"ޖުރާސިކް ވޯލްޑް ރީބަރތް" ފިލްމު ދުނިޔޭގެ ބޮކްސް އޮފީހުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ފިލްމު އަލަށް އަޅުވައިގެން ލިބުނު އާމްދަނީ 312.5 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ލަފާކުރި 260 މިލިއަނަށްވުރެ މާ މަތީ އަދަދެކެވެ.

މިއީ މިދިޔަ އަހަރު ދުނިޔޭގެ ފެންވަރުގައި އެޅުވި، "އަ މައިންކްރާފްޓް މޫވީ" އަށްފަހު ދެވަނައަށް އެންމެ ބޮޑު ފިލްމެވެ. އަދި "ޖުރާސިކް" ފްރެންޗައިޒްގެ ތެރެއިން 2015 ވަނަ އަހަރުގެ "ޖުރާސިކް ވޯލްޑް" (525 މިލިއަން ޑޮލަރު) އަށްފަހު ދެވަނައަށް އެންމެ ބޮޑުކޮށް އެޅުވި ފިލްމެވެ.

މި ފިލްމުގެ ތަރީންގެ ތެރޭގައި ޖޮނާތަން ބެއިލީ، ސްކާލެޓް ޖޮހެންސަން އަދި މަހަރްޝާލާ އަލީ ހިމެނެ އެވެ. ފިލްމުގެ ބައިނަލްއަގުވާމީ މާކެޓުތަކުން 171.3 މިލިއަން ޑޮލަރު ލިބުނުއިރު، ޗައިނާއިން އެކަނި 33.7 މިލިއަން ޑޮލަރު ވަނީ ހޯދާފައެވެ. ސައުތު ކޮރެއާއިން 5.1 މިލިއަން، އިންޑިއާއިން 1.3 މިލިއަން، ޔުނައިޓެޑް ކިންގްޑަމާއި އަޔަލެންޑުން 7.5 މިލިއަން، ފްރާންސުން 1.8 މިލިއަން އަދި މެކްސިކޯއިން 6.5 މިލިއަން ޑޮލަރު ވަނީ ހޯދާފައެވެ. އޮސްޓްރޭލިއާ، ސްޕެއިން، އިޓަލީ، ޖަރުމަނު، ތައިލެންޑް، ޕޯލެންޑް އަދި ޔޫއޭއީ ފަދަ ގައުމުތަކުން ވެސް ރަނގަޅު އާމްދަނީއެއް ވަނީ ހޯދާފައެވެ.

ގަރެތު އެޑްވާޑްސްގެ ޑައިރެކްޝަންއާއި، އާ ވާހަކަތަކާއި، ހައި-އޮކްޓޭން ވިޝުއަލްސްގެ ސަބަބުން މި ފިލްމަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވެއެވެ. ފިލްމު މިހާރު ވެސް "ޖުރާސިކް ވޯލްޑް: ފޯލަން ކިންގްޑަމް" އަށްވުރެ ކުރީގައި އުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.