީލަށް ގިނަ ހަމަލާތަކެއް ދީފައެވެ.

ގައްސާމް ވަނީ އިސްރާއީލުން ހަމަލާ ބަދަލުކުރުން ހުއްޓާލަން ބޭނުން ނަމާ ގާޒާގައި ހިންގަމުންގެންދާ އަމަލުތައް ހުއްޓާލައި އިސްރާއީލުގެ ސިފައިން ގާޒާ ދޫކޮށްލަން ޖެހޭނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން އިސްރާއީލުން ހައްޔަރުކޮށްފައިވާ ލުބުނާނުގެ އެންމެން ދޫކޮށްލަން ޖެހޭނެކަމަށް ގައްސާމް ވަނީ ބުނެފައެވެ.