ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ބުނެފިއެވެ.
އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ވީޑިއޯ ސެގްމަންޓުގައި ވާހަކަދައްކަވަމުން ޑާސާގެ ހެޑް، ޗީފް އިންސްޕެކްޓާ އެވްސެކް، އަހުމަދު ނަޝީދު ވިދާޅުވީ އާ ޓާމިނަލުގައި ގާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމް (ބީއެޗްއެސް) އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ ސެކިއުރިޓީ މިންގަނޑުތައް އެކުލެވިގެންވާ ސިސްޓަމެއް ކަމަށެވެ.
"އޭވިއޭޝަން ސެއިއުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހައިސިއްޔަތުން މިހާރު ހުޅުވާ ޓާމިނަލް ތެރޭގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ މިންގަނޑުތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ފުރިހަމަ މިންގަނޑުތަކެއް, އެގޮތުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ސަލާމަތީ ގޮތުން ފުރިހަމަ ހިދުމަތްތެއް ފޯރުކޮށްދެވުމަކީ ދުނިޔޭގެ ކަންކޮޅު ތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ހިތްހަމަޖެހުން ލިބިގެންދާނެކަމެއް ކަމަށް ގަބޫލުކުރަން," ނަޝީދު ވިދާޅުވިއެވެ.
އާ ޓާމިނަލަކީ ވަރަށް ގިނަ ގޮތްގޮތުން ރާއްޖެއަށް އުފާވެރިކަން ގެނެސްދޭނެ ތަނަކަށްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އާ ޓާމިނަލްއާއެކު ރާއްޖެ އަންނަން ބޭނުންވާ ގިނަ އެއާލައިންތަކަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ނިންމާފައިވަނީ މި މަހު 26 ގައެވެ.
ޑާސާއަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ މުއާހާދާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ރެގިއުލޭޓް ކުރުމަށާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއަށް ބުރޫއަރާފާނެ ކަންކަމުން ވައިގެ ދަތުރުފަތުރުގެ ނިޒާމު ހިމާޔަތްކުރާނެ އުސޫލު ކަނޑައަޅާ ތަނެވެ.
އޭގެ އިތުރުން އެއާޕޯޓުތަކުގެ ސެކިއުރިޓީ ސަރަހައްދުތައް ކަނޑައެޅުމާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި އެންމެހާ ކަންތައްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ދިވެހި ދައުލަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީވެސް ޑާސާގެ ޒިންމާއެކެވެ.
ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާ ގުޅުންހުރި އެންމެހާ ކަންކަމުގައި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގައި ދިވެހި ދައުލަތް ތަމުސީލު ކުރަމުންދަނީ ވެސް ޑާސާ އެވެ.
އާއިޝަތު މާހާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް