ގޫގުލް ފޯނުގެ ހިދުމަތް ބޭނުންކުރާ ބަޔަކަށް، 314 މިލިއަން ޑޮލަރު ދައްކަން ގޫގުލްގެ މައްޗަށް ހުކުމެ ކޮށްފި އެވެ. މި ހުކުމް ކޮށްފައި ވަނީ ކެލިފޯނިއާގެ ޖުރީންނެވެ.

މި ފައިސާ ދޭން ޖެހިފައިވަނީ އެ ސްޓޭޓްގައި އެންޑްރޮއިޑް ބޭނުންކުރާ ގާތްގަނޑަކަށް 14 މިލިއަން މީހުންނަށެވެ. މިއީ 2019 ވަނަ އަހަރު ގޫގުލްގެ މައްޗަށް ކުރި ދައުވާއަކާ ގުޅިގެން ނެރުނު ހުކުމެކެވެ.

އެ ދައުވާގައި ބުނެފައިވަނީ، ގޫގުލްއިން އެންޑްރޮއިޑް ފޯނު ބޭނުން ނުކުރާ ވަގުތުތަކުގައިވެސް އެ ފޯނުތަކުން މައުލޫމާތު ނަގައި، އެ މައުލޫމާތުތައް ފޮނުވާފައިވަނީ ބޭނުންކުރާ ފަރާތްތަކުގެ ހުއްދަ ނެތި ކަމަށެވެ.

ބޭނުންކުރާ ފަރާތްތަކުގެ ޑޭޓާ ކަނޑައެޅުނު ގޮތް:

ދައުވާގައި ބުނެފައިވަނީ ގޫގުލްއިން ވަނީ ފޯނު ބޭނުން ނުކުރާ ވަގުތުތަކުގައި އަމިއްލަ މައުލޫމާތުތައް ނަގާފައި ކަމަށެވެ. ސެން ހޯސޭގެ ޖޫރީން ބުނީ ގޫގުލްގެ މި އަމަލުތަކުން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ބުރަތަކެއް ކުރިމަތިކޮށްފައިވާ ކަމަށާއި، މިކަމުގެ އެންމެ ބޮޑު ފައިދާ ލިބިފައިވަނީ ގޫގުލްއަށް ކަމަށެވެ. އަދި މި ޑޭޓާ ނެގުމުގެ ސަބަބުން ބޭނުންކުރާ މީހުންގެ ސެލިއުލާ ޑޭޓާވެސް، ހުއްދަ ނެތި ބޭނުންކުރެވިފައިވާ ކަމަށް ދައުވާކުރި ފަރާތްތަކުން ބުނެފައިވެއެވެ.

ދައުވާކުރި ފަރާތްތަކުގެ ގާނޫނީ ޓީމުން ބުނީ ކެލިފޯނިއާގެ ގާނޫނުތަކުގެ ދަށުން ފޯނުގެ ޑޭޓާގެ މިލްކުވެރިކަން އޮންނަނީ ބޭނުންކުރާ ފަރާތްތަކަށް ކަމަށެވެ. ގޫގުލްއިން 2016 ވަނަ އަހަރުން ފެށިގެން މި ހައްގަަށް އަރައިގެންފައިވާ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

ހުކުމަށް ގޫގުލްގެ ރައްދު:

ގޫގުލްއިން ވަނީ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. ގޫގުލްއިން ބުނަނީ މި ހުކުމަކީ އެންޑްރޮއިޑް ޑިވައިސްތަކުގެ ސަލާމަތާއި، ކެފޭބިލިޓީ ދަމަހައްޓަން އެހީތެރިވާ މުހިންމު ހިދުމަތްތަކާ މެދު އޮޅުންތަކެއް އަރައިފާނޭ ހުކުމެއް ކަމަށެވެ. ގޫގުލްއިން ކޯޓުގައި ބުނީ މި ޑޭޓާ ފޮނުވުންތަކުން ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށާއި، ބޭނުންކުރާ ފަރާތްތަކުން ގޫގުލްގެ ޓާމްސް އޮފް ސަރވިސް އަދި ޕްރައިވެސީ ޕޮލިސީއާ އެއްގޮތަށް މިކަމަށް އެއްބަސްވެސް ވެފައިވާ ކަމަށެވެ.

ޓެކްނޮލޮޖީ ހަބަރުތައް ބުނާ ގޮތުގައި މި ހުކުމަކީ ޑޭޓާގެ ސިއްރު ހިފެހެއްޓުމާއި، އަމިއްލަ މައުލޫމާތުތަކުގެ މައްޗަށް ބޭނުންކުރާ ފަރާތްތަކަށް އޮންނަ ބާރާ ބެހޭ ގޮތުން ހިނގާ ގާނޫނީ ހަނގުރާމަތަކުގައި މުހިންމު ހުކުމެކެވެ. މިކަމުގެ ސަބަބުން މުސްތަގުބަލުގައި ޓެކް ކުންފުނިތަކުން ޑޭޓާ ނަގާނެ ގޮތަށާއި، ޑޭޓާގެ ސިއްރު ހާމަކުރާނެ ގޮތަށް ބަދަލުތަކެއް އަތުވެދާނެއެވެ.