ޓޫރިޒަމްގެ ބޭނުމަށް ނ. ފަރުމުލި ތަރައްގީކުރުމަށްޓަކައި، އެ ރަށް އެ އަތޮޅުގެ މާފަރުގެ އިހުތިސޯސުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ވަނީ މިދިޔަ އަހަރުގެ އޭޕްރީލް 15 ގައި ނެރުއްވި ގަރާރަކުން "ފަރުމުލި" އާއި "ކަނޑިންމާހުރާ" އަކީ އެ އަތޮޅުގެ މާފަރުގެ ބައެއްގެގޮތުގައި ކަނޑައަޅުއްވައިފައެވެ.

ރައީސް މިއަދު ނެރުއްވި ގަރާރުން "ފަރުމުލި" އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ އެއާއެކު، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަން ނިންމާފައިވާ ރަށެއްގެ ގޮތުގައި "ފަރުމުލި" ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެ ގަރާރު އެކަށައެޅުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ރައީސްގެ ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ޓޫރިޒަމްގެ ބޭނުމަށް ފަރުމުލި ތަރައްގީކުރުމަށްޓަކައި، އެ ރަށް އެ އަތޮޅުގެ މާފަރުގެ އިހުތިސޯސުން ވަކިކުރުމަށް ރައީސް ނިންމެވި އިރު، ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ނ. އަތޮޅަށް މާދަމާ ފުރާވަޑައިގަންނަވާނެއެވެ. އެ މަނިކުފާނުގެ އެ ދަތުރުފުޅުގެ ތެރެއިން މާފަރު އެއާޕޯޓަށް ބޮޑުކުރި ބައި ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުރުން ވެސް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ވަޑައިގަންނަވާނެއެވެ.