ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ މައި އެއާޕޯޓު ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދޫކުރި ދޫކުރުން ދިފާއު ކުރައްވައި، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ ބީލަމުގެ އުސޫލުން އެތަން ހިންގާނެ ބަޔަކު ހޯދުން ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ތިއްބަވާ ގުރޫޕެއްގައި ނަޝީދު އެހެން ވިދާޅުވީ، ޖީއެމްއާރް އަތުން އެއާޕޯޓު އަތުނުލި ނަމަ، ދެ ބިލިއަން ޑޮލަރުގެ ދަރަނި ނޭޅި، ފައިދާގައި އޮޕަރޭޓް ކުރެވުނީސް ކަމަށެވެ.

"އިތުރަށް ދަރަނިވެރި ވެގެން ލޯނުތައް ދައްކަން އުޅުމަށްވުރެ އަތުގައި ހުރި އެއްޗެއް ކުއްޔަށް ދީގެން އެ ފައިސާ ހޯދިއްޖެ ނަމަ ރާއްޖެއަށް ކުރާނެ ފައިދާ ވަރަށް ބޮޑު ކަމަށް ފެންނަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެއާޕޯޓުތައް އަދި އެހެނިހެން ވިޔަފާރިތައް ވެސް އަމިއްލަ ފަރާތްތަކުން ހިންގުން ބުއްދިވެރި ކަމަށެވެ. އެގޮތުން ބީލަމުގެ އުސޫލުން އެެތަން ހިންގާނެ ފަރާތެއް ހޯދުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ ބީލަމުގެ އުސޫލުން އެތަން ހިންގާނެ ބަޔަކު ހޯދުން ކަމަށް ނަޝީދު ވިދާޅުވި އިރު، އެ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭ ކަމަށްބުނެ ދަނީ ވާހަކަތައް ދެކެވެމުންނެވެ. ނަމަވެސް އިިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެކަން ދޮގުކުރައްވައިފައެވެ.

މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަދި އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަށް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ހެދި އެއްބަސްވުން ބާތިލުކުރީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އެ އެއްބަސްވުން އުވައިލުމުގެ ބަދަލެއްގެ ގޮތުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ގޮތަށް ތަރައްގީކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އެއްކޮށް ތަރައްގީކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެއެވެ.