ރާއްޖޭގެ 55 ރަށެއްގައި ކައުންސިލުގެ އާ އިމާރާތް ހެދުމަށް މެލޭޝިއާގެ ކުންފުންޏަކާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، ދިވެހި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކައުންސިލުތަކުގެ އާ އިމާރާތްތައް ހެދުމުގެ މަސައްކަތުގެ ދަށުން 55 ކައުންސިލެއްގެ އާ އިމާރާތް ހަދަން މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާ ސަރުކާރުން ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގެ 20 ގައެވެ.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 55 ކައުންސިލް އިމާރާތް ހެދުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ އެއީ ކައުންސިލުތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށެވެ. އަދި އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މި މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވެފައިވަނީ، އެއްބަސްވުމުގެ ދަށުން 55 ކައުންސިލް އިދާރާ ފަރުނީޗަރާއެކު ގާއިމުކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި ދެ ބުރިއަށް އިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނޭ ކަމަށެވެ. އަދި އެއީ 36 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި އަދި އެއް ބުރީގެ އިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެއެވެ.
އާދަމް ޝަރީފް ވިދާޅުވެފައިވަނީ އެ 55 ކައުންސިލްގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިތުރު 50 ކައުންސިލް އިދާރާ ހެދުމުގެ މަޝްރޫއެއް އިއުލާނުކުރައްވާފައި ކަމަށާއި ޗައިނާގެ އެހީގައި ހަދާ އެ ކައުންސިލް އިދާރާތަކުގެ އަމަލީ މަސައްކަތް ވެސް މިއަހަރު ފެށޭނެ ކަމަށެވެ. އަދި އެ ދެ މަޝްރޫއު ނިމޭ އިރު، ރައީސްގެ ޒައާމަތުގައި ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ 71 އިންސައްތަ މުޅިން އާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން 100 ރަށެއްގެ ކައުންސިލުގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ފެށޭނެކަން އިއުލާންކުރައްވައިފައެވެ.
"އަޅުގަނޑުމެން މިހާރު ދެ މަޝްރޫއެއް މި ހިންގަނީ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ރަށުގެ ކައުންސިލް އިމާރާތް އަންނަ އަހަރު [2025]ގައި އަޅައިދޭނަން. އަނެއް މަޝްރޫއުއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، ސަރުކާރުން އެ އޮންނަ އުސޫލަކުން ޕޭކުރާ ގޮތަށް އަދި އިތުރު 50 ރަށް. އެހެންވީމަ ޖުމުލަ 100 ރަށުގެ ކައުންސިލް އިމާރާތް އަންނަ އަހަރު [2025]ގައި އަޅަން ފަށާނަން،" އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވެއެވެ.
އެ ޖަލްސާގައި ރައީސް ވަނީ، މި ދައުރުގެ ތެރޭގައި އެ އިމާރާތްތަކުގެ މަސައްކަތް ނިންމަވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް